ޚަބަރު

މީޑިއާގެ ގޮތުގައި ރަޖިސްޓްރީނުކޮށް ހިންގާ 3 ވެބްސައިޓެއްގެ މައްސަލަ ބަލަނީ


  • މި 3 ވެބްސައިޓުގައިވެސް ޙަޤީޤަތާ ޚިލާފު މައުލޫމާތު ހުރިކަން މީޑިއާ ކައުންސިލުން ފާހަގަކުރޭ

  • ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލަނީ

މީޑިއާއެއްގެ ގޮތުގައި ރަޖިސްޓްރީނުކޮށް ހިންގާ 3 ވެބްސައިޓެއްގެ މައްސަލަ ބަލަމުންދާކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވެއްޖެއެވެ.

މީޑިއާ ކައުންސިލުން ވަނީ ރާއްޖޭގައި ރަޖިސްޓްރީނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ ނިޒާމެއް އެކުލަވާލުމަށްޓަކާ އެކަމާގުޅޭ އުޞޫލެއް ހެދުމަށް ނިންމާފައެވެ.

މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ވިދާޅުވީ، މީޑިއާ ކައުންސިލްގެ ޤާނޫނު ބުނާގޮތުން، މަޢުލޫމާތާއި ޚިޔާލާއި ޚަބަރު ފެތުރުމަށްޓަކާ ރަޖިސްޓްރީކޮށްގެންނާއި، ނުކޮށް ހިންގާ ވެބްސައިޓުތަކަކީވެސް "މީޑިއާ" ކަމުގައި މާނަކޮށްފައިވާކަމަށެވެ. އެހެންކަމުން އެ ފަރާތްތައް މޮނިޓަރކުރުމަކީ މީޑިއާ ކައުންސިލުގެ މެންޑޭޓުގައި ހިމަނާފައިވާކަމެއްކަމަށެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، ދިވެހި ރާއްޖޭގައި މީޑިއާއެއް ގޮތުގައި ރަޖިސްޓްރީ ނުކޮށް ހިންގާ 3 ވެބްސައިޓެއްގެ މައްސަލަ އެ ކައުންސިލުގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ. އެއީ "ދިޔަވަރު.ކޮމް" އާއި، "ކުރުސީ.ކޮމް"ގެ އިތުރުން "ދޮންއަމާ.ކޮމް" އެވެ. މި 3 ވެބްސައިޓުންވެސް ރައްޔިތުންނަށް ހަޤީގަތް އޮޅޭގޮތަށް ދޮގު މަޢުލޫމާތު ފަތުރަމުން އަންނަކަމަށްބުނެ ގިނަ އަދަދެއްގެ ޝަކުވާ ލިބެމުންދާކަމަށް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

މި ވެބްސައިޓްތަކާ ގުޅޭގޮތުން މީޑިއާ ކައުންސިލަށް ލިބިފައިވާ ބައެއް ޝަކުވާތަކަށް ބަލާއިރު، ހަޤީގަތާ ޚިލާފު މަޢުލޫމާތު ހުރިކަން މިހާތަނަށް ފާހަގަކުރެވިފައިވާކަމަށް އެ ކައުންސިލުން ވިދާޅުވިއެވެ. އަދި މި މައްސަލަތައް ބަލަމުން އަންނަ ވަރަކަށް ކައުންސިލުގެ ނިންމުންތައް އާންމުކުރަމުންދާނެކަމަށްވެސް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.

މީޑިއާ ކައުންސިލުން ވިދާޅުވީ، އެ ކައުންސިލުން އަބަދުވެސް ބާރު އަޅަނީ ރާއްޖޭގައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ވީއެންމެ ފުޅާމިނެއްގައި ހުޅުވާލާފައި އޮތުންކަމަށެވެ. އެހެން ނަމަވެސް ކަމުގެ ހަޤީގަތް ނުބަލައި އަދި ކަމާގުޅޭ ފަރާތްތަކުން މައުލޫމާތު ސާފުނުކޮށް ކަނޑައެޅިގެން ހަޤީގަތާ ޚިލާފު ވާހަކަތައް ފެތުރުމަކީ އެ ކައުންސިލުން ބަލައިގަންނަ ކަމެއް ނޫންކަމަށެވެ.

ވަކިން ޚާއްސަކޮށް ރައްޔިތުންނާ ގުޅޭ ހައްސާސް މައްސަލަތަކުގައި ހަޤީގަތް ނުބަލައި ޚަބަރު ފެތުރުމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖުތަމަޢުއަށްކޮށް ބައެއް މުހިންމު މައްސަލަތަކުގެ ހަޤީޤީ މައުލޫމާތު މީހުންނަށް ސާފު ނުވާކަން މީޑިއާ ކައުންސިލުގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވީ، ރަޖިސްޓްރީ ނުކޮށް ހިންގާ މީޑިއާތަކުގެ މައްސަލަތައް ބެލޭނެ ހަރުދަނާ
ނިޒާމެއް އެކުލަވާލުމަށްޓަކައ،ި ކަމާ ގުޅޭ އުސޫލެއް ހަދަން ކުރިޔަށް އޮތް ދުވަސްތަކުގައި މީޑިއާތަކާއި ކަމާގުލޭ ޖަމިއްޔާތަކާއި ދައުލަތުގެ އިދާރާތަކާއި މުއައްސަސާތައް އަދި އާންމުންގެ ޚިޔާލާއެކު އެ މަސައްކަތް ވަރަށް އަވަހަށް ކުރިޔަށް ގެންދާނެ ކަމަށެވެ.

މީޑިއާ ކައުންސިލުގެ ބަޔާނުގައި ގާނޫނުއަސާސީން ކަށަވަރު ކޮށްދީފައިވާ ޚިޔާލު ފާޅު ކުރުމުގެ ހައްގު އެންމެ ފުރިހަމަ ގޮތެއްގައި ބޭނުން ހިފާއިރު އެހެން ފަރާތްތަކުގެ ހައްޤުތަކަށް އުނިކަން އަންނަ ގޮތަށް މުޖްތަމައު ތެރޭ ހަޤީގަތާ ޚިލާފު ވާހަކަ ނުފެތުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި މިފަދަ ކަންކަން ތަކުރާރުކޮށް ކުރާ ފަރާތްތަކާމެދު ޤާނޫނާއި ޤަވައިދުތަކާ އަދި ހެދިފައިހުރި އުޞޫލުތަކުގެ މަތިން އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެކަމަށްވެސް މޯލްޑިވްސް މީޑިއާ ކައުންސިލުން ވިދާޅުވިއެވެ.