ޚަބަރު

އެއަރ އެމްބިއުލަންސްގެ ފުރަތަމަ ދަތުރު ކުޅުދުއްފުށްޓަށް


  • ކުޅުދުއްފުށި ސިޓީން ބަލި މީހަކުވަނީ މާލެއަށް އުފުލާފައި

  • މި ބޯޓުގައި، ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރޭ

އެއަރ އެމްބިއުލަންސްގެ ފުރަތަމަ ދަތުރުގައި ކާމިޔާބުކަމާއެކު ބަލި މީހަކު އުފުލައިފިއެވެ.

އެއަރ އެމްބިއުލެންސްގެ ފުރަތަމަ ދަތުރުކޮށްފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. އެގޮތުން މިދަތުރުގައި ހާލުދެރަ ބަލި މީހަކު މާލެއަށް ގެނެސްފައިވާ ކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.

އެއަރ އެމްބިއުލަންސް ޚިދުމަތުގައި ބޭނުންކުރަނީ ޑޭޝް8 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ބޯޓު ފަރުމާކޮށްފައިވަނީ އެއްފަހަރާ 2 މީހުން އުފުލޭގޮތަށެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށުމަށްޓަކައި މިހާރުވަނީ ޞިއްޙަތާ ބެހޭ ވުޒާރާއާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު އެއްބަސްވުމެއް އެކުލަވާލާފައެވެ. މި ޚިދުމަތް 24 ގަޑިއިރު ދިނުމަށްޓަކައި ކުއްލި ފަރުވާގައި މީހުން އުފުލުގެ ޚިދުމަތުގެ ތަމްރީން ލިބިފައިވާ 15 މުވައްޒަފުން މަސައްކަތްކުރާނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އޭގެ ތެރޭގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނޭކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެއަރ އެމްބިއުލަންސްގައި ކުއްލި ހާލަތުގައި ބޭނުންކުރާ އާލާތްތައް ހަރުކޮށްފައި ހުންނާނެއެވެ. އެގޮތުން އޮކްސިޖަންއާއި، ވެންޓިލޭޓަރާއި، އިމަރޖެންސީގައި ބޭނުންވާނެ ތަފާތު އިންޖެކްޝަން ފަދަ ތަކެތި ލިބެން ހުންނާނެއެވެ.

އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވާއިރު، މިވަގުތު ހުއްދަ ލިބިފައި އޮތީ ސްރީލަންކާއަށް ދަތުރުކުރުމަށެވެ. ބަލި މީހުން ގެންދިޔުމަށް ސްރީލަންކާއިން 2 ގަޑިއިރުގެ ތެރޭގައި ހުއްދަ ލިބޭނެކަމަށް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. އަދި އިތުރު ޤައުމުތަކުން ހުއްދަ ހޯދުމުގެ މަސައްކަތް ސަރުކާރުން ގެންދަވަނީ ކުރައްވަމުންނެވެ.

ރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކޮށް ޞިއްޙީ ކުއްލި ފަރުވާގެ ޚިދުމަތް ފުޅާކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ މުހިއްމު ވަޢުދުފުޅެކެވެ. އެގޮތުން ޞިއްޙީ ކުއްލި އެހީ ބޭނުންވާ ޙާލަތްތަކުގައި އިތުރު ބަޔަކަށް ބަރޯސާނުވެ، ދިވެހީންނަށް ޚިދުމަތް ދެވޭނެ މަގުފަހި ކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއް ދެއްވާކަމެކެވެ. މިއާއެކު މެޑިކަލް އިވެކުއޭޝަންގެ ދާއިރާ ހަރުދަނާވެ، އޭގެ ފައިދާ މުޅި ޞިއްޙީ ނިޒާމަށް ކުރާނެކަމަށްވެސް ރައީސް ވަނީ ވދާޅުވެފައެވެ.