ދުނިޔެ

އިންޑިޔާގެ ބައެއް ހިސާބުތަކަށް ފެން ލިބުމުގައި ދަތިތަކެއް


އިންޑިޔާގެ ބައެއް ހިސާބުތަކަށް ކުރިމަތިވެފައިވާ ފެން ލިބުމުގެ ދަތިކަމަށް އަދިވެސް ލުޔެއް ނުލިބޭ ކަމަށް ޚަބަރުތައް ބުނެއެވެ. މިގޮތުން އެންމެ ބޮޑަށް ދަތިކަން ކުރިމަތިވެފައިވާ ތަންތަނުގެ ތެރޭގައި ހައިދަރުއާބާދުގެ ދެކުނުގެ ސިޓީތަކާ ގުޖުރާތު ސްޓޭޓްގެ ބަޔެއް ހިސާބުތައް ހިމެނެއެވެ. 

ހައިދަރުއާބާދުގެ ދެކުނުގެ ސިޓީތަކަށް ފެން ލިބޭ ކޯރުވެސް މިހާރު ވަރަށް ބޮޑަށް ހިނދިފައިވާއިރު، އެހިސާބުގެ ރައްޔިތުން މިހާރު އުޅެންޖެހިފައިވަނީ ތާނގީތަކުގައި އެކިފަރާތްތަކުން ފޯރުކޮށްދޭ ފެން ބޭނުންކޮށްގެންކަމަށް ޚަބަރުތައް ބުނެއެވެ.

ހުޅަނގު ގުޖްރާތުގެ ޖަމްނަގަރު ސިޓީއަށް ބަލާއިރު، ޖަމްނަގަރުފޯލް ކިޔާ ވޯޓަރފޯލްގެ ފެންގަޑު މީންޒަމާނަކު ކުޑަނުވާ ވަރަށް މިހާރު ކުޑަވެފައިވާ ކަމަށް ޚަބަރުލިބެއެވެ. ގުޖްރާތު ސަރުކާރުން މިހާރުވަނީ އެއްހާސް އަވަށް ފެނަށް ޖެހިފައިވާކަން އިއުލާންކޮށްފައެވެ. އެގެތެރެއިން ސާޅީސް ހަތަރު އަވަށް ހިމެނެނީ ޖަމްނަގަރުގައެވެ.