ކުޅިވަރު

ވެޓެރަންސް ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް ބާރަށް ކުރިއަށް


ރާއްޖޭގެ ކުޅިވަރުގައި ހަރަކާތްތެރިވެފައިވާ ލެޖެންޑުންނަށް އަމާޒުކޮށްގެން ތައްޔާރުކުރަމުންދާ ވެޓެރަންސް ދަފުތަރުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމުން ގެނެސްދިން "ކުޅިވަރު ވިންދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާފިޢު ވިދާޅުވީ ވެޓެރަންސް ދަފުތަރު އެކުލަވާލުމަށް މިހާރު ކުރިއަށްދަނީ އެންމެ ފަހު މަރުހަލާގެ މަސައްކަތްތައް ކަމަށެވެ. އަދި މި މަސައްކަތް ކުރިއަށްދަނީ ސޯޝަލް ކައުންސިލުން ފާސްކޮށްގެންކަން ވަޒީރު ވަނީ ފާހަގަކުރައްވާފަވެ. ވެޓެރަންސް ދަފުތަރު އެކުލަވާލަން ތައްޔާރުކުރަމުންދާ ޕޯޓަލްގެ މަސައަކަތްވެސް ނިމިފައިވާ ކަމަށް ރާފިޢު ވަނީ ވިދާޅުވެފައެވެ.

ރާފިޢު ވިދާޅުވީ އުއްމީދަކީ ކުރިއަށް އޮތް ހަފުތާގައި ވެންޓެރަންސް ދަފުތަރު އިފްތިތާހުވެގެންދިޔުން ކަމަށެވެ. ރާއްޖޭ ކުޅިވަރުގައި ހަރަކާތްތެރިވާ އެތުލީޓުން ކެރިއަރުގައި ވަރަށް ބޮޑު ގުރުބާނީތަކެއްވާކަން ފާހަގަކުރައްވަމުން ރާފިޢު ވިދާޅުވީ އެ އެތުލީޓުން ކެރިއަރު ނިންމާލުމުން ސަރުކާރަށް ކޮށްދެވޭނީ ކޮންކަމެއްތޯ ބަލަންޖެހޭ ކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާރާއިން އެފަދަ އެތުލީޓުން ފާހަގަކުރަންޖެހޭ ކަމަށާއި، އެ އެތުލީޓުންނަށް މުޖްތަމައުގައި ގަދަރުވެރި ބައެއްގެ ގޮތުގައި އެޅެވޭނެ މަގުފަހިވެފައި އޮންނަން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.

"
ކުރީގެ ކުޅިވަރު ކުޅުއްވާފައި ތިއްބެވި ބޭފުޅުންގެ ވެޓެރަންސްގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަތް އަޅުގަނޑުމެން ސޯޝަލް ކައުންސިލުން ފާސްކޮށްގެން، މިހާރު އެ މަސައްކަތް މިވަނީ އެންމެ ފަހު މަރުހަލާގައި.
ޢަބްދުﷲ ރާފިޢު - ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު

މި ވަގުތު އެންމެ ބޮޑު އިސްކަމެއް ދީގެން ކުރެވުމުންދަނީ ކުޅިވަރުގައި ސީދާ އެތުލީޓުންނަށް އަމާޒުކޮށްގެން ރޭވިފައިވާ ޕްރޮގްރާމުތަކާއި މަސައްކަތްތައް ކަމަށް ރާފިޢު ވަނީ ވިދާޅުވެފައެވެ.