ޚަބަރު

އުރީދޫއާއި އަމާނާ ތަކަފުލް ގުޅިގެން އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ޕެކޭޖެއް


  • ފަސޭހަކަމާއެކު އެމްފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ

  • ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުންތަކަށް ބަދަލުދޭނެ

  • މިޕެކޭޖް 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނެގޭނެ

އުރީދޫ މޯލްޑިވްސްއާއި އަމާނާ ތަކަފުލް ގުޅިގެން އެމް-ފައިސާ ޑިޖިޓަލް ޓްރެވަލް އިންސުއަރެންސް ޕެކޭޖެއް ތަޢާރަފްކޮށްފިއެވެ.

އުރީދޫއިން ބުނީ މިޕެކޭޖު ފަރުމާކޮށްފައިވަނީ ފަސޭހަކަމާއެކު އެމް-ފައިސާ މެދުވެރިކޮށް އިންޝުއަރަންސް ނެގޭނެ ގޮތަށްކަމަށެވެ. އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ ރާއްޖެއިން ބޭރަށް ދަތުރުކުރާ ފަރާތްތަކަށް ޚާއްސަކޮށްގެން ފޯރުކޮށްދޭ ޓްރެވަލް އިންޝުއަރެންސް ޕެކޭޖެކެވެ. މިޕެކޭޖުން ދަތުރުގައި ދިމާވާ އެކިއެކި ހާދިސާތަކުން ލިބޭ މާލީ ގެއްލުންތަކަށް ބަދަލު ފޯރުކޮށްދެވޭނެއެވެ.

މިގޮތުން މި ޕެކޭޖުން ބަދަލު ފޯރުކޮށްދޭ ކަންކަމުގެ ތެރޭގައި ދަތުރުމަތީގައި ދިމާވި އެކްސިޑެންޓެއްގައި ނިޔާވުން ނުވަތަ ދާއިމީ ނުކުޅެދުންތެރިކަމެއް ކުރިމަތިވެއްޖެނަމަ 771،000 ރުފިޔާއާއި ހަމައަށް ބަދަލުދެވޭނެއެވެ.

މީގެ އިތުރުން ކުއްލި ޙާލަތްތަކުގައި (އެކްސިޑެންޓް އަދި އެމަޖެންސީ ޙާލަތުގައި) ބޭސްފަރުވާގެ ޚަރަދުތަކަށް 1،542،000 ރުފިޔާއާއި ހަމައަށް ބަދަލު ފޯރުކޮށްދެވޭނެއެވެ.

ބަދަލު ފޯރުކޮށްދޭ އިތުރު ކަންކަމުގެ ތެރޭގައި، މެދުވެރިވި ޙާލަތެއްގެ ސަބަބުން ދަތުރު ކެންސަލްކުރަން ޖެހުން ނުވަތަ ދަތުރު ކުރުކޮށްލާފައި އަންނަން ޖެހިއްޖެ ޙާލަތެއްގައިވެސް ބަދަލު ފޯރުކޮށްދެވޭނެ އުޞޫލުތަކެއް ހިމެނިފައިވެއެވެ.

މީގެއިތުރުން ފްލައިޓަށް އެރުވި ދަބަސް ގެއްލުން ނުވަތަ ޕާސްޕޯޓް ގެއްލުންފަދަ ޙާލަތްތަކުގައިވެސް ބަދަލު ފޯރުކޮށްދެވޭނެއެވެ. ހަމައެހެންމެ ފުރަން އޮތް ފްލައިޓަށް ދިމާވި ކަމެއްގެ ސަބަބުން ދަތުރު ކުރެވޭގޮތް ނުވުން ނުވަތަ ފުރަން އޮތް ފްލައިޓް ފުރުން 12 ގަޑިއިރަށްވުރެ ލަސްވެއްޖެނަމަ ބަދަލުދެވޭ އުޞޫލުތަކެއް ހިމެނިފައިވާނެކަމަށް އުރީދޫއިން މައުލޫމާތުދެއެވެ.

އުރީދޫއިން ބުނީ ކަސްޓަމަރުންނަށް މިޕެކޭޖް 14 ދުވަހުގެ މުއްދަތަކަށް ނުވަތަ 35 ދުވަހުގެ މުއްދަތަކަށް ނެގޭނެ ކަމަށެވެ. މި ޓްރެވަލް އިންޝުއަރެންސް ޕެކޭޖުގައި އޭޝިއާ ބައްރުގެ ޤައުމުތަކަށް ދަތުރު ކުރުމަށް ޚާއްސަ އެންމެ އަގުހެޔޮ އޭޝިޔާ ޕެކޭޖް ލިބެން ހުންނާނެ ކަމަށާއި، މީގެ އިތުރުން އެމެރިކާ ނުވަތަ ކެނެޑާއަށް ދަތުރު ކުރައްވާ ބޭފުޅުންނަށް ޚާއްސަ ޕެކޭޖެއްވެސް ލިބެން ހުންނާނެކަމަށެވެ.

އަމާނާ ތަކަފުލްގެ ޖެނެރަލް މެނޭޖަރ، އިބްރާހިމް ރިޔާޒު ވިދާޅުވީ، އެމް-ފައިސާ ޓްރެވަލް އިންޝުއަރެންސަކީ މިވަގުތު މާކެޓްގައި ލިބެން ހުރި އެންމެ އަގުހެޔޮ ޓްރެވަލް އިންޝުއަރެންސް ޕެކޭޖުކަމަށެވެ.

"އުރީދޫ ފަދަ ރައްޔިތުން އިތުބާރުކުރާ ކުންފުންޏަކާއި އަމާނާ ތަކަފުލް ގުޅިގެން އުރީދޫގެ ކަސްޓަމަރުންނަށް ފުރިހަމަ ޓްރެވަލް އިންޝުއަރަންސެއް، ޖީބަށް ކަތާވަރުގެ އަގެއްގައި، އުރީދޫގެ އެމް-ފައިސާ ފަދަ ޕްލެޓްފޯމަކުން ލިބެންހުރުމަކީ މިފަދަ ޕްރަޑަކްޓެއް ބަލައިގަތުމަށް ފަސޭހަވެގެންދާނެ ކަމެއް" އިބްރާހިމް ރިޔާޒު ވިދާޅުވިއެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމާޝަލް އޮފިސަރ، ހުސައިން ނިޔާޒު ވިދާޅުވީ، އެމް-ފައިސާ ބެނުންކޮށްގެން ފަސޭހަކަމާއެކު އުރީދޫ ސުޕަރއެޕް މެދުވެރިކޮށް މި އިންޝުއަރަންސް ޕްލޭން ލިބޭނެ ކަމަށެވެ.

"ޑިޖިޓަލް މޯލްޑިވްސްއަކަށް ބޭނުންވާނެ ޚިދުމަތްތައް ކަސްޓަމަރުންނާ ހަމައަށް ފޯރުކޮށްދެވޭނެ އިތުރު ގޮތްތައް އުރީދޫއިން އަބަދުވެސް މިދަނީ ހޯދަމުން. އަމާނާ ތަކަފުލް އާއެކު އިތުރު ޑިޖިޓަލް އިންޝުއަރަންސް ޕްލޭންތައް ކަސްޓަމަރުންނާއި ހަމައަށް ގެނެސްދިނުމަށް މިހާރުވެސް މިދަނީ މަސައްކަތްކުރަމުން." ހުސައިން ނިޔާޒު ވިދާޅުވިއެވެ.

މިޕެކޭޖް 65 އަހަރުން ދަށުގެ ކޮންމެބޭފުޅަކަށްވެސް ލިބޭނެ ކަމަށާއި، އެއްކޮށް ދަތުރު ކުރާ ފަރާތްތަކަށް ވަކި ވަކި ޕެކޭޖު ނެގުމުގެ ބަދަލުގައި އެއް ޕެކޭޖުގައި ހުރިހާ ބޭފުޅުން ހިމަނާލެވުމުގެ ފަސޭހަވެސް ލިބިގެންދާނެކަމަށް އުރީދޫއިން ހާމަކުރެއެވެ.