ޚަބަރު

އެއަރޕޯޓް އިތުރަށް ތަރައްޤީކޮށް ގައްދުއާއި މާވަރުލު ގުޅާލާނަން: ރައީސް


  • ގައްދޫން މާވަރުލަށް އެއްގަމު މަގުން ދަތުރުކުރެވޭގޮތް ހަދާނެ ކަމަށް ވިދާޅުވި

  • ގައްދޫ ބިން ހިއްކުމަށްވެސް ވަނީ ނިންމާފައި

  • ރައީސް ވިދާޅުވީ ގައްދޫގައި ހޮސްޕިޓަލް ތަރައްޤީކޮށްދެއްވާނެ ކަމަށް

ހުވަދުއަތޮޅުގައި ވައިގެދަތުރުފަތުރުގެ ޚިދުމަތް ދެމުންދާ މާވަރުލާއި ގދ.ގައްދޫ އެއްގަމު މަގުން ގުޅާލަދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިހާރު ހުވަދު އަތޮޅަށް ފައްޓަވާފައިވާ ދަތުރުފުޅުގެތެރެއިން ގައްދުއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި ގައްދޫގެ ރައްޔިތުން ސަރުކާރުގައި އެދިފައިވާ މަސައްކަތްތައް ވަކި ތާވަލެއްގެ ތެރެއިން ރާވާ ކުރިއަށްގެންދަވާނެކަމުގެ ޔަގީންކަން ދެއްވިއެވެ. އެގޮތުން ރަށުގެ ބިމުގެ ޖާގައިގެ މައްސަލަ ޙައްލުކޮށްދެއްވުމަށް ބިން ހިއްކަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ. އެ ޕްރޮޖެކްޓަކީ ބަޖެޓުގައިވެސް ހިމަނާފައިވާ މަސައްކަތަކަށްވާތީ، ބިންހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަށް ފެއްޓުމަށް ސަރުކާރުގެ ކަމާގުޅޭ މުއައްސަސާތައް ގުޅިގެން މަސައްކަތް ފައްޓާނެކަމަށް ރައީސް ވިދާޅުވިއެވެ.

އެންމެ ޢުއްމީދީ މަޝްރޫޢެއްގެގޮތުގައި ރައީސް ވިދާޅުވީ، މިސަރަޙައްދުގައި އެއަރޕޯޓް ހިންގާ ރަށް، މާވަރުލާއި ގައްދުއާއި ގުޅާލަދިނުމުގެ ވާހަހަކަފުޅެވެ. މާވަރުލަކީ ކަނޑުމަގުން ދަތުރުކޮށް 15 މިނެޓުން ދަތުރުކުރެވޭހާ ކައިރީގައި އޮތް އެއަރޕޯޓެކެވެ.

ރައީސް ވިދާޅުވީ ސަރަޙައްދުގެ ދަތުރުފަތުރުގެ ނިޒާމު ރަނގަޅުވެގެން އައުމަކީ އޭގެ ފަސޭހަކަން ރައްޔިތުންނަށް ލިބުމުގެ އިތުރުން ސަރަޙައްދުގެ އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށްވެސް އެޅޭނެ އެންމެ މުހިންމު ފިޔަވަޅުކަމަށެވެ.

އެގޮތުން މާވަރުލު އެއަރޕޯޓް އިތުރަށް ތަރައްޤީކުރުމަށް ޕްރޮޖެކްޓެއް ހިންގެވުމުގެ އިތުރުން، ގައްދުއާއި މާވަރުލު އެއްގަމު މަގުން ގުޅާލަދެއްވާނެކަމަށެވެ. މި މަސައްކަތް ސަރުކާރުން މިރަށަށް ޚާއްސަ އިސްކަމެއްދޭ މަސައްކަތެއްގެ ގޮތުގައި ކޮށްދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއާއެކީ އެސަރަޙައްދުގެ ޓުއަރިޒަމް ފުޅާކުރުމުގެ ބޮޑު ޕްރޮޖެކްޓެއް ހިންގުމަކީވެސް ސަރުކާރުގެ ތަޞައްވުރެއްކަން ރައީސް ހާމަކުރެއްވިއެވެ.

"އެއަރޕޯޓް ތަރައްޤީކޮށް މާވަރުލަށް ދަތުރުތައް އިތުރުކުރާނަން. އަދި ކެމްޕެއިންގައިވެސް ހާމަކުރިގޮތަށް، ގައްދުއާއި މާވަރުލު އެއްގަމު މަގުން ގުޅާލަދޭނަން. އެކަން ކުރުމަށް ބަޖެޓްކޮށް، ރައްޔިތުންގެ އިންތިޒާރަށް ނިމުމެއް ގެންނާނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ރަށުގެ ޞިއްޙީ ޙާލަތު ރަނގަޅުކުރުމަށް ރަށުގައި ހޮސްޕިޓަލެއް ތަރައްޤީކޮށް ދެއްވާނެކަމަށެވެ. އަދި މިނޫންވެސް ރަށަށް މުހިންމު މަސައްކަތްތައް ރައްޔިތުން ބޭނުންވާގޮތަށް ކުރިއަށްގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މި މަސައްކަތްތައް ކުރިއަށްގެންދިއުމުގައި ރަށްރަށުގެ ކައުންސިލްތަކާއި އަދި ރައްޔިތުންގެ އެއްބާރުލުން ފުރިހަމައަށް ބޭނުންވާކަމަށެވެ. ރައީސް ވިދާޅުވީ ގުޅިގެން ނޫނީ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަމަށެވެ.

ގައްދޫގެ އާބާދީ 4000އިން މައްޗަށް އަރައެވެ.