ޚަބަރު

ގައްދޫގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ރައީސްއާ ހިއްސާ ކުރައްވައިފި


  • ކައުންސިލުން ވަނީ ރަށުގެ ބިންހިއްކަން ބޭނުންވާކަން ފާހަގަކޮށްފައި

  • ހޮސްޕިޓަލުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަމަށްވެސް ވިދާޅުވި

  • ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ ފަހުގެ މަޢުލޫމާތުތައް ވަޒީރުން ހިއްސާކުރެއްވި

ގައްދޫގެ ރައްޔިތުން އެންމެ ބޭނުންވާ ކަންކަން ގައްދޫ ކައުންސިލުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒާ ހިއްސާ ކުރައްވައިފިއެވެ. މިކަންކަން ހިއްސާ ކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ގައްދޫ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު ގދ. އަތޮޅު މަދަރުސާގައެވެ.

މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ބިންހިއްކަން ބޭނުންވާކަމަށާއި އެރަށުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހޮސްޕިޓަލުގެ މަސައްކަތް އަވަސްކުރަން ބޭނުންވާކަން ފާހަގަ ކުރައްވާފައެވެ. މީގެ އިތުރުން ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަމުގެ މައްސަލަ ހައްލުކުރަން ބޭނުންވާކަމަށާއި ތަޢުލީމީ ދާއިރާއިން ރަނގަޅުކުރަން ހުރި ކަންކަމާއި ރަށުގެ އިޖުތިމާޢީ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަން ރައީސްއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ހުށަހެޅުއްވި ކަންކަމުގެ އެންމެ ފަހުގެ މަޢުލޫމާތުތައް މިބައްދަލުކުރެއްވުމުގައި އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ހިއްސާކުރައްވާފައެވެ.