ޚަބަރު

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.2 ބިލިއަން ރުފިޔާ


  • މިދިޔަ އަހަރު 999 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވޭ

  • އެކި މަޝްރޫޢުތަކަށް 534 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައިވޭ

  • އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރިޗުމަހު

މިދިޔަ އަހަރު ނިމުނުއިރު ގްރީން ފަންޑުގައި 1.2 ބިލިއަން ރުފިޔާ ހުރިކަމަށް މާލީ ވުޒާރާގެ ހިސާބުތަކުން ދައްކައިފިއެވެ.

މާލީ ވުޒާރާއިން އާއްމުކޮށްފައިވާ ޑިސެމްބަރުމަހުގެ ގްރީން ފަންޑު ރިޕޯޓުގައިވާގޮތުން މިދިޔަ އަހަރުތެރޭ 999 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. އަދި އެކި މަޝްރޫޢުތަކަށް ގްރީން ފަންޑުން މިދިޔަ އަހަރު 534 މިލިއަން ރުފިޔާވަނީ ޚަރަދުކޮށްފައެވެ.

ގްރީން ޓެކުހަކީ ތިމާވެއްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

އެގޮތުން ރިސޯޓުތަކާއި ސަފާރީއާއި ހޮޓާތަކަށް އަންނަ ފަތުރުވެރިން، އެއިން ތަނެއްގައި ނުވަތަ އުޅަނދެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 6 ޑޮލަރުގެ ރޭޓުން ގްރީން ޓެކްސް ދައްކަން ޖެހެއެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން، އެ ތަނުގައި ހޭދަކުރާ ކޮންމެ ދުވަހަކަށް، މީހަކަށް 3 ޑޮލަރުގެ ރޭޓުން، ގްރީން ޓެކްސް ދައްކަންޖެހެއެވެ.

ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއިން ސަރުކާރުން ދަނީ ރަށްރަށުގައި ތިމާވެއްޓާއި ގުޅުންހުރި އެކިއެކި މަޝްރޫޢުތަކަށް ޚަރަދު ކުރަމުންނެވެ. އެގޮތުން ފެނާއި ނަރުދަމާ، ގޮނޑުދޮށް ހިމާޔަތްކުރުން، ކްލީން އެންވަޔަރަމަންޓް ޕްރޮޖެކްޓް، ފެނުގެ ނިޒާމް ޤާއިމްކުރުން ފަދަ މަޝްރޫއުތައް ހިމެނެއެވެ.

މާލީ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުތެރޭ އެންމެ ގިނަ އަދަދަކަށް ގްރީން ފަންޑަށް ފައިސާ ޖަމާވެފައިވަނީ މާރިޗުމަހުއެވެ. އެގޮތުން އެމަހު 105 މިލިއަން ރުފިޔާ ގްރީން ފަންޑަށް ޖަމާވެފައިވެއެވެ. ދެން އެންމެ ގިނައިން ގްރީން ފަންޑަށް ފައިސާ ޖަވާވެފައިވަނީ ޖަނަވަރީމަހުއެވެ. އެމަހު 100 މިލިއަން ރުފިޔާ ފަންޑަށް ޖަމާވެފައިވެއެވެ.

މިދިޔަ ޑިސެމްބަރުމަހު ގްރީން ފަންޑަށް 81 މިލިއަން ރުފިޔާ ވަނީ ޖަމާވެފައެވެ. މީގެތެރެއިން 30 މިލިއަން ރުފިޔާއަކީ ކ. އަތޮޅުން ގްރީން ޓެކްސްގެ ގޮތުގައި ލިބިފައިވާ ފައިސާއެވެ. މީގެތެރޭގައި ހިމެނެނީ ރިސޯޓްތަކުން ލިބިފައިވާ 27 މިލިއަން ރުފިޔާއާއި، ގެސްޓްހައުސްތަކުން ލިބިފައިވާ 3 މިލިއަން ރުފިޔާއެވެ.

2 ވަނައަށް އެންމެ ގިނަ ޢަދަދަކަށް ގްރީން ޓެކްސްގެ ގޮތުގައި ފައިސާ ލިބިފައިވާ ރ. އަތޮޅުން، ޑިސެމްބަރުމަހު ވަނީ 9 މިލިއަން ރުފިޔާ ލިބިފައެވެ.