ޚަބަރު

ކުދިން އުފަންވާ ނިސްބަތް މަދުވުމުގެ މައްސަލައަށް ހައްލު ނުހޯދައިފިނަމަ ޤައުމީ ތަރައްޤީއަށް ހުރަސްއެޅޭނެ: ސާޖިދާ


  • ރާއްޖޭގެ މިހާރުގެ އާބާދީގައި ގިނައީ ޒުވާނުން

  • އުފަންވާ ކުދިންގެ ނިސްބަތް މަދުވާން ފެށީ 1990 ގެ އަހަރުތަކުން ފެށިގެން

  • ޙައްލު ނުގެނެވިއްޖެނަމަ ރާއްޖޭގައި އޮންނަނީ ދުވަސްވީ މީހުންގެ އާބާދީއެއް

ރާއްޖޭގައި ކުދިން އުފަންވާ ނިސްބަތް މަދުވުމުގެ މައްސަލައަށް ހައްލު ނުހޯދައިފިނަމަ ޤައުމީ ތަރައްޤީއަށް ހުރަސްއެޅެމުގެ ފުރުސަތު އެބައޮތްކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ ރާއްޖޭގެ އާބާދީ އޮތްގޮތާއި ގުޅޭގޮތުން ބޭއްވި މަތީ ފަންތީގެ ބައްދަލުވުމެއްކަމަށްވާ "ޗޭންޖިން ޕޮޕިއުލޭޝަން ޑައިނަމިކްސްއިން މޯލްޑިވްސް" ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ ރާއްޖޭގައި އުފަންވާކުދިން މަދުވުމުގެ މައްސަލައަކީ ކަންބޮޑުވާ ކަމެއްކަމަށާއި އަދި މިއީ މިކަމަށް ޙައްލު ގެނައުމަށް ލިބޭ ފުރުސަތެއްކަމަށެވެ.

ސާޖިދާ ވިދާޅުވީ މިމައްސަލައަށް ޙައްލު ގެނައުމަށް ހުރިހާ ފަރާތެއް ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށާއި އެހެންނޫންނަމަ މީގެ 20 އަހަރު ފަހުން ރާއްޖޭގެ އިޤްތިޞާދީ އިންޖީނު ހިންގުމަށް ވަޒީފާ އަދާކުރާނެ ވޯކް ފޯސްއެއް ނެތުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ސާޖިދާ ވިދާޅުވީ ފަހިވަމުންދާ ފުރުސަތުތަކާއެކު ޢާއިލާއާއި ދުރަށް ތަޢުލީމާއި ވަޒީފާއާ އެނޫންވެސް ބޭނުންތަކުގައި ދުރު ހިސާބުތަކަށް މީހުން ބަދަލުވާ މަންޒަރު އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއިންވެސް ފެންނަމުންދާކަން ސާޖިދާ ފާހަގަކުރެއްވިއެވެ.

"ރާއްޖޭގެ އާބާދީގެ 76 އިންސައްތައަކީ މަސައްކަތްކުރާ އާބާދީ. މިއީ މިހާރު ވަރަށް ބޮޑު ކުރިއެރުމެއް ޤައުމީ ފެންވަރުގައި. އެހެންނަމަވެސް އުފަންވާ ކުދިންގެ ރޭޓަށް ބަލާއިރު ރާއްޖޭގެ މަސައްކަތްކުރާ އާބާދީ ބޮޑުތަކުން ކުޑަވެ ޤައުމީ ތަރައްޤީއަށް އޭގެ ނޭދެވޭ އަސަރު ކުރާނެ. އެކަމަށް މިއަދު ލިބިފައިވާ ފުރުސަތުގައި ފިޔަވަޅު އަޅަންޖެހޭ." ސާޖިދާ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އޭޝިއާ އަދި ޕެސިފިކް ސަރަޙައްދަށް ޔޫއެންއެފްޕީއޭއިން ކަނޑައަޅާފައި ހުންނަވާ ޑިރެކްޓަރ ޕިއޯ ސްމިތު ވިދާޅުވީ ޤައުމެއްގެ ދުޅަހެޔޮކަމާއި ކުރިއެރުން ހަމައެކަނި ވަޒަން ކުރެވެނީ ޒުވާން އާބާދީއާއެކުގައި ނޫންކަމަށެވެ. އޭގެ ބަދަލުގައި ދުވަސްވީ މީހުންގެ އާބާދީގެ ދުޅަހެޔޮކަމަކީ މުހިއްމުކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ދުނިޔޭގެ ގިނަ ޤައުމުތަކުގައި ކުދިން އުފަންވުން މަދުވުމުގެ މައްސަލަ ރާއްޖޭގައިވެސް ބޮޑުވަމުންދާއިރު އެކަމަށް އަވަސް ޙައްލެއް ހޯދުމަށް އޭނާ ވަނީ ބާރުއަޅުއްވާފައެވެ.

"ވަރަށް ގިނަ ޤައުމުތަކަކަށް އުފަންވާ ކުދިން މަދުވުމުގެ މައްސަލަ އެބަކުރިމަތިވޭ. އެކަމަށް ޙައްލުތަކެއް ގެނައުމަށް މަސައްކަތްކުރަންޖެހޭ. ހަމައެއާއެކު ދަންނަންޖެހޭކަމަކީ އަބާދީ އިތުރުކުރުމަށް މަސައްކަތްކުރާއިރު ޤައުމެއްގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް ދުވަސްވީ މީހުންގެ ދުޅަހެޔޮކަން މުހިއްމުކަން." ޕިއޯ ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ.ޢަލީ ޙައިދަރު ވިދާޅުވީ ސަރުކާރުގެ އުސޫލުތަކުގެ ތެރެއިން ޢާއިލާތަކަށް ލިބޭ ލުއިތައް އިތުރުކޮށް އުފަންވާ ކުދިންގެ އާބާދީ އިތުރުކުރުމާމެދު ވިސްނަންޖެހޭކަމަށެވެ. އަދި ހަމައެއާއެކު މިހާރު އޮތް ޒުވާނުންގެ އާބާދީ، އުމުރުން ދުވަސްވީ މީހުްނގެ އާބާދީއަކަށް ބަދަލުވާއިރު އެކަމަށްޓަކައިވެސް ޤައުމުގެ ސިއްޙީ ޚިދުމަތާއި އެނޫންވެސް ޢާއްމު އިޖުތިމާޢީ ޚިދުމަތްތައް ފުޅާކުރަންޖެހޭކަން ވަޒީރު
ވަނީ ފާހަގަކުރައްވާފައެވެ.

"މިމައްސަލަ ޙައްލުކުރުމަށް ޕޮލިސީ ލެވެލްގައި ބަދަލުތަކެއް ގެންނަންޖެހޭ. މިގޮތުން ޕޮލިސީތައް ތަޢާރަފްކޮށް މަސައްކަތު ވަގުތު ބެލެންސްކުރުމާއި، ޗައިލްޑް ކެއަރ ސަޕޯޓްގެ ޚިދުމަތާއި، އަންހެނުން ބާރުވެރިކުރުވުމާއެކު މިޕްރެޝަރކުޑަވެގެންދާނެކަމަށް ބެލެވޭ." ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވަނީ 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ނަތީޖާގެ މައްޗަށް ބިނާކޮށް ނެރެފައިވާ ތަފްސީލީ ދިރާސާތައް ޢާއްމުކޮށްފައެވެ. އަދި މިނަތީޖާތަކަށް ބިނާކޮށް ރަށު ފެންވަރުގައި ތައްޔާރުކޮށްފައިވާ އައިލެންޑް ކާޑުތައް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވަނީ އިފްތިތާޙްކޮށްދެއްވާފައެވެ. މީގެއިތުރުން މިރަސްމިއްޔާތުގައި ރާއްޖޭގެ އާބާދީއަށް އަންނަމުންދާ ބަދަލުތަކާއި ބެހޭގޮތުން ހައިލެވެލް ޕެނަލް ޑައިލޮގެއްވެސް ކުރިއަށްގެންގޮސްފައެވެ. މިޑައިލޮގްގައި ސިޔާސަތު ކަނޑައެޅުމުގައި އާބާދީއާއި ގުޅުންހުރި މައްސަލަތަކާއި ދަރިމައިވުމުގެ ރޭޓް ދަށްވުމާއި ގުޅިގެން ޖެހޭ މައްސަލަތަކާއި އާބާދީ ދުވަސވްަމުން އައުމުން ކުރިމަތިވާ ގޮންޖެހުންތަކުގެ މައްޗަށް އަލިއަޅުވާލާ މަޝްވަރާކުރައްވާފައިވެއެވެ.