ޚަބަރު

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބިނާ ކުރި ދާއިމީ މިސްކިތް އަންނަ ހަފްތާގައި ހުޅުވަނީ


  • ތަރާވީޚް ނަމާދާއި ދަމުނަމާދުވެސް ކުރާނެ

  • 1500 މީހުންގެ ޖާގައިގެ މިސްކިތެއް

  • މާޗްމަހު ފުވައްމުލައް ސިޓީގައި 2 މިސްކިތް ހުޅުވާނެ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުން އަންނަ ދާއިމީ މިސްކިތުގެ މަސައްކަތް ނިންމާ އަންނަ ހަފްތާގައި ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

މިމިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާ ކުރާ މިސްކިތެކެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަމިއްލަ ފަރާތްތަކުން އަޅަމުންދާ 5 މިސްކިތުގެ ތެެރެއިން 1500 މީހުންގެ ޖާގައިގެ ދާއިމީ މިސްކިތް އަންނަ ހަފްތާގައި ހުޅުވާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި މިސްކިތަކީ މިހާރު ފޭސް 2ގައި ބިނާ ކުރަމުންދާ މިސްކިތްތަކުގެ ތެރެއިން އެންމެ ބޮޑު އެއް މިސްކިތްކަމަށެވެ.

ދެވަނަ ފިޔަވަހީގެ މިސްކިތްތަކަށް އިމާމުން ހަމަޖައްސާނީ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ފަރާތްތަކުގެ ތެރެއިން ރީތިކޮށް ކިޔަވާ ޢިލްމީ ފަރާތްތައްކަމަށާއި ޚާއްސަކޮށް ޙާފިޒުންނަށް އިސްކަންދެވޭނެކަމަށެވެ. އަދި މިއަހަރުގެ ރަމަޟާން މަހު ފޭސް 2 ގައި ހުޅުވާ ދާއިމީ މިސްކިތުގައި ތަރާވީހު ނަމާދާއި ދަމު ނަމާދުވެސް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މިހާރު ބިނާ ކުރަމުންދާ މިސްކިތްތަކުގެ އިތުރަށް ދާއިމީ އިތުރު މިސްކިތެއް އެޅުމަށް މަޝްވަރާތައް ކުރައްވަމުން ގެންދަވާކަމަށެވެ.

"މި ރޯދަމަހަށް ނުނިމި ހުރި ތަންތަން ދެން އަންނަ ރޯދަމަހެއްގެ ކުރިން ނިންމާނަން. މިސްކިތްތަކުގެ ވަރަށް ބޮޑެތި މަޝްރޫޢުތައް ކުރިއަށް އެބަދޭ. ދަތިތަކާއެކުވެސް ކުންފުނިތަކުން އެ މަސައްކަތްތައް ކުރަމުން އެބަގެންދޭ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މި މިސްކިތުގެ އިތުރުން ފޭސް 2 ގައި 2800 މީހުންގެ ޖާގައިގެ މިސްކިތަކާއި، 3000 މީހުންގެ ޖާގައިގެ މިސްކިތަކާއި، 1500 މީހުންގެ ޖާގައިގެ މިސްކިތެއްގެ އިތުރުން 1162 މީހުންގެ ޖާގައިގެ މިސްކިތެއްގެ ޢަމަލީ މަސައްކަތް އަންނަނީ ކުރަމުންނެވެ. ހުޅުމާލެ ދެވަނަ ފިޔަވަހީގެ ފުރަތަމަ މިސްކިތް ހުޅުވާފައިވަނީ 2021 ވަނަ އަހަރުއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.ޝަހީމް ވިދާޅުވީ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އިތުރުން ރަމަޟާންމަހަށް ތައްޔާރުވުމުގެ ގޮތުން މާލެއާއި އަތޮޅުތެރޭގެ މިސްކިތްތަކުގެ އާބާތުރަ ފިލުވުމުގެ މަސައްކަތްވެސް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މާރޗްމަހުގެ 7 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި ބިނާކޮށްފައިވާ 2 މިސްކިތެއް ހުޅުވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.