ޚަބަރު

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރަނީ ރައްކާތެރި ބޯޓެއް: އައިލެންޑް އޭވިއޭޝަން


  • މި ބޯޓަކީ ކުރިން ޝެޑިއުލް ދަތުރުތަކުގައި ބޭނުންކުރި ބޯޓެއް

  • ބޯޓު ފަރުމާކޮށްފައިވަނީ އިމަރޖެންސީ ފަރުވާ ދެވޭގޮތަށް

  • އެއްފަހަރާ 2 ބަލި މީހުން އުފުލޭނެ

އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރާ މަތިންދާ ބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއްކަމަށް އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑުން ބުނެފިއެވެ.

ޤައުމީ އެއަރލައިން "މޯލްޑިވިއަން" ހިންގާ އައިލެންޑް އޭވިއޭޝަނުން މިގޮތަށް ބުނެފައިވަނީ އެއަރ އެމްބިއުލާންސްގެ ސަލާމަތާއި ރައްކާތެރިކަމާގުޅުވާ ތަފާތު ވާހަކަތައް ދެކެވެމުންދާ ދަނޑިވަޅެއްގައެވެ.

މިކަމާގުޅިގެން އައިލެންޑް އޭވިއޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު މަތިންދާ ބޯޓަކީ ސަލާމަތީގޮތުން ރައްކާތެރި ބޯޓެއްކަމަށެވެ. އަދި އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޭނުންކުރުމަށް ބަދަލުތައް ގެނައުމުގެ ކުރިން އެ ބޯޓަކީ އެކުންފުނީގެ ޝެޑިއުލް ފްލައިޓްތައް އޮޕަރޭޓްކުރުމަށް ބޭނުންކުރަމުންދިޔަ ބޯޓެއްކަން ފާހަގަކުރިއެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ އެއަރ އެމްބިއުލާންސްގެ ގޮތުގައި ބޯޓު ތައްޔާރުކޮށްފައިވަނީ އެމަރޖެންސީ ފަރުވާ އޭގައި ދެވޭގޮތަށް، މެޑިކަލް އިކުއިޕްމަންޓްޓައް ހަރުކޮށްގެންކަމަށެވެ. މަތިންދާ ބޯޓް ދުއްވުމުގައި އަބަދުވެސް އިސްކަންދޭނީ ކްރޫއިންނާއި ދަތުރުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްކަން ޔަޤީންކޮށްދޭކަމަށްވެސް އެކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

ރާއްޖޭގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށްޓަކާ ޞިއްޙީ ވުޒާރާއި، އެންސްޕާއާއި، އައިލެންޑް އެވިއޭޝަން ސަރވިސްއާއެކު ވަނީ އެއްބަސްވުމެއް އެކުލަވާލާފައެވެ. އަދި މި ޚިދުމަތުގައި އެކުންފުނިން ބޭނުންކުރަނީ ޑޭޝް8 މަރުކާގެ މަތިންދާ ބޯޓެކެވެ. މި ބޯޓު ފަރުމާކޮށްފައިވަނީ އެއްފަހަރާ 2 ބަލި މީހުން އުފުލޭގޮތަށެވެ.