ޚަބަރު

އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް


  • ދިރާގުން ބުނީ މިއިން ހާމަވަނީ އެ ކުންފުނިން ކުރަމުންދާ މަސައްކަތްކަމަށް

  • "ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް" ގެ އެވޯޑްވެސް ދިރާގަށް ލިބުނު

މިއަހަރުގެ އޭޝިއަން ޓެލެކޮމް އެވޯޑްސްގައި ރާއްޖޭގެ ބްރޯޑްބޭންޑް ޓެލެކޮމް ކުންފުނީގެ އެވޯޑް ދިރާގަށް ލިބިއްޖެއެވެ.

އޭޝިއަން ޓެލެކޮމް އެވޯޑަސްއަކީ މި ސަރަހައްދުގެ މުވާސަލާތީ ސިނާއަތުގެ ކާބިޔާބީތައް ފާހަގަކޮށް، ޒަމާނީ ޑިޖިޓަލް މާހައުލެއް ބިނާކުރުމަށް ކުންފުނިތަކުން ހޯދާފައިވާ ކުރިއެރުންތައް ފާހަގަކޮށް ދޭ އެވޯޑެކެވެ.

ދިރާގަށް މި ލިބުނު އެވޯޑަކީ ދިވެހިރާއްޖެ ފަދަ އެތައް ރަށަކަށް އާބާދީ ބެހިފައިވާ ޖަޒީރާ ޤައުމަކަށް ހަލުވި ސްޕީޑްގައި މޯބައިލް އަދި ފައިބަރ ބްރޯޑްބޭންޑްގެ ޚިދުމަތް ފޯރުކޮށްދީ، މުވާސަލާތީ އަދި ޑިޖިޓަލް ވިއުގަ ތަރައްޤީކުރުމަށް އެކުންފުނިން ކޮށްފައިވާ މަސައްކަތްތައް ފާހަގަކޮށް ލިބުނު އެވޯޑެކެވެ.

މި އެވޯޑް ލިބުމާއި ގުޅިގެން ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިސްމާޢީލް ރަޝީދު ވިދާޅުވީ، މި ކާމިޔާބީއިން ހާމަވެގެންދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ހަލުވި ސްޕީޑްގައި އިންޓަރނެޓް ފޯރުކޮށްދީ، ކަސްޓަމަރުންނަށް އެންމެ ފުރިހަމަ ޚިދުމަތް ދިނުމަށް އަޅުގަނޑުމެން ކެނޑިނޭޅި ކުރަމުންދާ މަސައްކަތްކަމަށެވެ.

ދިރާގުން ބުނީ ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށާއި ހުރިހާ ރިސޯޓްތަކާއި ސިނާއީ މަސައްކަތްކުރާ ރަށްރަށަށް 100 އިންސައްތަ މޮބައިލް 4ޖީ ޚިދުމަތް ފޯރުކޮށްދޭކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ތެރޭގައި އެކުންފުނިން ވަނީ 94 އިންސައްތަ ގޭބީސީއަށް ފައިބަރ-ޓު-ދަ-ހޯމް އިންޓަރންޓްގެ ޚިދުމަތްވެސް ފުޅާކޮށް 5ޖީގެ ޚިދުމަތް އާބާދީގެ 50 އިންސައްތައަށްވެސް ފޯރުކޮށްދީފައިކަމަށެވެ.

ދާދި ފަހުން ދިރާގަށް ވަނީ އޫކްލާ ސްޕީޑްޓެސްޓް އެވޯޑްސްއިން 'ރާއްޖޭގެ އެންމެ ހަލުވި މޮބައިލް ނެޓްވަރކް' ގެ އެވޯޑްވެސް ލިބިފައެވެ. މިއީ ދިރާގަށް މި އެވޯޑް ޖެހިޖެހިގެން ލިބުނު ތިންވަނަ އަހަރެވެ.