ޚަބަރު

މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، މިއަހަރު ބޭނުންކުރަން ފެށޭނެ: ރައީސް


  • މަކުނުދޫ އެއަރޕޯޓް ރަންވޭ 1500 މީޓަރުން 1800 މީޓަރަށް ބޮޑުކޮށްދެއްވާނެ

  • މިއީ ސަރުކާރުން ޚާއްސަ އިސްކަމެއްދޭ މަޝްރޫޢެއް

މަކުނުދޫ އެއަރޕޯޓުގެ މަސައްކަތް ނިންމައި، އެއަރޕޯޓް ބޭނުންކުރަން ފެށޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ރައީސްގެ ޖަވާބު" ސިލްސިލާގެ ތެރެއިން ހދ.މަކުނުދޫ، ލިބަޓީ، އިފާސާ އަޙްމަދު، މަކުނުދޫ ވައިގެ ބަނދަރު ނިމޭނެ ދުވަހާއި ގުޅޭގޮތުން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ އެރަށުގެ ރައްޔިތުންނަށް އުފާވެރި ޚަބަރެއް ދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މަކުނުދޫ އެއަރޕޯޓު މަޝްރޫޢަކީ ސަރުކާރުން މިހާރުކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން މުހިއްމު މަސައްކަތެއްކަމަށެވެ. އަދި އެމަސައްކަތް ވީއެންމެ އަވަހަކަށް ނިންމުމަކީ އަމާޒެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މަކުނުދޫއަކީ ވަރަށް އެކަހެރިކޮށް އޮންނަ ރަށެއް. އެހެން ރަށްތަކާއި ޙިލާފަށް ދަތުރުފަތުރުވެސް ކުރަން ދަތި ރަށެއް. މިހާރު ފެށިފައި އޮތް އެއަރޕޯޓުގެ މަސައްކަތަކީ ވަރަށް އިސްކަމެއްދޭ މަސައްކަތެއް. ރައްޔިތުން އެދޭގޮތަށް މަޝްރޫޢު ބައްޓަންކޮށްގެން ކުރިއަށްގެންދާނީ. މިއަހަރު ނިމެންވާއިރަށް އެއަރޕޯޓުގެ މަސައްކަތް ނިންމޭ އޭގެ ފަސޭހަ ލިބިގެންދާނެކަމަށް އަޅުގަނޑު ޤަބޫލުކުރަނީ." ރައީސް ވިދާޅުވިއެވެ.

އުތުރުގެ ރަށްތަކަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާވަނީ މަކުނުދޫ އެއަރޕޯޓުގެ ރަންވޭ ބޮޑުކޮށްދެއްވާނެކަންވެސް ޢިއުލާންކުރައްވާފައެވެ. މިގޮތުން 1500 މީޓަރަށް ތަރައްޤީކުރަމުންދިޔަ މަކުނުދޫ އެއަރޕޯޓުގެ ރަންވޭ 1800 މީޓަރަށް ބޮޑުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

މަކުނުދޫ އެއަރޕޯޓުގެ މަސައްކަތަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. މިމަސައްކަތް ބިގްފިޝް މޯލްޑިވްސްއާއި ޙަވާލުކޮށް ޢަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައެވެ. އަހަރު ދުވަހުން ނިންމުމަށް ޙަވާލުކުރި މިމަޝްރޫޢުގެ ދަށުން 43 ހެކްޓަރުގެ ބިން ހިއްކުމަށް އޭރުވަނީ ނިންމާފައެވެ. މިމަސައްކަތް ބިގްފިޝްއާއި ޙަވާލުކޮށްފައިވަނީ 16 މިލިއަން ޑޮލަރަށެވެ.