ޚަބަރު

ސަވާދީއްތަ ދަތުރު: މުލީގެ ހިތްގައިމު މާހައުލުން ހޫނު މަރުހަބާއެއް


  • މުއްޔަކި ދަތުރުގެ 2 ވަނަ މަންޒިލް

  • ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔާފައިވޭ

  • މި ދަތުރުގައި ފެން މަޑުކުރާނީ ލ.ގަމުގައި

ސަވާދީއްތަ ދަތުރުގެ ދެވަނަ މަންޒިލްކަމަށްވާ މ.މުލިން ހޫނު މަރުހަބާއެއް ކިޔައިފިއެވެ.

10 ޔޮޓަކުން 55 ދަތުރުވެރިން ބައިވެރިވާގޮތަށް، ސަވާދިއްތަ ދަތުރު ފެށީ މާލެއަތޮޅު ކުޑަގިރިން މިމަމުގެ 10 ވަނަ ދުވަހުއެވެ. ރެލީގައި ބައިވެރިވަނީ އޮސްޓްރޭލިއާ، ޔޫކޭ، ޔޫއޭއީ، ފްރާންސް އަދި ފިންލޭންޑްގެ ޔޮޓްތަކެވެ. ދަތުރުގެ ބައިވެރިން އެންމެ ފުރަތަމަ މަޑުކޮށްފައިވަނީ ވ. ފުލިދޫގައެވެ. މި ޔޮޓް ރެލީގައި ރާއްޖޭގެ ދެކުނުގެ 7 ރަށަކަށް ދަތުރުކުރާނެއެވެ.

ސަވާދީއްތަ ދަތުރުގެ ބައިވެރިން މ. މުުއްޔަށް ކުރި ދަތުރުގައި އެރަށުން ވަނީ ސަޤާފީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އަދި އެރަށުގެ ކައުންސިލްގެ ފަރާތުން ވަނީ ކޮންމެ ފަތުރުވެރިއަކަށް ހާއްސަ ހަދިޔާއެއް ދީފައެވެ.

މި ދަތުރުގައި ބައިވެރިވާ ފަތުރުވެރިން ހަނދާނީ ލިޔުމަކަށް ބޭނުންކުރާ "ސަވާދީއްތަ ޕާސްޕޯޓް"ގައި މުލީ ކައުންސިލުން ވަނީ ސްޓޭމްޕް ޖަހާފައެވެ. އަދި އެއަށްފަހު ރަށުގައި ހުރި ފާހަގަކޮށްލެވޭ ތަންތަނާއި، ރަށުގައި އާއްމު ޚިދުމަތްދޭ ތަންތަނާއި، ދިވެހިންގެ އާއްމު ދިރިއުޅުން ފަތުރުވެރިނަން ވަނީ ދައްކާލާފައެވެ. މުއްޔަކީ ކަންޒު ކަހަބު އުޅޭ ރަށަކަށްވުމުން ފަތުރުވެރިންނަށް ވަނީ ކަނހަބުތައް ދައްކާލާފައެވެ. އަދި ރަށުގައި ރާޅާ އަޅާ ސަރަހައްދުތައް ދައްކާލުމުގެ އިތުރުން، އޮޑިފަހަރު ބަނުމުގެ މަސައްކަތްކުރާ ހަރުގެތަކަށްވެސް ވަނީ ޒިޔާރަތްކޮށްފައެވެ.

މ. މުލިން ފުރައިގެން ދަތުރުގެ ބައިވެރިން ދެން ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ލ.ގަމަށެވެ. އަދި އެއަށްފަހު، ލ. ފޮނަދޫ، ގއ. ކޮލަމާފުށި، ގދ. ހޯނޑެއްދޫ، އަދި އައްޑޫ ސިޓީ ހިތަދޫއާއި ގަމަށްވެސް ޒިޔާރަތްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ސަވާދީއްތަ ދަތުރަކީ ދިވެހިންގެ ސަޤާފަތް ދައްކުވައިދޭ ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް ކުރިއަށްގެންދާ ފަތުރުވެރިކަމުގެ އެންމެ ބޮޑު ރެލީއެވެ. މިއީ ޔޮޓް ރެލީއެއްގޮތަށް ބާއްވާ މި ދަތުރުގެ 3 ވަނަ އެޑިޝަނެވެ.

"ސަވާދީއްތަ ދަތުރު"ގެ 3 ވަނަ އެޑިޝަން ކުރިއަށްދާނީ މިމަހުގެ 29އާ ހަމައަށެވެ. މިފަހަރުގެ ދަތުރަކީ، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރާ ރެލީއަށްވާނެކަމަށް މި ހަރަކާތް އިންތިޒާމްކުރާ މޯލްޑިވްސް އިންޓެގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އެމް.އައި.ޓީ.ޑީ.ސީން ބުނެއެވެ.