ޚަބަރު

މޭމަހުގެ ކުރިން 76 ރަށެއްގައި ލެބޯރެޓަރީގެ ޚިދުމަތް ފެށޭނެ: ނައިބު ރައީސް


  • ލެބޯޓްރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްނަމަވެސް ޚިދުމަތް ޤާއިމުކުރުމަށް ގޮންޖެހުން އެބަހުރި

  • ރައީސްގެ އަމާޒަކީ ހުރިހާ ރަށެއްގައިވެސް ލެބޯޓްރީގެ ޚިދުމަތް ޤާއިމުކޮށް ބަލިތަކުން ރައްކާތެރިވުން

މިއަހަރުގެ މެއި މަހުގެ ކުރިން ލެބޯރެޓަރީގެ ޚިދުމަތް ޤާއިމުވެފައި ނެތް ރާއްޖޭގެ 70 އެއްހާ ރަށުގައި އެޚިދުމަތް ޤާއިމުވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވެއްޖެއެވެ.

ލެބޯރެޓަރީގެ ޚިދުމަތް ނެތް ރަށްރަށުގައި އެޚިދުމަތް ދޭން ފެށުން އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސެއިން މުޙައްމަދު ލަތީފް ވިދާޅުވީ ސިއްޙީ ޚިދުމަތް ފުޅާކުރުމުގައި ލެބޯރެޓަރީގެ ޚިދުމަތަކީ ކޮންމެހެން ލިބެންޖެހޭ އަސާސީ ޚިދުމަތެއްކަމަށެވެ. އެހެންނަމަވެސް ޤުދުރަރީގޮތުން ރާއްޖެ އުފެދިފައިވާގޮތުން ކޮންމެ ރަށެއްގައި މިޚިދުމަތް އެންމެ ފުރިހަމަ ގޮތުގައި ދިނުމުގައި ދަތިތަކެއް ކުރިމަތިވެފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ދަތިތަކާއެކުވެސް ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުއްލި ފަރުވާގެ ޚިދުމަތް ހަރުދަނާކޮށް ސިއްހީ ނިޒާމު މުޅިން އެއްކޮށް ވަރުގަދަވެ ރައްޔިތުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ލިބޭނެ މަގުފަހިކޮށްދެއްވުންކަމަށެވެ.

"ބަލީގެ ތަކުލީފު އުފުލަމުންދިޔުމާއެކު ބަލިން ރައްކާތެރިވުމަށް ހޯދަންޖެހޭ ފަރުވާ ހޯދުމަށް މާލެއަށް ނުވަތަ އެހެން ތާކަށްވެސް ދާންޖެހުމަކީ ބަލި މީހާ އުފުލާ އިތުރު ތަކުލީފެއް. އެހެންކަމުން އެކަމަށް ނިމުމެއް ގެނައުމަށް މިކުރިއަށްގެންދާ މަޝްރޫޢާއެކު މޭއިމަހުގެ ކުރިން 76 ރަށުގައި ލެބޯޓްރީގެ ޚިދުމަތް ތަޢާރަފްކުރެވިގެންދާނެ." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ލެބޯރެޓަރީގެ ޚިދުމަތަކީ އަސާސީ ޚިދުމަތެއްކަމަށާއި ސަރުކާރުން މަސައްކަތްކުރަނީ ކޮންމެ މީހަކުވެސް އެމީހަކު ހުރި ރަށަކުން މިޚިދުމަތް ލިބޭނެ މަގުފަހިކުރުންކަމަށެވެ. އަދި ލެބޯރެޓަރީގެ ޚިދުމަތާއެކު ބައެއް ބަލިތައް ދުރާލާ ދެނެގަތުމުގެ މަގުފަހިވެގެންދާނެކަންވެސް ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މިއީ ދުޅަހެޔޮ ޖީލެއް ބިނާކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށްވެސް ލިބިގެންދާ އިތުރު ބާރެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިރަސްމިއްޔާތުގައި ވަހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ހެލްތު ޑރ.ޢަބްދުﷲ ޚަލީލް ވިދާޅުވީ، އަތޮޅުތެރޭގެ ގިނަ ރަށްރަށުން އަންނަ އެއް ޝަކުވާއަކީ ލެބޯޓްރީގެ ޚިދުމަތް ނެތުމުގެ ޝަކުވާކަމަށެވެ. އަދި ބައެއް ރަށްރަށުން ލެބޯޓްރީ ޓެކްނީޝަނުން ނެތުމުގެ މައްސަލަވެސް ކުރިމަތިވެފައިވާއިރު މި ޚިދުމަތާއެކު މިކަމަށްވެސް ބޮޑު ބަދަލެއް އަންނާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދަޅުވީ އަވައްޓެރި ޤައުމެއްގެ ދީލަތި އެހީއާއެކު ރާއްޖޭގެ 17 ރަށެއްގެ ސިއްޙީ ފަރުވާދޭ ތަންތަނުގައި ލެބޯޓްރީ ޤާއިމުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެކަމަށެވެ.

"މިއީ ވަރަށް ކުޑަ ގެޖެޓަކުން ދެވޭ ޚިދުމަތެއް. ޒަމާނީ ޓެކްނޮލޮޖީއާއެކު ކުރީގައި ގެންގުޅުނު ބޮޑެތި މެޝިނަރީޒް ބަދަލުވެ އާދާއިގެ ޓެސްތުތައް ހެދުން މިވަނީ ފަސޭހަވެފައި. މި ވަޞީލަތްތައް ބޭނުންކުރުމަށް ތަމްރީންތައްވެސްވަނީ ދެވިފައި." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ލެބޯޓްރީގެ ޚިދުމަތް 76 ރަށުގައި ފެށުމަށް ބޭނުންވާ ދެބައިކުޅަ އެއްބައި ގެޖެޓްސް ނުވަތަ ވަޞީލަތް މިހާރު ހަމަކުރެވިފައިވާކަމަށެވެ. އަދި ރަސްމީކޮށް 4 ރަށެއްގައި މިހާރު ޚިދުމަތް ދޭން ފަށާފައިވާއިރު ބާކީ 72 ރަށުގައި ކުރިއަށް އޮތްދުވަސްތަކުގެ ތެރޭގައި މިވަޞީލަތް ފޯރުކޮށް ޚިދުމަތް ފެށިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަލަށް ތަޢާރަފްކުރެވުނު ގެޖެޑްސްއާއެކު 12 ޓެސްޓެއް ހެދޭނެކަމަށާއި މެއި މަހާއިހަމައަށް އިތުރު ޓެސްޓުތަކާއެކު ޖުމްލަ 15 ޓެސްޓެއް ހެދޭނެކަމަށްވެސް މިނިސްޓްރީން ވިދާޅުވެއެވެ.