ޚަބަރު

މަޓީގެ އަހަރީ އާއްމު ޖަލްސާ ބާއްވައި، ބޯޑަށް 2 މެންބަރުން އިންތިޚާބުކޮށްފި


  • ބޯޑަށް އިންތިޚާބުކޮށްފައިވަނީ ޝަރީފާއި، ރެނާޓޯ ދެ އޮލިވޭރާ

  • އައު 2 މެންބަރުން އިންތިޚާބުކުރީ 2 މެންބަރުން އިސްތިއުފާ ދިނުމުން

  • މަޓީގެ ބޯޑު މެމްބަރުންގެ ދައުރު 2026ވަނަ އަހަރަށް ދެމިގެންދާނެ

މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ، މަޓީގެ އެގްޒެކެޓިވް ބޯޑު މެންބަރަކަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ، އެމްއޭސީއެލްގެ ސީއީއޯ އިބްރާހިމް ޝަރީފް އިންތިޚާބުކޮށްފިއެވެ.

އިބްރާހިމް ޝަރީފް ބޯޑު މެންބަރަކަށް އިންތިޚާބުކޮށްފައިވަނީ މަޓީގެ 34ވަނަ އަހަރީ އާއްމު ޖަލްސާގައެވެ. ޝަރީފްގެ އިތުރުން، އެގްޒެކެޓިވް ބޯޑުގެ މެމްބަރަކަށް ރިޓްސް ކާލްޓަން މޯލްޑިވްސް، ފަރި އައިލެންޑްސްގެ ޖެނެރަލް މެނޭޖަރ ރެނާޓޯ ދި އޮލިވޭރާވެސް ވަނީ އިންތިޚާބުކޮށްފައެވެ. އައު މެމްބަރުން ބޯޑަށް އިންތިޚާބުކޮށްފައިވަނީ ކުރިން އެމަޤާމުގައި ތިއްބެވި މެމްބަރުން އިސްތިއުފާދިނުމާއި ގުޅިގެންނެވެ.

މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާގައިވަނީ މަޓީގެ ބޯޑު މެމްބަރުންގެ ދައުރު 2026ވަނަ އަހަރަށް ދެމިގެންދާގޮތަށް ބަދަލުކޮށްފައެވެ.

މަޓީގެ ޗެއާމަނަކީ ޔުނިވާސަލްގެ ގުރޫޕްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) އެވެ. ވައިސް ޗެއާމަނުންގެ ގޮތުގައި ތިއްބަވަނީ ޗަމްޕާ ގުރޫޕްގެ ހިއްސާދާރު ހުސައިން އަފީފާއި ވޮޔޭޖަސް މޯލްޑިވްސްގެ ހިއްސާދާރު ޞަލާހު ޝިހާބެވެ. ސެކްރެޓަރީ ޖެނަރަލަކީ ކްރައުން ކޮމްޕެނީގެ ހިއްސާދާރެއް ކަމަށްވާ އަހްމަދު ނަޒީރެވެ.

ކުރުނބާ މޯލްޑިވްސްގައި ބޭއްވި މަޓީގެ އަހަރީ އާއްމު ޖަލްސާގައި 100 މެމްބަރުން ބައިވެރިވިއެވެ.
މިޖަލްސާގައި މެމްބަރުންވަނީ ސަރުކާރުގެ ނެޓް ޒީރޯ އަމާޒާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އަދި ރިސޯޓުތަކުން އިޢާދަކުރަނި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ޚިޔާލު ބަދަލުކޮށްފައިވެއެވެ. މީގެ އިތުރުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބެލެހެއްޓޭނެ ނިޒާމެއް ގާއިމްކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.

މަޓީގެ އަހަރީ އާއްމު ޖަލްސާގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް އާއި އިޤްތިސާދީ ތަރައްޤީ އާއި ބެހޭ ވަޒީރު މުޙައްމަދު ސައީދުވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި މަޓީގެ މެމްބަރުންގެ ސުވާލުތަކަށް ވަޒީރުންވަނީ ޖަވާބުދެއްވާފައެވެ.

މަޓީއަކީ ރާއްޖޭގެ ރިސޯޓްތައް ތަމްސީލްކުރާ މައި ޖަމްޢިއްޔާއެވެ. މިޖަމްޢިއްޔާގެ މެމްބަރުން ހިއްސާވާ ރިސޯޓްތަކުގެ އަދަދު އުޅެނީ ސަތޭކަ ވިއްސަށްވުރެ މަތީގައެވެ.