ޚަބަރު

އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުވާނެ: ރައީސް


  • ރައީސް މިހެން ވިދާޅުވީ، އަހާ ފޯރަމްގެ ތެރެއިން

  • އާންމުންގެ ގިނަ ސުވާލުތަކަކަށް ރައީސް ވަނީ ޖަވާބުދެއްވާފައި

މިފެށޭ މާރިޗު މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރަން ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ "އަހާ" ފޯރަމުގައި އެމަނިކުފާނާ އާންމު ފަރާތްތަކުން ހުށަހެޅުއްވި ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

އަހާ ފޯރަމްގައި ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުން މި ސަރުކާރުން ފެށްޓެވުމަށް ހަމަޖެހިފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢުތައް ވަރަށް އަވަހަށް ފެށުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ. އެގޮތުން މި ސަރުކާރުގެ އެކި މަޝްރޫޢުތަކުގެ ތެރެއިން ގެދޮރު އެޅުމުގެ އެކިއެކި މަޝްރޫޢުތައް މާލޭސިޓީ އަދި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި މިއަހަރު ތެރޭގައި ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަހާ ފޯރަމްގެ ތެރެއިން އާންމުންގެ މީހަކު ވަނީ ފުލުހުންގެ މުސާރަ ބޮޑުކުރަނީ ކޮން އިރަކުންތޯ ރައީސްއާއި ސުވާލުކުރައްވާފައެވެ. މި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ވަނީ އަންނަ މަހުން ފެށިގެން ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑުކުރުމަށް ނިންމަވާފައިވާކަން އިޢުލާންކުރައްވާފައެވެ.

"ޕޮލިހުންގެ މުސާރަ ބޮޑުކުރުން އަދި ހަމަ އެއާއިއެކީގައި ސިފައިންގެ މުސާރަވެސް އޭގަ ހިމެނިފައި އޮތީ. މާރިޗު މަހުން ފެށިގެން ބޮޑުކުރާ ގޮތަށް ނިންމާފައި މިއޮތީ." ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ހަފުތާ 14ގައި ހިމެނޭ 161 ވަޢުދުގެ ތެރެއިން 150 ވަޢުދުގެ %100 ހާސިލުކުރެވިއްޖެކަމަށާއި، ބާކީހުރި ވައުދުތަކުގެ %80 އަށްވުރެ މައްޗަށް ހާސިލުކުރެވިފައިވާކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން އެމަނިކުފާނު ވަޢުދުވެވަޑައިގެންނެވި ގޮތަށް ދުނިޔޭގެ ފެންވަރުގެ ރަނގަޅު ސަރފިންގ ސްޓޭޑިއަމެއް އެންމެ ލަސްވެގެން އަންނަ އަހަރު ހައްދަވާނެކަމަށާއި، ޑްރިފްޓިންގ ސްޓޭޑިއަމެއް ހުޅުމާލޭގައި ޤާއިމުކުރުމަށް ގަސްތުކުރައްވާ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

އަހާ ފޯރަމްއަކީ ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކާ ބެހޭ މައުލޫމާތު ހިއްސާކޮށް ރައްޔިތުން ކުރަން ބޭނުންވާ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބާއްވާ ފޯރަމްއެކެވެ. މިއީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ޕަބްލިކް ސަރވިސް މީޑިއާ ގުޅިގެން ކުރިއަށްގެންދާ ފޯރަމެކެވެ.