ޚަބަރު

ރައީސް ޔޫއޭއީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންފި


  • ވަރލްޑް ގަވަރމަންޓްސް ސަމިޓްގައި ބައިވެރިވެވަޑައިގެންނެވި

  • މަތީފަންތީގެ މަޝްވަރާ ބައްދަލުވުންތައް ބޭއްވެވި

  • އިންވެސްޓް މޯލްޑިވްސް ފޯރަމުގައި ތަޤްރީރު ކުރެއްވި

އެކުވެރި ޢަރަބި އިމާރާތުގައި ބޭއްވި ވަރލްޑް ގަވަރމަންޓްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައި މިއަދު މާލެވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ އެކުވެރި ޢަރަބި އިމާރާތުގެ ނައިބު ރައީސް، ބޮޑުވަޒީރު، އެކުވެރި ޢަރަބި އިމާރާތުގެ މިނިސްޓަރ އޮފް ޑިފެންސް، އަދި ދުބާއީގެ ވެރިޔާ، ޝައިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ދަޢުވަތަކަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން، ވަރލްޑް ގަވަރމަންޓްސް ސަމިޓް 2024 ގައި ބައިވެރިވެވަޑައިގެން، ދެއްވި ތަޤުރީރުގައި، ދިވެހިރާއްޖެއިން ކުރިމަގުގައި ހާސިލުކުރަން ބޭނުންވާ ދެމެހެއްޓެނިވި ތަރައްޤީގެ މުހިންމު ތަޞައްވުރު އެމަނިކުފާނު އިޢުލާން ކުރެއްވިއެވެ. އަދި އެ ސަމިޓުގެ ހަވާސާގައި މަތީ ފަންތީގެ ބައްދަލުކުރެއްވުންތައް އެމަނިކުފާނު ވަނީ ބާއްވަވާފައެވެ.

މީގެ އިތުރުން، އެކުވެރި ޢަރަބި އިމާރާތުގެ ދުބާއީގައި ބޭއްވި "އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"ގައި ރައީސުލްޖުމްހޫރިއްޔާ ތަޤްރީރު ކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ރާއްޖެއަށް ގެންނަން އެދޭ ބޮޑެތި ބަދަލުތަކާއި ހާސިލުކުރަން އެދޭ ލަނޑުދަނޑިތައް ހާސިލުކުރުމުގައި އަމިއްލަ ވިޔަފާރިތަކުގެ އިސްނެގުމާއެކު އެދާއިރާ ކުރިއަރައިދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައިވެއެވެ.

"އިންވެސްޓް މޯލްޑިވްސް 2024 ދުބާއީ"އަކީ ރާއްޖޭގައި އިންވެސްޓް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިތަކާއި ސަރުކާރުގެ މަތީފަންތީގެ އޮފިޝަލުން އެއްތަނަކުން ބައްދަލުވެ ގުޅުންބަދަހިވުމަށް މަގުފަހިވެގެންދިޔަ ފޯރަމެއް ކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެޤައުމުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހި ކުދިންނަށް ދިވެހިބަހާއި އިސްލާމީ ތަރުބިއްޔަތު ކިޔަވައިދިނުމުގެ އޮންލައިން ޕްރޮގްރާމް "ރިވެލި" އިފްތިތާޙްކޮށްދެއްވާފައެވެ.