ޚަބަރު

މަހަ ޕޯޓަލް: މަހުގެ އުފެއްދުންތައް ވިއްކޭނެ ޚާއްޞަ ޕްލެޓްފޯމެއް


  • މިއީ ހަފްތާ 14ގައި ހިމެނޭ ކަމެއް

  • ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްޑީއެފްސީގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން

  • މަހަ ޕޯޓަލްގައި ގަންނަ ފަރާތާއި އުފައްދާ ފަރާތާއި ދެމެދު ފަސޭހައިން މުޢާމަލާތު ކުރެވޭނެ

މަސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ކުދި ވިޔަފާރި އާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ބާރުވެރި ކުރުމަށްޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ)ން ޚާއްޞަ އީކޮމަރސް ޕްލެޓްފޯމެއް ތަޢާރަފުކޮށްފިއެވެ.

"މަހަ"ގެ ނަމުގައި ތަޢާރަފުކުރި އީކޮމަރސް ޕޯޓަލަކީ އަންހެނުންނާއި ޒުވާން ވިޔަފާރިވެރިންނަށް މަސްވެރިކަމުގެ އުފެއްދުންތައް ވިއްކޭނެ މަގު ފަހިކޮށްދިނުމަށް ހަފުތާ14ގެ މަގުޗާޓުގައި ކަނޑައަޅާފައިވާ ވަޢުދުގެ ދަށުން ތަޢާރަފް ކުރި ޕޯޓަލެކެވެ. އެ ޕޯޓަލް އިފްތިތާހުކޮށްދެއްވީ އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ)ގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު ފިފްޝީން ޢަލީއެވެ. މަހަ ޕޯޓަލްގައި ރަޖިސްޓަރ ކުރަން ބޭނުންވާ ފަރާތްތަކަށް މިހާރު ވަނީ އެ ފުރުޞަތު ހުޅުވައިލާފައެވެ.

މަހަ ޕޯޓަލް އިފްތިތާހުކުރުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަމުން މިނިސްޓަރ އޮފް ސްޓޭޓް ފޮރ އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް ޙުސައިން ޒާމިރު ވިދާޅުވީ މަހަ ޕޯޓަލްއާއެކު މަހާއި މަހުގެ އުފެއްދުންތަކާއި މަސްވެރިކަމާ ގުޅުންހުރި ތަކެތި އުފައްދާ ފަރާތްތަކަށް ކޮންމެ ތަނެއްގައި ހުރެވެސް އެތަކެތި ވިއްކައި އާމްދަނީ ހޯދޭނެ މަގު ފަހި ވެގެން ދާނެ ކަމަށެވެ. އަދި ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް ކަމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގޮތުން ބީސީސީއާއި އެސްޑީއެފްސީއާއި ސަރުކާރުގެ ތެރެއިން މިފަދަ ވިޔަފާރިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ސްޓޭޓް މިނިސްޓަރ ފާހަގަކުރެއްވިއެވެ.

އެ ހަފްލާގައި ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ދެއްކެވި ވާހަކަފުޅުގައި ދިވެހި އުފެއްދުންތެރިކަން ކުރިއަރުވައި ދިވެހި އުފެއްދުންތަކަށް ރާއްޖެއާއި ބައިނަލްއަޤްވާމީ ބާޒާރުތަކުން ފުރުޞަތު ހޯދައި ދިނުމުގެ ގޮތުން ބީސީސީން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އެ ގޮތުން އޮތެންޓިކް މޯލްޑިވްސްއަކީ ޖުމުލަ ގޮތެއްގައި ހުރިހާ ދިވެހި އުފެއްދުންތެރީންނަށް ހުޅުވާލެވިފައިވާ ދޮރެއްކަން ސާމިހް ވަނީ ފާހަގަކުރައްވާފައެވެ. އަދި މަހަ ޕޯޓަލްގެ މަޤްޞަދަކީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތިބި މަސްވެރިކަމާ ގުޅުންހުރި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ވާދަވެރި ވިޔަފާރީގެ ފުރުޞަތުތަކެއް ފަހިކޮށްދިނުންކަން ވެސް ސާމިހް ފާހަގަކުރެއްވިއެވެ.

މަހަ ޕޯޓަލް ފަރުމާކޮށްފައިވަނީ ވިޔަފާރިތަކަށް ފަސޭހައިން ތަކެތި ވިއްކުމަށާއި ގަންނަ ފަރާތާއި އުފައްދާ ފަރާތާއި ދެމެދު ފަސޭހައިން މުޢާމަލާތު ކުރެވޭނެ ގޮތަށެވެ. މަހަ ޕޯޓަލާއެކު ދިވެހީންގެ ފަންނީ އަދި އީޖާދީ ވިސްނުމާއެކު ތަފާތު އީޖާދީ އުފެއްދުންތައް މި ސިނާއަތުން ފެނިގެން ދާނެ ކަމަށް ބީސީސީން ދެކެއެވެ.