ޚަބަރު

ރާއްޖެއަށް ކާޑު ގެންނަ ބޯޓު ތުރުކީވިލާތުން ފުރައިފި


  • ކާޑުގެ ޝިޕްމަންޓު މިހާރުވަނީ ތުރުކީން ފުރާފައި

  • އެކި ޤައުމުތަކުން ކާޑުގެ ބާވަތްތައް ގެނައުމަށް ދަނީ މަސައްކަތްކުރަމުން

  • މިހާރުވެސް ދުބާއީ އާއި ލަންކާއިންވެސް ކާޑު ގެނޭ

ދިވެހިރާއްޖެއަށް ގެންނަ ކާޑުގެ ބާވަތްތައް ގެންނަ ބޯޓު ތުރުކީވިލާތުން ފުރާފައިވާ ކަމަށް އެސްޓީއޯއިން ބުނެފިއެވެ.

ތުރުކީވިލާތުން ކާޑުގެ ބާވަތްތައް ގެނައުމާއި ގުޅޭ ވާހަކަތައް ދެކެވިފައިވަނީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ޑިސެމްބަރު މަހު އެ ޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ވަކި ބަޔަކަށް ބަރޯސާނުވެ، އަމިއްލަ ފައި މައްޗަށް ތެދުވެފައިވާ ބަޔަކަށް ދިވެހިން ހެދުންކަމަށެވެ. އެ ގޮތުން ރާއްޖެއަށް ބޭނުންވާ އަސާސީ ކާބޯތަކެތީގެ ބާވަތްތައް ހޯދުމަށް ވެސް ވަކި ޤައުމަކަށް ބަރޯސާވުން ހުއްޓާލުމަށްޓަކައި އެހެން ޤައުމުތަކުން އެތަކެތި ގެންނަން ނިންމާފައިވާކަމަށެވެ.

އެ ގޮތުން ރާއްޖެއަށް އެއް އަހަރަށް ބޭނުންވާ މިންވަރަށްވުރެ ވެސް އިތުރަށް ތުރުކީވިލާތުން ހަނޑޫ، ހަކުރު، ފުށް ގެންނަން ނިންމަވައި، އެކަމާއި ގުޅޭ އެއްބަސްވުންތައް ޤާއިމްކޮށްފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ފިޔާ، ބިސް އަދި އަލުވިވެސް އިތުރު ޤައުމުތަކުން ގެނައުމުގެ މަސައްކަތް ކުރިއަށްދާކަމަށް ވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ތުރުކީވިލާތުން އަންނަ ކާޑުގެ ޝިޕްމަންޓު ރާއްޖެއަށް ފޯރާނެ ވަކި ދުވަހެއް ބުނަން އަދި ނޭނގޭ ކަމަށް އެސްޓީއޯއިން ބުނެއެވެ. އެ ކުންފުނިން ބުނީ ރާއްޖެއަށް ކާޑުގެ ބާވަތްތައް ގެނައުމަށް އެކި ޤައުމުތަކާއެކު މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އެ ގޮތުން މިހާރު ވެސް ދުބާއީން ހަކުރު ގެންނަ ކަމަށާއި ސްރީލަންކާއިން ގޮދަން ފުށް ވެސް ގެންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.