ޚަބަރު

ޗައިނާގެ ޝިއަންމެން އެއަރގެ ދަތުރުތައް ރާއްޖެއަށް


  • ޝިއަންމެން އެއަރއިން ކުރުމަށް ހަމަޖެހިފައިވަނީ ޗާޓަރު ދަތުރުތަކެއް

  • ދަތުރުތައް ކުރަނީ ޝިއަންމެން ސިޓީއިން ސީދާ ރާއްޖެއަށް

  • ފުރަތަމަ ފުލައިޓުން ރާއްޖެއަށްވަނީ 230 ފަތުރުވެރިން އައިސްފައި

ޗައިނާގެ ޝިއަންމެން އެއަރގެ ދަތުރުތައް ރާއްޖެއަށް ފަށައިފިއެވެ.

ޝިއަންމެން އެއަރ އިން ރާއްޖެއަށް ދަތުރުތައް ބާއްވަނީ ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަންމެން ސިޓީއިން ސީދާ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށެވެ.

ޝިއަންމެން އެއަރގެ ފުރަތަމަ ފުލައިޓަށް މަރުޙަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ވަނީ ޚާއްސަ ހަރަކާތެއް ބާއްވާފައެވެ. މި ހަރަކާތުގައި ސަރުކާރުގެ އިސްވެރިންނާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުގެ އިތުރުން، އެމްއޭސީއެލްގެ އިސްވެރިންވަނީ ބައިވެރިވެފައެވެ.

ޝިއަންމެން އެއަރއިން ރާއްޖެއަށް ކުރުމަށް ހަމަޖެހިފައިވަނީ ޗާޓަރު ދަތުރުތަކެކެވެ. އެ އެއަރލައިންގެ ފުރަތަމަ ފުލައިޓުން ރާއްޖެއަށް 230 ފަތުރުވެރިން ވަނީއައިސްފައެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހިމް ފައިސަލް ވިދާޅުވީ، މި ދަތުރުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަަސައްކަތުން ފެށިގެން ދިޔަ ދަތުރުތަކެއް ކަމަށެވެ.

"މިއީ ވަރަށް ބޮޑު ކުރިއެރުމެއް، ޚާއްސަކޮށް ފަތުރުވެރިކަމަށް. ޗައިނާގެ އިތުރު ސަރަހައްދުތަކުގައި ރާއްޖެ އިޝްތިހާރުކުރުމަށް މާކެޓިން އިތުރު ހަރަކާތްތައް ކުރިއަށް ގެންދާނެ." ފައިސަލް ވިދާޅުވިއެވެ.

ފައިސަލް ވިދާޅުވީ މި ކުރެވޭ މަސައްކަތްތަކާއެކު މިއަހަރުތެރޭ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު 60 އިންސައްތަ އިތުރުވެގެންދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.

ރާއްޖެ އިޝްތިހާރުކުރުމަށް ކުރިއަށްގެންދާ ހަރަކާތްތަކާއި ގުޅޭގޮތުން ވާހަކަދައްކަވަމުން މޯލްޑިވްސް މަރކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯރޕަރޭޝަން، އެމް.އެމް.ޕީ.އާރު.ސީގެ މެނޭޖިންގ ޑިރެކްޓަރު ފާތުމަތު ތަޢުފީޤު ވިދާޅުވީ ޗައިނާގެ އެކި ޕްރޮވިންސްތަކާއެކު މަސައްކަތްތައް ކުރުމަށް ރާވާފައިވާ ކަމަށެވެ.

"ޕްރޮވިންސްތަކުން ޑައިރެކްޓުކޮށް ދަތުރުތައް ފެށުމަށް ހަމަޖެހިފައިވަނީ، ޝިއަމެން އެއަރގެ ދަތުރުތަކާއި އެކުވެސް ރާއްޖެ އިޝްތިހާރުކުރުމަށް މަސައްކަތްތައް ކުރަމުން މިދަނީ،" ފާތުމަތު ތަޢުފީޤު ވިދާޅުވިއެވެ.

ދާދިފަހުންވަނީ ޗައިނާގެ ހޮންގް ކޮންގް އެއަރލައިނުން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފަށާފައެވެ. އަދި ޝިއަންމެން އެއަރއާއެކު ޗައިނާއިން ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ އަދަދު ވަނީ 5 އަކަށް އިތުރުވެފައެވެ. އެއީ ހޮންގް ކޮންގް އެއަރލައިން، ޝިޗުއާން އެއަރލައިން، ޗައިނާ އީސްޓަން އަދި ބެއިޖިން ކެޕިޓަލް އެއަރލައިންގެ އިތުރުން ޝިއަންމެން އެއަރލައިންއެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ނަންބަރު މާކެޓަށް ޗައިނާ މާކެޓް ހެދުމަށް މަސައްކަތްކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދާދިފަހުން ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އެދިވަޑައިގެންފައެވެ. އަދި ޗައިނާއިން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު ކޯވިޑްގެ ކުރިން ހުރި މިންވަރަށްވުރެ ދެގުނަ އިތުރުކުރެއްވުމަކީ ސަރުކާރުގެ އަމާޒެކެވެ.