ޚަބަރު

މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް އަންނަ މަހުގެ 6 ވަނަ ދުވަހު ބާއްވަނީ


  • މިދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުން ބައިވެރިވާނެ

  • ބައިވެރިވުމުގެ ފުރުސަތު 25 ފެބްރުވަރީއާއި ހަމައަށް އޮންނާނެ

މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް އަންނަ މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމް.ޕީ.އެލްއިން ވިދާޅުވެއްޖެއެވެ. މިއީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުން ބައިވެރިކޮށްގެން، އެމް.ޕީ.އެލްއިން ބާއްވާ ކޮންފަރެންސެކެވެ.

ދިވެހިރާއްޖެއަކީ ކުރިއަރަމުން އަންނަ ޖަޒީރާ ޤައުމަކަށްވާއިރު، މެރިޓައިމްގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިސާދީ ކުރިއެރުމާއި، ބައިނަލްއަޤްވާމީ ވިޔަފާރީގެ ނެޓްވޯކްތަކާ ގުޅުވައިދޭ މުހިންމު ދާއިރާއެއްކަމަށް އެމްޕީއެލްއިން ބުނެއެވެ.

މޯލްޑިވްސް މެރިޓައިމް ކޮންފަރަންސް ބޭއްވުމުގެ އެއް ބޭނުމަކީ މެރިޓައިމް ދާއިރާގެ ބައިނަލްއަޤްވާމީ ތަޖުރިބާކާރުންނާއި ސްޓޭކްހޯލްޑަރުންނާއި އެކި ގޮތްގޮތުން ދާއިރާއާ ގުޅުންހުރި ފަރާތްތައް އެއްކޮށް، ދާއިރާގެ ކުރިއެރުމާ ގުޅޭގޮތުން މަޝްވަރާކޮށް، ޚިޔާލު ބަދަލުކުރުން ކަމަށް އެމްޕީއެލްއިން ބުނެއެވެ. އަދި މިދާއިރާ ކުރިއެރުވުމަށް ކުރެވިދާނެ ކަންތައްތަަކާއި މިހާރު ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމާ ގުޅޭގޮތުންވެސް މަޝްވަރާކުރެވޭނެއެވެ.

މެރިޓައިމް ކޮންފަރަންސްގައި މެރިޓައިމް ދާއިރާގެ ކުންފުނިތަކާއި ރާއްޖޭގެ ސްޓޭކް ހޯލްޑަރުންނާއި ބައިނަލްއަޤްވާމީ ސްޓޭކް ހޯލްޑަރުންގެ އިތުރުން ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ. މި ފޯރަމްގެ ސްޕީކަރުންގެ ގޮތުގައި ދިވެހިރާއްޖޭގެ ތަޖުރިބާކާރުންނާއި ރާއްޖޭން ބޭރުގެ ތަޖުރިބާކާރުންވެސް ބައިވެރިވާނެއެވެ.

މެރިޓައިމް ކޮންފަރެންސްގައި ބައިވެރިވުމުގެ ފުރުސަތު 25 ފެބްރުވަރީއާ ހަމައަށް ވަނީ ހުޅުވާލާފައެވެ. މިކޮންފަރެންސް އޮންނާނީ ޕެރަޑައިސް އައިލެންޑް ރިސޯޓްގައެވެ. މިކޮންފަރަންސް ކުރިއަށް ގެންދާނީ އިންޓަރނޭޝަން ޕޯޓްސް އެންޑް ހާބަރސް (އައި.އޭ.ޕީ.އެޗް) އާއި ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (އަންކްޓަޑް) އާއި މެލޭޝިޔާގެ ޖޮހޯރް ޕޯޓް، އަދި ސްޕެއިންގެ ޕޯޓް އޮފް ވެލެންސިއާ ގުޅިގެންކަމަށް އެމްޕީއެލްއިން ބުނެއެވެ.