ޚަބަރު

ސަރުކާރުން މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފި


  • ފާއިތުވި 6 ދުވަސްތެރޭ މިފްކޯއިން ވަނީ މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފައި

  • މިދިޔަ ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ ދޫކޮށްފައިވޭ

  • ނުދެވި ހުރި ފައިސާ މަރޗު 5ވަނަ ދުވަހުގެ ނިޔަލަށް ދިނުމަށް ދަނީ މަސައްކަތްކުރަމުން

މި ސަރުކާރުން މިހާތަނަށް މަސްވެރިންނަށް 561 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.

މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަވަހަށް ދިނުމަށް ސަރުކާރުން ގެންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފާއިތުވި 6 ދުވަސްތެރޭ މިފްކޯއިން ވަނީ މަސްވެރިންނަށް 105 މިލިއަން ރުފިޔާ ދޫކޮށްފައެވެ.

މިކަމާއި ގުޅޭގޮތުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާއިން އެކްސްގައި ހިއްސާކުރި ޕޯސްޓެއްގައިވަނީ، މަސްވެރިންނަށް ދޭންޖެހި ނުދެވިވާ ފައިސާ ދެއްކުމަށް ކަމާގުޅޭ އިދާރާތައް މެދުވެރިކޮށް ގިނަ މަސައްކަތްތަކެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން މިމަހުގެ 26ވަނަ ދުވަހު މިފްކޯއިން ޖަމާކުރި 35 މިލިއަން ރުފިޔާއާއެކު މިދިޔަ ބުދަ ދުވަހާއި މިހަފްތާގެ ހޯމަދުވަސް ހިމެނޭހެން ޖުމްލަ 105 މިލިއަން ޖަމާކޮށްދީފައިވާނެކަމަށެވެ.

އަދި ބެކްލޮގްގައި ހުރި ފައިސާ މަސްވެރިންނަށް ދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް މަސައްކަތްކުރަމުން އަންނަ ކަމަށްވެސް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

އެވުޒާރާއިން ވިދާޅުވީ މަސްވެރިންނަށް، މިދިޔަ ނޮވެމްބަރު 17ވަނަ ދުވަހުން ފެށިގެން ޖުމްލަ 561 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ތެލަށާއި އައިސްއަށް ދެވިފައިވާ ފައިސާވެސް ހިމެނޭނެ ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މަސްވެރިކަމާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު މީގެކުރިން ވިދާޅުވެފައިވަނީ މަސްވެރިންނަށް ނުދެވި ހުރި ފައިސާ އަންނަ މަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ދީ ސަރުކާރުން ނިންމާނެ ކަމަށެވެ.

17 ރުފިޔާއަށް މިފްކޯއަށް ގަންނަމުންދިޔަ މަސް ކިލޯއެއްގެ އަގު، މިފްކޯއަށް ގެއްލުންވާ ގޮތަށް 25 ރުފިޔާއަށް ނިމިދިޔަ ސަރުކާރުން ބޮޑުކުރީ މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރުއެވެ. އަގަށް ބަދަލު ގެނައުމަށްފަހު ކިރުވާފައިވާ މަހަށް 250 މިލިއަން ރުފިޔާގެ މަސްވެރިންނަށް ނުދީ ހުރިކަން ވަޒީރު ޝިޔާމު ފާހަގަކުރެއްވިއެވެ.

މިފްކޯއަށް މަސް ގަންނަމުންދިޔަ އަގު މުރާޖަޢާކުރުމަށްފަހު، މަސް ކިލޯއެއް ގަންނަ އަގު 20 ރުފިޔާއަށް ބަދަލުކުރުމަށް މިމަހުގެ 11ވަނަ ދުވަހު ސަރުކާރުންވަނީ ނިންމަވާފައެވެ. މިގޮތަށް ނިންމެވީ އިކޮނޮމިކް ކައުންސިލްގައި އެކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމަށްފަހުއެވެ.