ޚަބަރު

އިމާރާތްތައް ބެލެހެއްޓުމަށް ތަމްރީން ލިބިފައިވާ ބަޔަކު ތިބުން މުހިންމު: ވަޒީރު


  • މެއިންޓަނަންސްގެ މަސައްކަތުގައި ޒިންމާވާނެ ބަޔަކު ނެތް

  • މިފަދަ ކޯސްތަކަކީ ރާއްޖެއަށް ވަރަށް މުހިއްމު ކޯސްތަކެއް

  • މެއިންޓަނަންސް މަސައްކަތް ކުރަންޖެހެނީ އިމާރާތުގައި ދިރިއުޅޭ ބަޔަކު

އުސް އިމާރާތްތައް ބެލެހެއްޓުމަށް ތަމްރީން ވެފައިވާ ބަޔަކު އުފެއްދުމަކީ އަމާޒެއްކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިމާރާތްތަކާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުމަށް ކުރިއަށް ގެންދިޔަ ސްޓްރާޓާ މެނޭޖްމަންޓް ކޯސް ނިންމުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ. މިކޯހަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި މަތީ ތަޢުލީމާއި މަސްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއާއި ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން ކުރިއަށްގެންދިޔަ ކޯހެކެވެ.

ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު ވިދާޅުވީ އިމާރާތްތަކާ ގުޅޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ކުރިއަށްގެންދާ މިފަދަ ކޯސްތަކަކީ ރާއްޖެއަށް ވަރަށް މުހިންމު ކޯސްތަކެއްކަމަށެވެ.

ރާއްޖޭގައި މީހުން ދިރިއުޅެނީ އުސް އިމާރާތްތަކުގައިކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ އެތަންތަނުގެ މެއިންޓަނަންސްގެ މަސައްކަތުގައި ޒިންމާވާނެ ބަޔަކު ނެތް ކަމަށެވެ. އެހެންކަމުން މުސްތަގްބަލުގައި އިމާރާތްކުރުމާ ބެހޭ ދާއިރާގެ އެކި ލެވެލްތަކުގެ ކޯސްތައް ކުރިއަށް ގެންދަވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

މި ދާއިރާއިން ކޯސްތައް ކުރިއަށް ގެންގޮސް އިމާރާތް ބެލެހެއްޓުމާއި އިމާރާތް މެނޭޖުކުރުމާއި ގަނެވިއްކުމަށް ބޭނުންވާ ތަމްރީނުވެފައިވާ ބަޔަކު އުފެއްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އުސޫލެއްގެ ގޮތުން އެކަން އޮންނަނީ އެ އިމާރާތެއްގަ ދިރިއުޅޭ ބަޔެއްގެ ޒިންމާއެއްގެ ގޮތުގައި. އެހެންނަމަވެސް ޕްރޮޕަޓީ މެއިންޓަނަންސަކީ ބޮޑެތި ކުންފުނިތަކަށްވެސް ކުރެވިދާނެ ކަމެއް. ނޫނީ ވަކި ފަރުދުންނަށްވެސް ކުރެވިދާނެ ކަމެއް" ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ އަލީ ހައިދަރު ވިދާޅުވިއެވެ.

ޤައުމީ ޔުނިވަރސިޓީގެ ޑެޕިއުޓީ ވައިސް ޗާންސެލަރ އަބްދުއްރަހީމް މުބާރިކް ވަނީ ސްޓްރާޓާ މެނޭޖްމަންޓް ކޯހަކީ ރާއްޖޭގައި ކުރިއަށް ގެންދެވުނު އައު ދާއިރާއެއްގެ ކޯހެއްކަން ފާހަގަކުރައްވާފައެވެ. އަދި މި ކޯހުގެ ބޭނުމަކީ އިމާރާތްކުރުމަށް ޑިވެލޮޕަރުންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުން ކަމަށާއި އޭގެ ސަބަބުން ސްޓްރާޓާ ކޮމިއުނިޓީތަކަށް އަމިއްލައަށް މެނޭޖްކުރެވޭނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"މި ކޯހަކީ ތިން ހަފުތާއަށް ބަހާލައިގެން ފޭސްޓު ފޭސް ކުލާސްތަކެއް މެދުވެރިކޮށް ނަގައިދިން ކުލާހެއް. މި ދާއިރާއަކީ ގިނަ ފުރުސަތުތަކެއް ފަހިވެފައިވާ ދާއިރާއެއް" ޑެޕިއުޓީ ވައިސް ޗާންސެލަރ އަބްދުއްރަހީމް މުބާރިކް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވަނީ ކޯހުގައި ކިޔަވައިދެއްވި ޓީޗަރުންގެ އަގުވަޒަން ކުރުމުގެ ގޮތުން ހަނދާނީ ލިޔުމެއް ހާވަލުކޮށްފައެވެ. އަދި ކޯހުގެ ބައިވެރިންނަށް ވެސް ލިޔުން ހަވާލުކުރިއެވެ.

މި ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދުގެ އިތުރުން މަތީ ތަޢުލީމާއި މަސްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ.މަރިޔަމް މާރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ.