ސިޔާސީ

ޕީޕީއެމް މަހާސިންތާ މޭ 5 ގައި ރ އަތޮޅުގައި ބާއްވަން ނިންމައިފި


"ރައީސް ޔާމީން 2018" ކެމްޕެއިން ލީޑަރުން ތަމްރީން ކުރުމަށް ބާއްވާ އަތޮޅުތެރޭގެ ފުރަތަމަ ބުރުގެ ދެވަނަ މަހާސިންތާ އަންނަ މޭ މަހުގެ 5 ވަނަދުވަހު ބާއްވަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މަޢުލޫމާތު ދިން ގޮތުގައި އަތޮޅުތެރޭގެ ފުރަތަމަ ބުރުގެ ދެވަނަ މަހާސިންތާ ބޭއްވުމަށް ހަމަޖެހިފައިވަނީ، އަންނަ މޭ މަހުގެ 5 ވަނަ ދުވަހުން ފެށިގެން 8 ވަނަ ދުވަހުގެ ނިޔަލަށް ރ.އަތޮޅު ގައެވެ. އެގޮތުން މިހާރު ކުރިޔަށް ދަނީ، ރ.އަތޮޅަށް ހުޅުވާލައިގެން އަލިފުށި، އިނގުރައިދޫ، އުނގޫފާރުގައި ކުރިޔަށްގެންދާ މިފަހަރުގެ މަހާސިންތާގެ ރަޖިސްޓްރޭޝަންގެ މަސައްކަތްތަށް ކަމަށާ މި މަހާސިންތާގައި ރ.އަތޮޅުން 400 އެއްހާ މަންދޫބުން ބައިވެރި ވާނެކަމަށް ރައީސް ޔާމީންގެ ކެމްޕެއިން އޮފީހުން މައުލޫމާތުދެއެވެ.

މިފަހަރުގެ މަހާސިންތާގައިވެސް އިލްމީ ޕްރެޒެންޓޭޝަންތަކާއެކު ބައިވެރިންނަށް ލީޑަރޝިޕް، ޓީމްވޯރކް، ޑޯރ ޓު ޑޯރ، ސޯޝަލް މީޑިއާއާ ގުޅޭ މަޢްލޫމާތުތައް ދިނުމަށް ހަމަޖެހިފައިވާ ކަމަށާއި މަހާސިންތާ ނިންމުމަށް ހަމަޖެހިފައިވަނީ އަށްވަނަ ދުވަހު ދުވާފަރުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތަކާއިއެކު ކަމަށްވެސް ކެމްޕެއިން އޮފީހުން ހާމަކުރެއެވެ. 

ރައީސް ޔާމީން 2018 ކެމްޕެއިން ލީޑަރުން ތައްޔާރުކުރުމަށް މިމަހުގެ ފަހަކުން އަށަކަށް ބ.އަތޮޅުގައިވެސް ވަނީ މަހާސިންތާ ކުރިޔަށް ގެންގޮސްފައެވެ. ބ.އަތޮޅުގައި ކުރިޔަށް ގެންދިޔަ މަހާސިންތާގައި ބ.އަތޮޅުން ތިންސަތޭކަ އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ.