ޚަބަރު

ވީއައިއޭގައި ސްމާޓު ގޭޓު ހަރުކޮށް، ކަސްޓަމްސް ކްލިއަރެންސް ޚިދުމަތް ހަރުދަނާކޮށްފި


  • މިހާތަނަށް މިމަސައްކަތްކުރަމުން އައީ ސްޓިކަރ ހަރުކޮށްގެން

  • މިހާރު އިތުރަށް ބަލަން ޖެހޭ އެއްޗެތީގައި ޓެގު ހަރުކުރާނެ

  • ކްލިއަރެންސް ނުހޯދާ ދާނަމަ، ގޭޓާއި ހަމައިން އެލާމެއް އަޅާނެ

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި "ސްމާޓު ގޭޓް"ގެ ޚިދުމަތް ފަށައިފިއެވެ.

މި ޚިދުމަތް އިފްތިތާޙްކޮށްފައިވަނީ މިކަމަށްޓަކައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގެ ޕެސެންޖަރ ޓާމިނަލްގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާޙިމް ޝަރީފް މުޙައްމަދެވެ.

މި ހަފްލާ ޝަރަފުވެރިކޮށްދެއްވައި މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ދެއްކެވި ވާހަކައިގައި، މިއަދު ކަސްޓަމްސް އިން ތައާރަފްކުރި ސްމާޓް ގޭޓްގެ ސަބަބުން އެއަރޕޯޓުން ފަސިންޖަރުންނަށް ދެމުންގެންދާ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެވި އަވަސް ޚިދުމަތެއް ދިނުމަށް މަގުފަހިކުރެވިގެންދާކަމަށް ވިދާޅުވިއެވެ.

" އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ، އެއަރޕޯޓުގެ ޚިދުމަތް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކާއި ގުޅިގެން އެއަރޕޯޓުން ފަސިންޖަރުންނަށް ދިމާވާ ގޮންޖެހުންތައް ހައްލުކުރުމުގެ މަސައްކަތްކުރުމަށް ތައްޔާރަށް. އަދި މިއީ ވެލާނާ އެއަރޕޯޓުގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު އެޓާމިނަލްގައި މިހާރަށްވުރެ ފަސޭހަކޮށް ޚިދުމަތް ދިނުމަށް އެމް.އޭ.ސީ.އެލް އިން ތަައްޔާރުވަމުންދާކަމުގެ ހެއްކެއް." އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ޚިދުމަތް ހޯދާ ދަތުރުވެރިންގެ ބޮޑު އިންސައްތައަކީ ފަތުރުވެރިންކަމަށްވެފައި، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ދެވޭ ޚިދުމަތަކީ ޤާނޫނާ ޤަވާއިދުތަކުގެ އިމުގެތެރެއިން އަވަސް އަދި ލުއިފަސޭހަ ޚިދުމަތަކަށް ވުމަކީ ރާއްޖޭގެ އިޤްތިޞާދަށް ވަރަށް މުހިއްމު ކަމެއްކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.

މިހަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު ވިދާޅުވީ "ސްމާޓް ގޭޓް" އަކީ ދަތުރުވެރިންނަށް ފަސޭހަކަމާއެކު ކަސްޓަމްސް ކްލިއަރަންސް ފުރިހަމަކުރުމަށް މުހިންމު ވަޞީލަތެއް ކަމަށެވެ. އަދި މި ޚިދުމަތާއެކު ޚަރަދުތައް ކުޑަކުރެވި، ވަގުތުވެސް ސަލާމަތް ކުރެވިގެންދާނެ ކަމަށް މާނިއު ވިދާޅުވިއެވެ.

" ސްޓިކަަރ އެބަ ޖަހާ ޗެކްކުރަން ޖެހޭ އެއްޗެއްގައި، ވަރަށް ބޮޑު ޚަރަދެއްވެސް، މޭން ޕަވާވެސް ދޭ މިކަމަށް، މިހާރު ޗެކްކުރަން ޖެހޭ އެއްޗެއްނަމަ އެލާމެއް އަންނާނެ، އެހެންވީމަ ވަގުތުވެސް ސަމާލަތްވޭ، ޕެސެންޖަރސް އާއި އިންޓަވީން ނުވެ އެކަން އެބަކުރެވޭ،" މާނިއު ވިދާޅުވިއެވެ.

މިހާތަނަށް ކަސްޓަމްސްގެ ރިސްކް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން ދަތުރުވެރިންގެ ލަގޭޖް ސްކޭން ކުރަމުންދާއިރު އިތުރަށް ބަލަންޖެހޭ ލަގޭޖްތަކުގައި ރަތް ސްޓިކަރ ހަރުކުރެވި، "ރެޑް ޗެނަލް" އިން ލަގޭޖްތައް ހުޅުވައި، އިތުރަށް ބަލާފާސްކުރަމުންގެންދެއެވެ.

އަލަށް ތަޢާރަފްކުރި ސްމާޓު ގޭޓު ޚިދުމަތާއި ގުޅޭގޮތުން ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިންޓެންޑެންޓު ޢަބްދުﷲ އަލީ ވިދާޅުވީ ކުރިން ބޭނުންކުރަމުން އައި ރަތް ސްޓިކަރގެ ބަދަލުގައި ދެން ބޭނުންކުރަމުންދާނީ "ރޭޑިއޯ ފްރިކުއަންސީ އައިޑެންޓިފިކޭޝަން (އާރް.އެފް.އައީ.ޑީ) ޓެގް"ކަމަށެވެ. މިޓެގް ހަރުކުރެވޭ ލަގޭޖްގެ ވެރިފަރާތުން ރެޑް ޗެނަލަށް ވަޑައިގެން ކަސްޓަމްސް ކްލިއަރަންސް ހޯދަން ޖެހޭނެ ކަމަށެވެ އޭނާ ވިދާޅުވިއެވެ.

" ކޮންމެ ފޮށްޓަކަށް 5 ރުފިޔާ ޚަރަދުވޭ، މިހާރު މިބޭނުންކުރަނީ ރި ޔޫސަބަލް ޓެގެއް، އެހެންކަމުން ކޮސްޓު އެބަ ސަލާމަތްވޭ، މީގެއިތުރުން، އައިޑެންޓިފައި ކުރުމުގައިވެސް ފަސޭހަވެގެންދާނެ،" ޢަބްދުﷲ އަލީ ވިދާޅުވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ސްމާޓް ގޭޓްގެ ޚިދުމަތް ޤާއިމްކުރުމުގެ ސަބަބުން ޓެރަރިޒަމް، މަނީ ލޯންޑަރިންގް އަދި ހިއުމަން ޓްރެފިކިންގް ފަދަ ކުށްތައް ހުއްޓުވުމާއި، މަސްތުވާތަކެއްޗާއި ރާއްޖެއަށް އެތެރެކުރުން މަނާތަކެތި އެތެރެވުން ހުއްޓުވައި އަދި އެނޫނަސް ޤާނޫނާއި ޤަވާޢިދާއި ޚިލާފު ހަރަކާތްތަކަށް ފާރަވެރިވެ ރާއްޖެއަށް ވަދެނިކުމެވާ ދޮރާށިތައް ޙިމާޔަތްކޮށް ރައްކާތެރިކުރުމުގެ މަސައްކަތް އިތުރަށް ހަރުދަނާވެ، މުޖުތަމައުގެ ރައްކާތެރިކަން ކަށަވަރުކުރެވި، ޤާނޫނާއި ޤަވާޢިދުތައް އެންމެ ފުރިހަމަ ގޮތުގައި ތަންފީޒުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި "ސްމާޓު ގޭޓް"ގެ ޚިދުމަތް ފެށުމުގެ ހަފްލާގައި ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ޔޫސުފް މާނިޢު މުޙައްމަދު، ކަސްޓަމްސްގެ ސީނިއަރ މެނޭޖްމަންޓްގެ ބޭފުޅުން، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީގެ ބޭފުޅުންނާއި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހަރަކާތްތެރިވާ އެހެނިހެން މުޢައްސަސާތަކުގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ވީއައިއޭގައި ސްމާޓް ގޭޓްގެ ޚިދުމަތް ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 14 ހަފްތާގެ މަގުޗާޓުގައި ހިމެނޭ ކަންތައްތަކުގެ ތެރެއިން މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާޞިލްކުރުމަށް ނިންމާފައިވާ ކަމެކެވެ.