ޚަބަރު

ކުޅުދުއްފުށީގައި 2000 ހައުސިން ޔުނިޓް އިމާރާތްކުރުމުގެ މަސައްކަތް މިއަހަރު ފަށާނަން: ރައީސް


  • ރައީސް ވިދާޅުވީ ކުޅުދުއްފުށީ ތަރައްޤީކުރާނީ އަރބަން ސެންޓަރެއްގެ ގޮތުގައިކަމަށް

  • މިހާރު އެކި މަރުހަލާގައި ކުރިއަށްދާ މަސައްކަތާއެކު 3400 ހައުސިން ޔުނިޓް ކުޅުދުއްފުށީގައި އަޅާ

  • ރައީސް ވިދާޅުވީ ޓޫރިޒަމްގެ ޕްރޮޖެކްޓްތަކެއްވެސް ރަށަށް މަންފާ ލިބޭގޮތަށް ހިންގަވާނެކަމަށް

މިއަހަރުގެ ތެރޭގައި ކުޅުދުއްފުށި ސިޓީގައި 2000 ހައުސިން ޔުނިޓްގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އުތުރަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ހދ.ކުޅުދުއްފުށީ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުޅުދުއްފުށި ސިޓީ ވެގެންދާނީ ސަރުކާރުން ރާއްޖޭގެ 7 ސަރަޙައްދެއްގައި އަރބަން ސެންޓަރު ތަރައްޤީކުރަން ނިންމާފައިވާ ޕްރޮޖެކްޓްގެ 1 ރަށަށްކަމަށެވެ. ބޮޑެތި ރަށްތަކުގައި ޢުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ފުރުޞަތުތައް ފަހިކޮށްދީ، އެހެން ރަށްރަށުގެ ރައްޔިތުން އަމިއްލަ އިޚްތިޔާރުގައި އެފަދަ ރަށްތަކަށް ހިޖުރަކުރުމުގެ ފުރުޞަތު ފަހިކޮށްދެއްވާނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މިގޮތުން އެންމެ އިސްކަންދޭ މަސައްކަތެއްގެ ގޮތުގައި ކުޅުދުއްފުށީގައި ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢެއް މިއަހަރުގެ ތެރޭގައި ފައްޓަވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ ކުޅުދުއްފުށީގެ ރައްޔިތުންނަށް ވަޢުދުވެވަޑައިގެންފައިވާ ގޮތަށް އެ ރަށުގައި މިއަހަރުގެ ތެރޭގައި 2000 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫޢެއް ފައްޓަވާނެކަމަށެވެ. ރައީސް ވިދާޅުވީ މި މަޝްރޫޢުއާއެކު ކުޅުދުއްފުށީގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބޭނެކަމަށެވެ.

"ކުރީ ސަރުކާރުން ފެށި 400 ޔުނިޓް. މިހާރު މަސައްކަތް ހަވާލުކޮށްފައިވާ އިތުރު 1000 ޔުނިޓް އެބައޮތް. އަދި މި ސަރުކާރުގައި ތަރައްޤީކުރާ 2000 ޔުނިޓާއެކު ޖުމްލަ 3400 ހައުސިން ޔުނިޓް މިރަށަށް އަންނާނެ." ރައީސް ވިދާޅުވިއެވެ.

ކުޅުދުއްފުށީގެ ތަރައްޤީއަށް ސަރުކާރުން ކުރައްވަން ނިންމަވާފައިވާ އިތުރު މަސައްކަތްތަކުގެ ތެރޭގައި ރާއްޖެއަށް މުހިންމު ޞިއްޙީ ހުރިހާ ޚިދުމަތެއް ހިމެނޭހެން ހޮސްޕިޓަލެއް ތަރައްޤީކުރުމާއި، އެއަރޕޯޓް ސަރަހައްދުގައި އޮތް ހުސްބިމުން ނަފާ ލިބޭގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން ހިމެނެއެވެ. އަދި ރަށުގައި ކުޅިވަރު ފެސިލިޓީ ޤާއިމްކުރުމާއި، ހުރިހާ މަގުތައް ތާރު އަޅައިގެން ތަރައްޤީ ކުރުމާއި ބަނދަރުގައި ހުރި މައްސަލަތައް ހައްލުކޮށްދިނުން ހިމެނެއެވެ.

މީގެ އިތުރުން މިސަރަހައްދަށް ނަފާ ލިބޭގޮތަށް މިސަރަހައްދުގައި އޮތް ފަޅު ރަށް "ކޭލަކުނު"ގައި އިކޯ ޓޫރިޒަމްގެ ބޮޑު މަޝްރޫޢެއް ހިންގަވާނެ ކަމަށްވެސް ރައީސްވަނީ ވިދާޅުވެފައެވެ.