ޚަބަރު

ކުޅިވަރު އެކަޑަމީތަކަށް ކުންފުނިތަކުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައިދޭނަން: ރައީސް


  • އެކަޑަމީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދާނެކަމަށް ވިދާޅުވި

  • ކުންފުނިތަކާއި ވާހަކަދައްކަައިގެން ސިޔާސަތެއް ބައްޓަންކުރުމުގެ މަސައްކަތް ފަށާނެ

ކުޅިވަރުގެ ތަމްރީންތައް ހިންގާ އެކަޑަމީތަކަށް ސަރުކާރުގެ ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދައިދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިކަން ހާމަކުރެއްވީ، އެކި ކަންކަމުގައި ޢާއްމުންގެ ކަންބޮޑުވުންތަކާއި ގުޅޭގޮތުން ސީދާ ރައީސުލްޖުމްހޫރިއްޔާއަށް ސުވާލުކުރެވޭ ގޮތަށް "ރައީސްގެ ޖަވާބު"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮގްރާމަށް ލ.ފޮނަދޫ، ޝާރާޒް، މުޙައްމަދު އަނަސް ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.

އަނަސްއަކީ އެރަށުގައި އެކަޑަމީއެއް ހިންގާ ފަރާތެކެވެ. އެގޮތުން ފާއިތުވި 7 އަހަރުދުވަހު، ކުދިން ބިނާކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރެވިފައިވާކަމަށް އަނަސް ބުނެފައިވެއެވެ. އެހެން ނަމަވެސް އެކަޑަމީތަކަށް ކުންފުނިތަކުގެ އިޖްތިމާޢީ ޒިންމާގެ ދަށުން އެހީތެރިކަން ފޯރުކޮށްނުދޭކަން އަނަސް ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަށްރަށުގައި އެކި ޕްރޮޖެކްޓުތައް ހިންގާ ކުންފުނިތަކާއި، ކުޅިވަރުގެ ތަމްރީންތައް ހިންގާ ޖަމްޢިއްޔާތަކާއި އެކަޑަމީތަކަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދާދިނުމަށް މަސައްކަތްކުރައްވާނެކަމަށެވެ.

"ސަރުކާރުގެ އެކި ކަހަލަ ކުންފުނިތަކުން މަސައްކަތްކުރަމުންދާއިރު، އެކަޑަމީތަކާއި ކޯޗުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ކުޅިވަރާއި ބެހޭ ވަޒީރު މެދުވެރިކޮށް، އެސޯސިއޭޝަންތަކަށް ގޮތްގޮތް ހޯދާދިނުމަށް ކުންފުނިތަކާއި ވާހަކަދައްކަައިގެން ރަނގަޅު ސިޔާސަތެއް ބައްޓަންކުރުމުގެ މަސައްކަތް ފަށާނަން،" ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޅިވަރު ތަމްރީންތައް ދިނުމަށް، އެކަޑަމީތައް ހިންގަމުންދާއިރު، ގިނަ އަދަދެއްގެ ކުދިންދަނީ އެކި ކަހަލަ ކުޅިވަރުތައް ކުޅުމުގެ ހުނަރުތައް މި އެކަޑަމީތަކުން ދަސްކުރަމުންނެވެ.