ޓުއަރިޒަމް

ލަންކާއާއި އައްޑޫސިޓީއާ ދެމެދު ސީދާ ދަތުރުތައް ފަށަނީ


ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމާއި ގުޅޭގޮތުން އެ އެއަރލައިންސްއާއި އެކު ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު މަޝްވަރާކުރައްވައިފިއެވެ.

ޝްރީލަންކާގައި ނެރޭ ދުވަހު ނޫހެއް ކަމަށްވާ 'ދަ އައިލެންޑް' ގައިވާ ގޮތުން ސްރީލަންކަން އެއަރލައިންސްގެ ސީދާ ދަތުރުތައް އައްޑޫ ސިޓީއަށް ފެށުމާއި ގުޅޭގޮތުން ރާއްޖޭގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރު ވަނީ ސްރީލަންކަން އެއަރލައިންސްގެ ޗެއަރމަން، އަޖިތު ޑިއާސް އާއި އެކު މަޝްވަރާކުރައްވާފައެވެ.

އަދި ވަރަށް އަވަހަށް ޝްރީ ލަންކާ އާއި އައްޑޫ ސިޓީ އާއި ދެމެދު ސީދާ ދަތުރުތައް ފެށިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި އައްޑޫ ސިޓީއަށް ޝްރީލަންކަން އެއަރލައިންސްގެ ދަތުރުތައް ފެށުމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު ވަރަށް އިތުރުވެގެންދާނެ ކަމަށްވެސް މިނިސްޓަރ ޒަމީރުއާ ޙަވާލާދީ އެ ނޫހުގައިވެއެވެ.

ޝްރީލަންކަން އެއަރލައިންސްއިން މިހާރުވެސް އަންނަނީ ޝްރީލަންކާގެ ކޮލޮމްބޯއިން މާލޭ ވައިގެ ބަނދަރަށް ހަފްތާއަކު ފަސް ދަތުރުކުރަމުންނެވެ.