ޚަބަރު

"ކޭލި" ސޮފްޓްވެއަރއެކު މައްސަލަތައް ނިންމުމަށް އިތުރުކުރިއެރުން ލިބޭނެ: އުއްތަމަ ފަޑިޔާރު


  • ޝަރުއީ ދާއިރާގެ ޚިދުމަތްތަކާއި މައްސަލަތައް އަވަސްވާނެ ކަމަށް ވިދާޅުވި

  • ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއަރ އަކީ ރާއްޖެއަށް މުޅިން އައު ސޮފްޓްވެއަރއެއް

ޝަރުޢީ ދާއިރާއަށް މުޅިން އަލަށް ތަޢާރަފްކުރާ ދިވެހިބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ ސޮފްޓްވެއަރއެއް ކަމަށްވާ "ކޭލި" ސޮފްޓްވެއަރގެ ސަބަބުން ޝަރުއީ ދާއިރާގެ ޚިދުމަތާއި ލަސްވަމުންދާ މައްސަލަ ނިންމުން އިތުރު ކުރިއެރުން ލިބޭނެ ކަމަށް އުއްތަމަ ފަޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަޑިޔާރު މިހެން ވިދާޅުވީ ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާ "ކޭލި" އިފްތިތާހުކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވީ މިސޮފްޓްވެއަރގެ ސަބަބުން ޝަރުޢީ ދާއިރާއަށް ގިނަގުނަ ފައިދާތަކެއް ވާނެކަމަށެވެ. އަދި މި ސޮފްޓްވެއަރ ބޭނުންކުރަން ފެށުމާއެކު ޝަރީއަތްތައް ހިންގައި ނިންމުމުގައި ފަސޭހަކަން ފަނޑިޔާރުންނަށް އިހުސާސްކުރެވިގެންދާނެ ކަމަށެވެ.

އުއްތަމަ ފަޑިޔާރު ވިދާޅުވީ އެތައް ގަޑިއިރެއްގެ ރިކޯޑިން ބެލުމަކީ ފަސޭހަކަމެއް ނޫންކަމަށާއި އެކަމުގައި ވަރަށް ގިނަ މީހުންގެ ވަރަށް ގިނަ ވަގުތުތައް ހޭދަވެގެންދާކަމަށެވެ.

"މި ސޮފްޓްވެއާގައި ދުވަހުން ދުވަހަށް އިމްޕްރޫވްމަންޓް އަންނާނެ. ބޭނުން ކުރާވަރަކަށް މީގެ އެކިއުރެސީ ރަނގަޅުވަމުންދާނެ. މިހާރު ޓެސްޓުތަކުން ދައްކާ ގޮތުގައި 90 އިންސައްތަ އެކިއުރެސީ ރަނގަޅު. އެހެންވީމަ މިއީ ލިޔުމުގައި ފަސޭހަތަކެއް އައިސް ހަމަ އެކަނި ކޯޓުތަކުގައި އެކަންޏެއް ނޫން. މި ސޮފްޓްވެއާ ބޭނުންކުރާ ހުރިހާ ފަރާތްތަކަށްވެސް މީގެން ފަސޭހަތަކެއް ވެގެން ދާނެ" އުއްތަމަ ފަޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ވިދާޅުވިއެވެ.

މިއީ ރާއްޖޭގައި މިފަދަ ސޮފްޓްވެއަރއެއް ބޭނުންކުރަން ފަށާ ފުރަތަމަ ފަހަރުކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ރައީސް ޙިސާން ޙުސައިން ދެއްކެވި ވާހަކައިގައި ވިދާޅުވީ "ކޭލި" ސޮފްޓްވެއަރ ބޭނުންކުރަން ފެށުމަކީ ދިވެހި ބަހަށާއި ޝަރުޢީ ދާއިރާއަށް އިންގިލާބެއް ގެނުވާނެ ކަމެއްކަމަށެވެ. އަދި މީގެ ކުރިން 30 މިނިޓްގެ ބަޔާނެއް ޓައިޕްކުރުމަށް 2 ގަޑިއިރު ހޭދަވާކަން ފާހަގަކުރައްވާ ހިސާން ވިދާޅުވީ ސޮފްޓްވެއަރ މެދުވެރިކޮށް 30 މިނެޓްގެ ބަޔާނެއް ޓައިޕްކުރުމަށް ހޭދަވާނީ ގިނަވެގެން 3 މިނެޓްކަމަށެވެ.

" ކޭލި މިސޮފްޓްވެއާގެ ތެރެއިން 30 މިނިޓްގެ ބަޔާނެއް ލިޔުމަށް ނަގަނީ އެވްރެޖްކޮށް 2 މިނިޓާއި 3 މިނިޓާއި ދެމެދުގެ ވަގުތުކޮޅެއް. މި މަސައްކަތަށް އައި އަވަސްކަމާއި އިންގިލާބީ ބަދަލެއް" ޙިސާން ޙުސައިން ވިދާޅުވިއެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވީ ދިވެހި ބަހުން ދައްކާ ވާހަކަ ތާނައިން ލިޔެވޭ، ސްޕީޗް ޓު ޓެކްސްޓު ސްފޮޓްވެއާގެ ބޭނުމަކީ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ އަވަސް މިނެއްގައި ހިންގަން މަގުފަހިކޮށްދިނުމެެވެ.

މި ސޮފްޓްވެއަރ އަކީ ޝަރުޢީ ދާއިރާއިން ޓެކްނޮލޮޖީއަށް ފައިހަމަކޮށް، ޓެކްނޮލޮޖީގެ މާހައުލުގައިވެސް ދިވެހިބަސް ހިފަހައްޓާލެވޭނެކަން ރަމްޒުކޮށްދޭ އަލިގަދަ ދަލީލެއްކަމުގައި ޑީޖޭއޭއިން ވިދާޅުވެއެވެ.