ޚަބަރު

ދެމެހެއްޓެނިވި ގޮތަށް ކާނާ އުފެއްދުމަށް ކުދި ޤައުމުތަކަށް އޮތް ގޮންޖެހުމަކީ މާލީ ތަނަވަސްކަން: ރަމީލާ


  • ރާއްޖެފަދަ ކުދި ޤައުމުތަކަށް ދިމާވާ ދަތިތައް ވަޒީރު ހިއްސާކުރެއްވި

  • މާލީ އެހީ ދިނުމަށް ބޮޑެތި ޤައުމުތަކަށް ގޮވާލި

ދެމެހެއްޓެނިވި ގޮތަކަށް ކާނާ އުފައްދާ ބޭނުންކުރާ ނިޒާމަކަށް ދިއުމަށް ރާއްޖެ ފަދަ ކުދި ޤައުމުތަކަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަން ނެތުންކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ.އާއިޝަތު ރަމީލާ ވިދާޅުވެއްޖެއެވެ.

އދ.ގެ ކާނާއާއި ދަނޑުވެރިކަމާއިބެހޭ ޖަމްއިއްޔާ (ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން) ގެ 37 ވަނަ ރީޖަނަލް ކޮންފަރެންސް ފޮރ އޭޝިއާ އެންޑް ދަ ޕެސިފިކްގެ މިނިސްޓީރިއަލް ބައްދަލުވުމުގައި ރާއްޖޭގެ ފަރާތުން އެންމެ އިސްކޮށް ބައިވެރިވެވަޑައިގެންނެވީ ދަނޑުވެރިކަމާ ދިރޭތަކެއްޗާއި ބެހޭ ވަޒީރު ޑރ.އާއިޝަތު ރަމީލާއެވެ.

މި ބައްދަލުވުމުގެ ތެރެއިން، 'ސްމޯލް އައިލެންޑް ޑިވެލޮޕްމަންޓް ސްޓޭޓްސް' (ސިޑްސް)، ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތައް ނުވަތަ 'ލީސްޓް ޑިވެލޮޕްޑް ކަންޓްރީސް' (އެލް.ސީ.ޑީ) އަދި 'ލޭންޑްލޮކޮޑް ޑިވެލޮޕިންގް ކަންޓްރީސް' (އެލް.އެލް.ޑީ.ސީ) އަށް ނިސްބަތްވާ ޤައުމުތަކުގެ ސްޕެޝަލް މިނިސްޓީރިއަލް ސެޝަންގައި ޕެނަލިސްޓެއްގެ ގޮތުގައި ޑރ.އާއިޝަތު ރަމީލާ ބައިވެރިވެވަޑައިގެންފައިވެއެވެ. އެކަމަނާވަނީ ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުންނާއި، އެކަށީގެންވާ ވަސީލަތްތައް ނެތުމުގެ ސަބަބުން ފުޑް ސެކިއުރިޓީ ޤާއިމުކުރުމަށް ހުރި ގޮންޖެހުންތަކާއި، އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

މީގެ އިތުރުން، ވަޒީރު ރަމީލާ ވަނީ ކާނާއާއި ދަނޑުވެރިކަމާއި ބެހޭ ރާއްޖޭގެ މުއައްސަސާ ތަމްސީލް ކުރާ އެންމެ އިސްފަރާތުގެ ހައިސިއްޔަތުން، ރާއްޖޭގެ ދަނޑުވެރިކަމާއި މަސްވެރިކަމުގެ ހާލަތާއި، މި ދެދާއިރާއިން ރާއްޖެއަށް އެހީތެރިކަން ބޭނުންވާ ކަންތައްތައް ހިމެނޭހެން 'ކަންޓްރީ ސްޓޭޓްމަންޓް' އެއް ދެއްވާފައެވެ.

މި ސްޓޭޓްމަންޓްގައި، ދަނޑުވެރިކަމާއި، މަސްވެރިކަން އަދި މެރިކަލްޗަރ ތަރައްޤީކުރުމަށް ހުރި ގޮންޖެހުންތަކާއި، މި ގޮންޖެހުންތައް ކުޑަކޮށް ރާއްޖޭގެ ފުޑް ސެކުއިރިޓީ އަދި ނިއުޓްރިޝަން ހާލަތު ރަނގަޅުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ ސިޔާސަތުތައް ތަންފީޒުކުރުމުގައި ކުރަމުންދާ މަސައްކަތްތައް ވަނީ ފާހަގަކުރައްވާފައެވެ. އަދި ދަނޑުވެރިކަމާއި، މަސްވެރިކަމާއި، މެރިކަލްޗަރ ދާއިރާ ތަރައްޤީކުރުމަށް ބޭނުންވާ ސަރަހައްދީ ޤައުމުތަކުގެ އެއްބާރުލުމާއި، އެހީތެރިކަމާއި ގުޅޭގޮތުންވަނީ އަލިއަޅުވާލައްވާފައެވެ.

ދެމެހެއްޓެނިވި ގޮތަކަށް ކާނާ އުފައްދާ އަދި ބޭނުންކުރާ ނިޒާމަކަށް ބަދަލުކުރުމާއި ގުޅޭގޮތުން ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވަޒީރު ރަމީލާވަނީ މިފަދަ ބަދަލަކަށް ވާސިލުވުމަށް ރާއްޖެ ފަދަ ކުދި ގައުމުތަކަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ތަނަވަސްކަންނެތުމުގެ މައްސަލަކަމަށް ފާހަގަކުރައްވާފައެވެ. އަދި މާލީ ތަނަވަސްކަން ހުރި ޤައުމުތަކުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ގޮވާލައްވާފައެވެ.

ކޮންމެ 2 އަހަރަކުން އެއްއަހަރު އޭސިއާ ޕެސިފިކް ސަރައްހައްދުގައި ކާނާއާއި ދަނޑުވެރިކަމާއި ގުޅޭގޮތުން ބާއްވާ އެންމެ ބޮޑު ކޮންފަރެންސް 2026 ވަނަ ބޭއްވުމަށް ހަމަޖެހިފައިވަނީ ޕާކިސްތާނުގައެވެ.