ޚަބަރު

އެއްވެސް ކައުންސިލެއް ބާކީނުކޮށް، ގުޅިގެން މަސައްކަތްކުރާނަން: ރައީސް


  • ސަރުކާރާއި ގުޅިގެން ކައުންސިލްތަކުން މަސައްކަތް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައި

  • ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވެގެން މި ސަރުކާރުން އެއްވެސް ކައުންސިލެއް ބާކީ ނުކުރައްވާނެކަމަށް

  • ފުވައްމުލައް ސިޓީގެ ތަރައްޤީގެ ތަސައްވުރު ރައީސް ވަނީ ހާމަކުރައްވާފައި

ސަރުކާރުގެ ސިޔާސަތަކީ އެއްވެސް ކައުންސިލެއް ބާކީނުކޮށް، ހުރިހާ ކައުންސިލަކާޢިވެސް ގުޅިގެން މަސައްކަތްކުރުންކަމަށް ރައީސުލްޖުމްޙޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދެކުނުގެ އަތޮޅުތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އެ ސިޓީގައި ބޭއްވެވި ޖަލްސާގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޔާސީ ބަހުސަކީ ކެމްޕެއިންތަކާއި ހަމައިން އަންނަ ކަމެއްކަމަށާއި، ނަމަވެސް ރައްޔިތުން ވޯޓުދީ އިންތިޚާބުކޮށް،.ޚިދުމަތް ދޭންޖެހޭ ހިސާބަށް އައުމާއެކު ކޮންމެ ރައްޔިތެއް، ކޮންމެ ރަށެއް ސަރުކާރަށް ހަމަހަމަވާނޭކަމަށެވެ. އަދި މި ސަރުކާރަށް ތަފާތު އެއްވެސް ރަށެއް، ކައުންސިލެއް ނޯންނާނެކަމަށާޢި ކޮންމެ ކައުންސިލަކަށްވެސް ސަރުކާރާއެކު ގުޅިގެން މަސައްކަތްކުރުމުގެ ފުރުޞަތު ފުރިހަމައަށް އޮންނާނެކަމަށްވެސް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތައް ބާކީކޮށް މަސައްކަތްތައް ކުރުމުގެ ސަބަބުން ދިމާވާ ދަތިތައް އެމަނިކުފާނު ވަރަށް ގާތުން ތަޖުރިބާކުރައްވާފައިވާކަމަށެވެ. އަދި އެކަންކަން މި ސަރުކާރުގައި ތަކުރާރުވިޔަ ނުދޭނެކަމުގެ ޔަގީންކަން ދެއްވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކައުންސިލްތަކާއި އިދާރީ ދާއިރާތައް ހިންގުމަށް ވަކި ޚާއްސަ ވުޒާރާއެއް ސަރުކާރުން އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް ކައުންސިލްތަކާއި ގާތުން މަސައްކަތްކުރެއްވުންކަމަށެވެ. އަދި ރައްޔިތުން ބޭނުންވާ ކަންކަން ފުއްދައިދިނުމަށް ސަރުކާރާއި ޚިޔާލު ތަފާތު ކައުންސިލްތަކުންވެސް ސަރުކާރަށް އެއްބާރުލުންދީ، ގުޅިގެން މަސައްކަތްތައް ކުރިއަށްގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފައެވެ.

" ދެ އަހަރާއި ބައި ކައުންސިލްގެ މޭޔަރުކަން ކޮށްފިން. އަޅުގަނޑުގެ ތަޖުރިބާ ވަރަށް ހިތި. ބޭނުންވެގެން ރޭވި ވަރަށް ގިނަ މަސައްކަތްތައް ދިޔައީ ނުކުރެވި. މިއީ ސަރުކާރުން ދޭންވާ އެއްބާރުލުން ނުލިބުމުގެ ސަބަބުން ކުރެވުނު ތަޖުރިބާ" ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ..

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުން އެދެމުންދާގޮތަށް އެ މެންބަރުންނަށްވެސް ސަރުކާރުގެ މުވައްޒަފުންނަށް ލިބޭ އެލަވަންސްތައް ހޯދައިދިނުމަށް ޤާނޫނަށް ބަދަލު ގެނައުމުގެ މަސައްކަތްތައް ކުރައްވާނެކަމަށް ވިދާޅުވެފައެވެ.

ފުވައްމުލައް ސިޓީގެ ތަރައްޤީއަށް ސަރުކާރުން ގެންގުޅުއްވާ ތަޞައްވުރާއި ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ސަރުކާރުން އެ ރަށުގައި ފެށި މަގުހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތް ހުއްޓާލާނީ ފުވައްމުލައް ސިޓީގެ ހުރިހާ މަގުތަކުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކޮށް ނިމުމުންކަމަށެވެ. ފުވައްމުލައް ސިޓީގެ އިތުރުން މާލެ، އައްޑޫ، ކުޅުދުއްފުށި އަދި ތިނަދޫ ސިޓީގެ ހުރިހާ މަގުތައްވެސް ޒަމާނީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ. އަދި ރާއްޖޭގެ އެހެނިހެން ރަށްތަކުގައިވެސް މައި ހުރިހާ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކޮށްދިނުމުގެ ތަސައްވުރެއް ގެންގުޅުއްވާކަންވެސް ރައީސުލްޖުމްހުރިއްޔާ ހާމަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ފުވައްމުލައް ގޮނޑުދޮށް ޙިމާޔަތްކުރުމަށް ކުރަމުންދާ މަސައްކަތުގެ ޕްރޮޖެކްޓަށް ބަދަލުގެނެސް، ރަށުގައި މޫދަށް އެރޭނެ 3 ސަރަޙައްދު ތަރައްޤީކުރައްވާނެކަމަަށެވެ. އަދި އެ ރަށުގެ ބަނދަރު، ރަށަށް އެންމެ އެކަށޭނަގޮތަށް ތަރައްޤީކުރައްވާނެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"މިރަށުގެ ބަނދަރު އާދައިގެ ގޮތަށް ހެދޭކަށް ނެތް. އެހެންވީމާ އިންޖިއަރިންގެ ގޮތުން އިތުރަށް ދިރާސާކޮށް، އަދި ރަށުގެ ބަނދަރު ބޭނުންކުރާ މީހުންނާއި، އަދި ޑައިވިންފަދަ ޚިދުމަތްދޭ މީހުންގެ ޚިޔާލާއެކު ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދާނަން" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފުވައްމުލައް ސިޓީގައި އިކޯ ޓުއަރިޒަމް ތަރައްޤީކުރުމާއި، އެއަރޕޯޓް ބޮޑުކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުއާއި އަދި ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުން ފުވައްމުލަކުގެ ތަރައްޤީއަށް ކުރައްވަން ނިންމަވާފައިވާ މަސައްކަތްތަކުގައި ކައުންސިލާއި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުން ދެއްވުމަށްވެސް ރައިސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެދިވަޑައިގެންނެވިއެވެ..