ޚަބަރު

ބޮޑެތި މަޝްރޫޢުތައް ފަށައި، އިންވެސްޓްމަންޓްތައް ގިނަވާން ފެށުމުން ޑޮލަރު ތިޔާގިވާނެ: ރައީސް


  • މައްސަލަ ހައްލުވާނީ އިޤްތިޞާދީގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެންކަން ފާހަގަކުރެއްވި

  • އިޤްތިސާދު އިތުރަށް ފުޅާކުރަން ޖެހޭކަންވެސް ފާހަގަކުރެއްވި

ބޮޑެތި މަޝްރޫޢުތައް ފަށައި، އިންވެސްޓްމަންޓްތައް ގިނަވާން ފެށުމުން ރާއްޖޭގައި ޑޮލަރު ތިޔާގިވެގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ "ރައީސްގެ ޖަވާބު' ޕްރޮގްރާމުގައި ކ. މާފުށީ، ޖަންބުމާގޭ އަހުމަދު ސަމީރު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ. އޭނާ ވަނީ ޑޮލަރު ލިބުމުގައި ހުރި ދަތިކަން ހައްލު ކުރެވޭނެ ތާރީޚަކާ ގުޅޭގޮތުން ރައީސާ ސުވާލުކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޑޮލަރުގެ ތާށިކަމަށް ހައްލު ގެނެވޭނީ އިޤްތިޞާދީގޮތުން ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން ކަމަށެވެ. އަދި އެ މައްސަލަ ހައްލުކުރުމަށް އިޤްތިޞާދު އިތުރަށް ފުޅާކުރަން ޖެހޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"އިރާދަކުރެއްވިއްޔާ ބިޔަބޮޑު މަޝްރޫޢުތައް ހިނގަން ފެށީމަ އަދި އިންވެސްޓްމަންޓްތައް ގިނަވާން ފެށީމަ އިރާދަކުރެއްވިއްޔާ ޑޮލަރު ތިޔާގިވާނެ. އިރާދަކުރެއްވިއްޔާ ޑޮލަރު ލިބޭލެއް އަވަސްވާނެ. ފަސޭހަވާނެ،" ރައީސް ވިދާޅުވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު، ރާއްޖެއަށް މިހާރު ދިމާވެފައިވާ ޑޮލަރުގެ މައްސަލަ ކުރިއަށް އޮތް ދެތިން މަސްދުވަހުގެ ތެރޭގައި ހައްލު ކުރެވޭނެ ކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު، މުޙައްމަދު ސަޢީދުވެސް ދާދިފަހުން ވަނީ ވިދާޅުވެފައެވެ. އެގޮތުން، ޑޮލަރުގެ މައްސަލަ އެންމެ ބޮޑަށް ދިމާވާން މެދުވެރިވި އެއް ސަބަބަކީ ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރަމުންދިޔަ ފައިސާ ނިމިދިޔަ ސަރުކާރުން ބޭނުންކޮށްފައިވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގައި ޑޮލަރުގެ ކަޅު ބާޒާރެއް އޮތްއިރު އެ ބަޒާރަށް ބައެއް ވިޔަފާރިތައް ބަރޯސާވެފައިވުމަކީވެސް ޑޮލަރުގެ މައްސަލަ ކުރިމަތިވި ކަމެއްކަމަށް ސައީދު ވިދާޅުވިއެވެ.