ޚަބަރު

ޗައިލްޑް ސޭފްގަރޑިން އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވޯކްޝޮޕް ފަށައިފި


  • މިއީ ފުލުހުންނާއި، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން ކުރިއަށް ގެންދާ ވޯކްޝޮޕެއް

  • ކުޑަކުދިންނަށް ކުރާ އަނިޔާއާއި ގާނޫނުތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވޭ

  • މި ވޯކްޝޮޕުގައި 29 ފުލުހުން ބައިވެރިވޭ

ދިވެހި ފުލުހުންގެ ޚިދުމަތުގެ ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުންނަށް ޚާއްސަކޮށްގެން "ޗައިލްޑް ސޭފްގަރޑިން އެންޑް ޗައިލްޑް ޕްރޮޓެކްޝަން ވޯކްޝޮޕް" ފަށައިފިއެވެ.

އާދަމް ހަލީމް އިންވެސްޓިގޭޝަން ބިލްޑީންގގައި މިއަދު ފެށި މި ވޯކްޝޮޕަކީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނުން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވޯކްޝޮޕެކެވެ.

މި ވޯކްޝޮޕުގައި، ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ ޕްރޮޓޮކޯލްސްތަކާއި، ޕްރޮސީޖާތައް އޮންނަގޮތާއި، ކުޑަކުދިންނަށް ކުރާ އަނިޔާ އަދި ކުށްކުރާ ކުދިންނާއި ގެވެށި އަނިޔާގެ މައްސަލަތަކަށް ހެދިފައިވާ ޤާނޫނުތައް ބޭނުންކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން، މިފަދަ މައްސަލަތަކުގައި ޝާމިލުވާ ކުޑަކުދިންނާއި ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ އާއިލާތަކާއި ކުށުގެ ވެށިން ގެނެވޭ ކުޑަކުދިންނާއި އަންހެނުންނާ މުއާމަލާތުކުރާނެ ގޮތްތައް ކިޔައިދިނުމަށް ހަމަޖެހިފައިވެއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މި ވޯކްޝޮޕުގައި މިއަދު ކުރިއަށް ގެންދަނީ "ޗައިލްޑް ސޭފްގަރޑިން ވޯކިންގ ޓުގެދަރ" އެވެ. މި ވޯކްޝޮޕްގެ ތެރެއިން މާދަމާ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ޔުނިސެފްގެ ފަރާތުން ކުރިއަށްގެންދާ އިބަމަ ޓްރެއިނިންގ ސެޝަންތަކެކެވެ.

ރީޖަން ކޮމާންޑަރުންނާއި އަތޮޅު ކޮމާންޑަރުން، ސުޕްވައިޒަރީ ލެވެލްގައި އަމަލުކުރަންޖެހޭ ގޮތްތަކާ ގުޅޭގޮތުން ކުރިއަށްގެންދާ މި ވޯކްޝޮޕުގައި 29 ފުލުހުން ބައިވެރިވެއެވެ.