ޚަބަރު

ތިން މަސް ދުވަހުން ސޮވެރިން ފަންޑަށް 30 މިލިއަން ޑޮލަރު ވަނީ ޖަމާކޮށްފައި: ސަޢީދު


  • މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ފަންޑުގައި ހުރީ 2 މިލިއަން ޑޮލަރާއި 2.3 މިލިއަން ރުފިޔާ

  • އިޤްތިޞާދީ ގޮތުން ރައީސް އަޅުއްވާ ފިޔަވަޅުތައް ދުނިޔޭގެ މާލީ އިދާރާތަކުން ބަލައިގަނޭ

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ ތިން މަސް ދުވަހުގެ ތެރޭގައި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް 30 މިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ތިލަދުންމައްޗަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ކެލާއަށް ވަޑައިގެން ރަށުގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަދައްކަވަމުންނެވެ. މި ސަރުކާރު އައިއިރު ރާއްޖޭގެ އިޤްތިޞާދީ ޙާލަތު އޮތްގޮތާއި އެކަން ހައްލު ކުރުމަށް ކުރަމުން އަންނަ ކަންކަމަށް މި ބައްދަލުވުމުގެ ތެރެއިން ސަޢީދު އަލިއަޅުއްވާލެއްވިއެވެ.

ސަޢީދު ވިދާޅުވީ ރައީސް ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ފައިސާ ޗާޕުކޮށް ދިވެހި ރުފިޔާގެ އަގު ވެއްޓިފައިވާ ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުޢިއްޒު ރުފިޔާ ޗާޕުކުރުން ހުއްޓާލާފައިވާ ކަމަށާއި، އެކަން މިއަދު ދުނިޔޭގެ މާލީ އިދާރާތަކުންވެސް ބަލައިގެންފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ރައީސް ޑރ. މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން އެމެރިކާ ޑޮލަރާއި 2.4 މިލިއަން ދިވެހި ރުފިޔާކަން ފާހަގަކުރައްވައި ސަޢީދު ވިދާޅުވީ މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު 30 މިލިއަން ޑޮލަރު 3 މަސް ދުވަހުގެ ތެރޭގައި އެ ފަންޑަށް ޖަމާވެފައިވާ ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިތާ 3 މަސްދުވަހުގެ ތެރޭގައި ފަންޑަށް 30 މިލިއަން އެމެރިކާ ޑޮލަރު އެހެރީ ޖަމާކޮށްފައި. މިއީ ވެރިންނަކީ. މިއީ ޤައުމު ދެކެ ލޯބިވާ ވެރިންނަކީ. މި ރޭޝިއޯއިން ބަލާއިރު އަހަރެއްގެ ތެރޭ 130 މިލިއަން ޑޮލަރު ފަހަށް ރައްކާ ކުރެވޭ މި ފަންޑަށް ޖަމާވާނެ. ޒިންމާދާރު ރިފޯމުތަކާއެކު މި ޤައުމުގެ ކުރިމަގު ދާނީ ބާރު ސްޕީޑުގައި ކުރިއަށް" ސަޢީދު ވިދާޅުވިއެވެ.

ސަޢީދު ވިދާޅުވީ ކެލާއަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންފައިވާ ވައުދުފުޅުތަކުގެ ތެރެއިން އެ ރަށު ފަޅުގައި ރިސޯޓު ތަރައްޤީ ކުރުމުގެ މަސައްކަތް ކޮށްދެއްވާނެކަމަށް ފަތުރުވެރިކަމާ ބެހޭ ވަޒީރު ވިދާޅުވި ކަމަށެވެ. އަދި އެ މަޝްރޫއު ކުރިއަށްގެންދާނީ ރައްޔިތުންގެ ޚިޔާލާ މަޝްވަރާއާއެކުގައިކަމަށްވެސް ވިދާޅުވިއެވެ،

މީގެ އިތުރުން މި ސަރުކާރުން ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ސަބަބުން ބޭރުގެ މާލީ އިދާރާތަކުގެ އިތުބާރާއެކު ޕްރައިވެޓް ސެކްޓަރ ތަރައްޤީކުރުމަށް ފައިސާ ލިބިގެންދާނެ ކަމަށްވެސް ސަޢީދު ވިދާޅުވިއެވެ. އޭގެ ނަފާ ކުރިއަށް އޮތްތަނުގައި ބޮޑުތިލަދުންމަތީގެ ރައްޔިތުންނަށްވެސް ކުރާނެކަމަށް ވަޒީރު ވިދާޅުވިއެވެ.