ޚަބަރު

ގިނަބަހުން ތަޢުލީމު ދިނުމުން އުނގެނި ދޭހަވުމަށް ފަސޭހަވޭ


  • މާދަރީބަހުގެ ދުވަހަކީ ކޮންމެ އަހަރެއްގެ 21 ވަނަ ދުވަސް

  • ދިވެހިބަސް ދިރުވުމަށް މަސައްކަތްކުރަން ޖެހޭ

މިއަދަކީ މިއަހަރުގެ މާދަރީބަހުގެ ދުވަހެވެ. މި ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ފެބްރުއަރީމަހުގެ 21 ވަނަ ދުވަހުއެވެ. ދުނިޔޭގެ ބާދަރީ ބަހުގެ ދުވަހުގެ ގޮތުގައި މިދުވަސް ފާހަގަކުރަން އދ.ން ނިންމީ 1999 ވަނަ އަހަރުއެވެ. އޭގެ ފަހުން މިއަދަކީ ދުނިޔޭގައި ފާހަގަކުރެވޭ 24 ވަނަ މާދަރީބަހުގެ ދުވަހެވެ. ދުނިޔޭގެ މާދަރީބަހުގެ ދުވަހުގެ މިއަހަރުގެ ޝިޢާރަކީ "ގިނަބައްސަ ތަޢުލީމް: ޖީލުތަކުގެ މެދުގައި އުނގެނުމުގެ ތަނބެއް."މިއެވެ.

މިފަހަރުގެ ޝިޢާރު އ.ދން ކަނޑައަޅާފައިވަނީ ވަރަށް މުހިންމު މަޤުސަދެއްގައެވެ. ގިނަ ބައްސަ ނުވަތަ ގިނަ ބަހުން ދެވޭ ތަޢުލީމަކީ ހުރިހާ ކުދިންވެސް ޝާމިލްވާ ތަޢުލީމަކަށް މުހިންމު އެއްޗެއްކަމަށް އ.ދން ހާމަކުރެއެވެ.

އ.ދން ހާމަކޮށްފައިވާ ގޮތުން މާދަރީބަހުން ކިޔަވަން ފަށާ، އިތުރު ބަސްތައް ދަރިވަރުންނަށް ތަޢާރަފްކޮށްދިނުމުން އެކުދިން އުނގެނި ދޭހަވުމަށް ފަސޭހަވެއެވެ. އެހެންކަމުން ގިނަބައްސަ ތަޢުލީމަކީ ޖީލުތަކުގެ މެދުގައި އުނގެނުމުގެ ތަނބެކެވެ.

މާދަރީބަހުގެ ދުވަހެއް ފާހަގަކުރަންޖެހޭ ވަރަށް ގިނަ ސަބަބުތަކެއް ހުރެއެވެ. ބައެއްގެ އާދަކާދައާއި ސަގާފަތް ގުޅިލާމެހެނީ އެބައެއްގެ ބަހާއެވެ. އެބައެއްގެ ގޮތްފާޑުވެސް ގުޅެނީ މާދަރީބަހާއެވެ. ވީމާ، މާދަރީބަސް ދިރުވާ، ދެމެހެއްޓުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެންގެ މާދަރީބަހަކީ ދިވެހިބަހެވެ. މިބަހާ މެދު ފަޚުރުވެރިވާންވީ ސަބަބުތައް ވަރަށް ގިނައެވެ. ދިވެހި ބަހަކީ ދިވެހިންގެ އަމިއްލަވަންތަ ބަހެކެވެ. ލިއުމުގައި ބޭނުންކުރަނީ އަމިއްލަ އަކުރެކެވެ. ކިޔުމުގައި އަމިއްލަ އަޑުތަކެއްވެސް ހުރެއެވެ.

ދިވެހިބަހާއި މެދު ފަޚުރުވެރިވާންވީ ސަބަބުތައް ގިނައިރު، އަދުގެ މުޖުތަމަޢުގައި ބަހާއި މެދު ކަން ހިނގާގޮތް ހިއްސާކުރައްވަމުން ދިވެހިބަހުގެ އުސްތާޛެއް ކަމަށްވާ އަޝްރަފް ޢަލީ ވިދާޅުވީ މަދުން ނަމަވެސް ބަހަށް އިހާނެތިކޮށް ހިތޭތަން ފެންނަ ކަމަށެވެ. އަދި ބަހުގެ ގަވާއިދާ ހަމައަށް ސަމާލުކަން ދެވޭ މިންވަރު ކުޑަވާތަންވެސް ފެންނަ ކަމަށެވެ. ދިވެހިބަހުން ވާހަކަދައްކަން ގިނަ މީހުން ލަދުގަންނަ ކަމަށެވެ. ބަހަވީ ޢިލްމުތަކަށް ހިތުގައި އޮންނަ ލޯބި ކުޑަވާތަންވެސް ފެންނަކަމަށް އަޝްރަފް ޢަލީ ވިދާޅުވިއެވެ.

ތެދެކެވެ! ދިވެހިބަސް ނޭނގެއޭ ބުނާކަށް، ގިނަ މީހުން މިއަދު ޖެހިލުމެއް ނުވެއެވެ. އޭގެބަދަލުގައި ޖެހިލުންވަނީ އިނގިރޭސިބަސް ނޭނގެއޭ ބުނުމަށެވެ.

އަޅުގަނޑުމެން ފިޠުރަތުގެ ސާފުކަންމަތީ އުފަންވެ ނޭވާލީ ދިވެހި ޖައްވަކަށް ކަމަށެވެ. އުފަންވީ ދިވެހި ބައްޕައަކާއި މަންމައެއްގެ ފުށުންނެވެ. އަޅުގަނޑުމެން ބޮޑުވީ ދިވެހިބަހުގެ ބަގީޗާއެއްގެ ތެރެއިން ކަމަށެވެ. އެހެންކަމުން އަޅުގަނޑުމެންގެ ލޮބުވެތި މާދަރީބަހުން މުޢާމަލާތުކުރަން ޖެހެއެވެ.

އަޅުގަނޑުމެންގެ ފަރިތަބަހަކަށް ދިވެހިބަސް ހަދަން ޖެހެއެވެ. އޭރުން މާދަރީބަހެއް ލިބުމުގެ ނިޢުމަތުގެ ބޭނުން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިފޭނެއެވެ. މި ތަރިކަ މާދަމާއަށް ފޯރުކޮށްދެވޭނީވެސް އޭރުންނެވެ.