ޚަބަރު

ރައްޔިތުން ބޭނުންވާ ގޮތަށް ފަރެސްމާތޮޑާގެ ބިން ހިއްކައިދޭނަން: ރައީސް


  • ފަރެސްމާތޮޑާގައި 2000 މީހުންގެ އާބާދީއެއް އެބައޮތް

  • ރަށުގެ ބިން ވަނީ ފުރިފައި

  • ބިން ހިއްކުމާއި ގުޅޭ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައިދެއްވާނެކަމަށް ވިދާޅުވި

ފަރެސްމާތޮޑާގެ ރައްޔިތުން އެދޭގޮތަށް ރަށުގެ ބިން ހިއްކާދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިހާރު ހުވަދުއަތޮޅަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ފަރެސްމާތޮޑާގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ރަށުގެ ރައްޔިތުންނަށް ތަރައްޤީގެ ގޮތުން ބޭނުންވާ ވަރަށް ގިނަ ކަންކަން އެބަހުރިކަމަށެވެ. އެގޮތުން ސަރުކާރުންވެސް އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން ކަމަށާއި، ފަރެސްމާތޮޑާގައިވެސް އޮތް ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށެވެ. އެގޮތުން ފަރެސްމާތޮޑާއިން ގެދޮރުވެރިކަމަށާއި، އިޤްތިޞާދީ މަސައްކަތްތަކަށް ފަހިކޮށްދެއްވުމަށް ބިން ހިއްކަވާނެކަމަށެވެ.

ބިން ހިއްކުމަށްޓަކައި ބަޖެޓުގައި ފައިސާ ހިމަނުއްވާފައިވާކަމަށްވެސް ރައީސް ވިދާޅުވެފައެވެ.

"ރައްޔިތުން ބޭނުންވާގޮތަށް ފަރެސްމާތޮޑާ ބިން ހިއްކައިދޭނަން. އެކަމާ ގުޅޭ މަސައްކަތް އަވަހަށް ފައްޓައިދޭނަން. ފަރެސްމާތޮޑާގެ ބިމުގެ މައްސަލައަށް ޙައްލު ހޯދައިދޭނަން." ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފަރެސްމާތޮޑާއަކީ މަސްވެރި ރަށަކަށްވުމާއެކު، މަސްވެރިންނަށް ބޭނުންވާ ސްލިޕްވޭއަކާއެކު ރަށުގެ ބަނދަރުވެސް ޒަމާނީ ފެންވަރަށް ތަރައްޤީ ކޮށްދެއްވާނެކަމަށެވެ. މި މަސައްކަތަށް ބޭނުންވާ ދިރާސާ ކުރުމަށް ކަމާ ގުޅުންހުރި ވުޒާރާގެ ޓީމެއް ވަރަށް އަވަހަށް އެރަށަށް އަންނާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ބަނދަރު ހަދާނީ ރައްޔިތުންނާއި މަސްވެރިންގެ ފުރިހަމަ ޚިޔާލާއެކުކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ކަރަންޓުގެ ޚިދުމަތް ރަނގަޅުކުރުމާއި ރަށުގެ މައި މަގުތައް ތާރު އަޅައިގެން ތަރައްޤީކުރުމާއި ސިއްޙީ ޚިދުމަތުގެ ފެންވަރުގެ ރަނގަޅުކުރުމުގެ އިތުރުން ސްކޫލްގެ ޖާގައިގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ފަރެސްމާތޮޑާއަކީ 44 ހެކްޓަރުގެ ރަށެކެވެ. ރަށުގެ އާބާދީ އުޅެނީ 2000 މަތީގައެވެ.