ޚަބަރު

ށ. އަތޮޅުގެ ފަޅުރަށަކުން ހިފި ކިނބޫ ދޫކޮށްލައިފި


  • ކިނބޫ ފެނިފައިވާ ށ. ފަރުކޮޅުފުށިން

  • 10 ވަރަކަށް ފޫޓުގެ އެ ކިނބޫ ހިފާފައިވަނީ އާއްމުންނާއި ފުލުހުން ގުޅިގެން

  • އެމްއެންޑީއެފްއިންވަނީ އެ ކިނބޫ މާ ކަނޑަށް ދޫކޮށްލާފައި

ށ. އަތޮޅު ފަޅު ރަށަކުން އިއްޔެ ހިފި ކިނބޫ ދޫކޮށްލައިފިއެވެ.

ށ. ފަރުކޮޅުފުށިން އިއްޔެ 10 ފޫޓުގެ ކިނބުލެއް ފެނުނީ އެރަށަށް ދަތުރު ދިޔަ ބަޔަކަށެވެ. އެ ކިނބޫ އެމީހުން ވަނީ ފުލުހުންނާއި ގުޅިގެން ހިފާފައެވެ. އަދި އެމް.އެން.ޑީ.އެފްއާއި ޙަވާލުކޮށްފައެވެ.

މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމް.އެން.ޑީ.އެފްއިން ވިދާޅުވީ އެ ކިނބޫ މިހާރު ދޫކޮށްލާފައިވާ ކަމަށާއި، ކިނބޫ ދޫކޮށްލާފައިވަނީ އޮޔާ ވައި ހުރި ގޮތް ބެލުމަށްފަހު ރާއްޖެއަށް އޭތި އަނބުރާ އައުމުގެ ފުރުޞަތު ކުޑަވާގޮތަށް، ބޭރު ކަނޑަށްކަމަށެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، އިރުވައި މޫސުމުގައި އޮޔާ ވައި ހުންނަ ގޮތުން ރާއްޖޭގެ ކަނޑުގެ ސަރަހުން ކިނބޫ ފެންނަ ކަމަށެވެ. އަދި މިގޮތަށް ފެންނަ ކިނބޫތައް އަމިއްލައަށް ހިފަން މަސައްކަތްނުކޮށް، ކަމާގުޅޭ ފަރާތްތަކަށް ރިޕޯޓުކުރުމަށް އެމް.އެން.ޑީ.އެފުން އެދެއެވެ.

މިދިޔަމަހުގެ ތެރޭގައި ދ. އަތޮޅު ކަނޑިންމަ ރިސޯޓުގެ ފުށްޓަރު ކައިރިންވެސް ވަނީ ކިނބުލެއް ފެނިފައެވެ. ދިގު މިނުގައި 9 ފޫޓު ހުރި އެ ކިނބޫވެސް ވަނީ ބޭރު ކަނޑަށް ދޫކޮށްލާފައެވެ.