ޚަބަރު

ވީއައިއޭ ތަރައްޤީކުރުމުގެ އެންމެފަހުގެ މައުލޫމާތު ސައުދީ ފަންޑުގެ ބޭފުޅުންނާއި ހިއްސާކޮށްފި


  • އެސްއެފްޑީއަކީ ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަށް ފަންޑުކޮށްދޭ ބޭރުގެ އިދާރާއެއް

  • އެސްއެފްޑީގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށްވަނީ އައިސްފައި

  • މިވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އޭޝިއާ އޮޕަރޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތަރައްޤީގެ މަޝްރޫޢާ ގުޅޭގޮތުން ސައުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓު، އެސްއެފްޑީއާއެކު މާލީ ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ.

އެސްއެފްޑީއަކީ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު، ވީއައިއޭ ތަރައްޤީކުރުމުގެ މަޝްރޫޢަށް ފަންޑުކޮށްދޭ ބޭރުގެ އިދާރާއެވެ. ވީއައިއޭ ތަރައްޤީކުރުމުގައި އެސްއެފްޑީގެ އިތުރުން އޯޕެކް ފަންޑު ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓު، އޮފިޑު، އަބޫދާބީ ފަންޑު ފޮރ ޑިވެލޮޕްމަންޓު، އޭޑީއެފްޑީ އަދި ކުވެއިތު ފަންޑު ފޮރ ޑިވެލޮޕްމަންޓުން މާލީ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.

އެސްއެފްޑީއޭގެ މަތީ ފަންތީގެ ވަފުދެއް ރާއްޖެއަށް އައިސްފައިވާއިރު، މި ވަފުދުގައި އެންމެ އިސްކޮށް ހުންނެވީ އޭޝިއާ އޮޕަރޭޝަންސްގެ ޑިރެކްޓަރ ޖެނެރަލް، ޑރ. ސައުދު އަލްޝައްމަރީއެވެ.

މާލީ ވުޒާރާއިން ވިދާޅުވީ އެސްއެފްޑީއާއެކު ބޭއްވެވި ބައްދަލުވުމުގައި ވީއައިއޭގެ ތަރައްޤީގެ މަޝްރޫޢު ކުރިއަށްދާގޮތުގެ އެންމެ ފަހުގެ މައުލޫމާތާއި، މި މަޝްރޫޢު ކުރިއަށް ގެންދިޔުމުގައި ހުރި ގޮންޖެހުންތައް ހިއްސާކުރެއްވި ކަމަށެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢު ފަށާފައިވަނީ 2016 ވަނަ އަހަރުގެ އޭޕްރީލް މަހުގެ 6 ވަނަ ދުވަހުއެވެ. އަދި އައު ޓަރމިނަލްގެ މަސައްކަތް ސަޢޫދީ އަރަބިއްޔާގެ، ސަޢުދީ ބިން ލާދިން ގްރޫޕާއި ހަވާލުކުރައްވާފައިވަނީ 2016 ވަނަ އަހަރުގެ މެއި މަހުގެ 22 ވަނަ ދުވަހުއެވެ.

ވީއައިއޭގެ އައު ޓަރމިނަލަކީ އަހަރަކު 7 މިލިއަން ފަސިންޖަރުންނަށް ޚިދުމަތްދެވޭ ފެންވަރަށް ތަރައްޤީކުރާ ޓަރމިނަލެކެވެ. މި ޓަރމިނަލަކީ 78 ހާސް އަކަ މީޓަރުގެ ޖާގައިގެ ޓަރމިނަލެކެވެ.

އައު ފަސިންޖަރ ޓާރމިނަލް ތަރައްޤީކުރަނީ އެންމެފަހުގެ ޒަމާނީ ވަޞީލަތްތަކާއެކުއެވެ. އެގޮތުން އެއިރޯ ބޯޑިން ބްރިޖްތަކާއި، އެންމެ ފަހުގެ ޒަމާނީ ބެގޭޖް ހޭންޑްލިން ސިސްޓަމްތައް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ. އައު ޓާރމިނަލް އިމާރާތުގެ ސަބަބުން މިހާރު ހުރި ޓަރމިނަލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުވާނެއެވެ. އަދި އެފްއެންބީގެ ގިނަ އައުޓްލެޓްތަކާއި، ރީޓެއިލް ސްޕޭސްތަކާއި، ލައުންޖްތަކާއި އެހެނިހެން ޚިދުމަތްތައްވެސް މިތަނުގައި ޤާއިމުކުރާނެއެވެ.