ޚަބަރު

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތީގެ ރަޖިސްޓްރީ 8250 ފަރާތަކަށް ޙަވާލުކޮށްފި


  • ބިމުގެ ލިޔުން 118 މިހާކަށް ހަވާލުކޮށްފައި

  • 212 މީހާކަށް ރަޖިސްޓްރީ ހަވާލުކުރުމުގެ މަސައްކަތް ކުރަނީ

ބިންވެރިޔާ ސްކީމްގެ ދަށުން މިހާތަނަށް އެގްރީމަންޓްގައި ސޮއިކޮށް 8250 ފަރާތަކަށް ރަޖިސްޓަރީ ޙަވާލުކޮށްފައިވާކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެެވެ.

ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން 9000 ގޯތި ދޫކުރުމަށް ހަމަޖެހިފައިވެއެވެ. ނަމަވެސް އެ ސަރުކާރު ނިމުނުއިރު ގޯތި ޙަވާލުކުރުމުގެ މަަސައްކަތް އެއްކޮށް ފުރިހަމަވެފައެއްނުވެއެވެ.

ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާންމުކުރައްވާފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިހާތަނަށް 8250 މީހުން އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓްރީއާ ވަނީ ޙަވާލުވެފައެވެ. އަދި 118 މިހާކަށް ބިން ލިބިފައިވާކަމުގެ ލިޔުން ޙަވާލުކޮށްފައިވާކަމަށާއި، ބިން ލިބިފައިވާކަމުގެ ލިޔުން 303 މީހަކަށް ޙަވާލުނުކުރެވޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެޕްލިކަޓުން ބިން ދޫކޮށްލަން އެދިފައިވާތީ 16 ފަރާތަކަށް ސޮއިނުކުރެވޭކަމަށާއި، އެޕްލިކަންޓުން ނިޔާވުމުގެ ސަބަބުން 12 މީހަކު ސޮއިނުކުރެވިފައިވާކަމަށެވެ.

މީގެ އިތުރުން އިތުރަށް ބަލަންޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހުން ސޮއިނުކުރެވިފައިވާކަމަށާއި، 212 މީހަކަށް މިހާރުވެސް ރަޖިސްޓްރީ ޙަވާލުކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ބިންވެރިޔާ ސްކީމުގެ ދަށުން ބިންތަކުގެ އެގްރީމަންޓްގައި ސޮއިކޮށް ރަޖިސްޓްރީ ޙަވާލުކުރުމުގެ އިތުރުން ގޯތި ލިބިފައިވާކަމުގެ ލިޔުން ޙަވާލުކޮށްފައިނުވާ ފަރާތްތަކަށް ގުޅުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އެ ވުޒާރާއިން ގުޅާނީ 4004994 އާއި 4004797 އިންނެވެ.

ބިންވެރިޔާ ސްކީމްގައި ގޯތި ދޫކުރަނީ، ހުޅުމާލެ، ގުޅިފަޅު އަދި ގިރާވަރުފަޅުންނެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅީފަޅުން 2218 ބިން އަދި ގިރާވަރު ފަޅުން 5432 ގޯތި ދޫކުރުމަށް އޮތީ ނިންމާފައެވެ.

ގޯތި ދޫކުރުމަށްޓަކައި އެތަންތަން ހިއްކުމުގެ މަސައްކަތް މިހާރުވެސް ކުރަމުން އަންނައިރު އެތަންތަން ހިއްކަމުން ދަނީ ކުރިން ކަނޑައަޅާފައި އޮތް މިންވަރަށްވުރެ ބޮޑުކޮށެވެ.