ޚަބަރު

އޭސީސީގެ ފްލެޓް ލިސްޓު ކުރީ ސަރުކާރުގެ އިސް ދެބޭފުޅަކާ ޙިއްޞާކުރަނީ


  • ލިސްޓް ދޭން ނިންމާފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފަށް

ފްލެޓުތަކުގެ މައްސަލައިގައި އެންޓި ކޮރަޕްޝަންސް ކޮމިޝަން، އޭސީސީން އެކުލަވައިލި ލިސްޓު، ކުރީ ސަރުކާރުގައި އިސް މަޤާމުތަކެއް އަދާކުރެއްވި ދެ ބޭފުޅަކާއި ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމައިފިއެވެ.

އެ ކޮމިޓީން މިގޮތަށް ނިންމެވީ އޭސީސީގެ ބޭފުޅުންނާއި ހައުސިންގ މިނިސްޓްރީގެ ކުރީގެ އޮފިޝަލުންނާއި މިހާރުގެ އޮފިޝަލުން އެ ކޮމިޓީއަށް ހާޒިރުކޮށް ފްލެޓް ލިސްޓާއި ގުޅޭގޮތުން ސުވާލުކުރުމަށް ނިންމާފައިވާތީކަމަށް ކޮމިޓީން ބުނެއެވެ. ކޮމިޓީން ބުނާގޮތުން ކުރީ ސަރުކާރުގެ ދެ ބޭފުޅަކާއި ލިސްޓް ހިއްސާކުރަނީ، އެ ލިސްޓް ނުދީ ކޮމިޓީގެ ސުވާލުތަކަށް ޖަވާބުދޭން ދަތިވާނެތީކަމަށްވެސް ކޮމިޓީން ބުނެއެވެ.

ކޮމިޓީއަށް ހާޒިރުކުރާތީ އޭސީސީގެ ފްލެޓް ލިސްޓް ހިއްސާކުރުމަށް ނިންމާފައިވަނީ ކުރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނާއި ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ މުޙައްމަދު އާރިފެވެ. އަދި ދެ ބޭފުޅުންނާއި މި ލިސްޓް ހިއްސާކުރަނީ ސިއްރު ލިސްޓެއްގެ ގޮތުގައި އިތުރު ބަޔަކާ ހިއްސާ ނުކުރެވޭ ގޮތަށްކަމަށްވެސް ކޮމިޓީން ބުނެއެވެ.

އޭސީސީގެ ލިސްޓު ސިއްރު ކުރުމަށް ނިންމާފައިވަނީ އެއީ ތަހުގީގު ނުނިމޭ މައްސަލައަކަށްވާތީ ލިސްޓު ސިއްރު ކުރުމަށް އޭސީސީން ކޮމިޓީގައި އެދިފައިވާތީއެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފުރަތަމަ ދޫކުރާ 4000 ފްލެޓް ލިބުނު މީހުންގެ ލިސްޓު އާންމު ކުރުމުން ގިނަ އަދަދެއްގެ ޝަކުވާ ވަނީ އެ ލިސްޓަށް ލިބިފައެވެ. އަދި އޭސީސީއަށްވެސް އެ ލިސްޓާއި ގުޅޭ ގިނަ އަދަދެއްގެ ޝަކުވާތައް ވަނީ ހުށަހަޅާފައެވެ. އޭގެ ސަބަބުން ފްލެޓް ދޫކުރުމުގެ ކަންކަން މަޑު ޖައްސާލުމަށް އަންގައި އޭސީސީން ތަހުގީގެއް ފެށިއެވެ.

އޭސީސީން ކުރިއަށްގެންދާ ތަހުގީގުގައި މިހާތަނަށް ބެލިބެލުމުން ފްލެޓް ލިބުނު 59.6 އިންސައްތަ މީހުންގެ ޝަރުތު ހަމަނުވާ ކަމަށް އެ އިދާރާއިން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ލިބެން ޖެހޭވަރަށްވުރެ އިތުރަށް ޕޮއިންޓް ދީފައިވާކަން ފާހަގަކުރެވިފައިވާ ކަމަށާއި ގިނަ ފަރާތްތަކުން ހުށަހަޅާފައިވާ ފޯމުތަކުގެ މައުލޫމާތު ފުށުއަރާ ކަމަށް އޭސީސީން ވިދާޅުވެއެވެ.

މި މައްސަލައާ ގުޅިގެން ގެދޮރުވެރިކަމާ ބެހޭ ވުޒާރާ އާއި އޭސީސީގެ ބޭފުޅުން އެކި ފަހަރުމަތިން މަޖިލީހުގެ ކޮމިޓީތަކަށް ވަނީ ހާޒިރުކުރައްވާފައެވެ. އެންމެ ފަހުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު އަލީ ހައިދަރު ޤައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރު ކުރެއްވުމުން ވިދާޅުވީ ފްލެޓް ދޫކުރުމުގެ މަސައްކަތަށް ހާއްސަ ކޮމިޓީއެއް ނެގުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ފެލްޓް ދޫކުރުމުގެ މަސައްކަތް މި ހަފުތާގައި ފެށޭނެ ކަމަށް ވެސް ވިދާޅުވިއެވެ.