ޚަބަރު

އިމާމުންނާއި ޚަޠީބުންގެ 20 މީހުން ތަޖުރިބާ ހޯދަން މައްކާއަށް ފުރަނީ


  • މިމަހު 16 ގައި ފުރަތަމަ ބުރު ފުރާނެ

  • ފުރަތަމަ ބުރުގައި ދާނީ މައްކާއަށް

  • ޝައްވާލު މަހު 2 ވަނަ ބުރު ފުރާނެ

އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން 20 މީހުން ރާއްޖެއިން ބޭރަށް ފޮނުވުމަށް ނިންމައިފިއެވެ.

އިމާމުންނާއި ޚަތީބުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢު ފަށާފައިވަނީ މިދިޔަ އާދިއްތަ ދުވަހުގައެވެ. މި މަޝްރޫޢުގެ ދަށުން ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް ތަމްރީން ކުރުމަށް ހަމަޖެހިފައިވެއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިމާމުންނާއި ޚަޠީބުންނަށް ރާއްޖެއިން ބޭރުން އިތުރު ތަމްރީނު ދިނުމުގެ ފުރުޞަތުގެ ދަށުން ފުރަތަމަ ބުރު މި މަހު 16 ގައި މައްކާއަށް ފުރާނެކަމަށެވެ. އަދި މިއަހަރުގެ ތެރޭ ސަޢުދީ ޢަރަބިއްޔާއަށް އިމާމުންގެ އިތުރު ގުރޫޕެއް ތަމްރީންވުމަށް ފޮނުވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.

އެގޮތުން ދެވަނަ ބުރު ޝައްވާލު މަހުގައި ފުރާނެކަމަށާއި، އެ ބުރުގައި ދާ މީހުންގެ އަދަދު އިތުރުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ސަޢުދީ ޢަރަބިއްޔާގެ އެކި މުވައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދާ ތަޢުލީމީ ތަރުބަވީ އަދި އިމާމުންނާ ގުޅޭ ޚާއްސަ މަޢުލޫތަކަށް ތަމްރީން ދެވޭ ޕްރޮގްރާމްތަކެއް މިއީ. މިއިން އިމާމުންނާއި ޚަތީބުންނަށް ވަރަށް ބޮޑު ފައިދާއެއް ވާނެ." އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

މިއަހަރު އިމާމުންނާއި ޚަޠީބުން، ސަޢުދީ ޢަރަބިއްޔާއާއި މިޞްރު، މެލޭޝިޔާ، އަދި ބުރޫނާއިގެ އިތުރުން އިންޑޮނޭޝިޔާއަށްވެސް ތަޖުރިބާއާއި ތަމްރީނުގެ ދަތުރުކުރުމަށް ހަމަޖެހިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ރަމަޟާންމަހުގެ ފަހުން އެކި ބުރުތަކަށް ބަހާލައިގެން އިމާމުންނާއި ޚަތީބުން ފޮނުވަމުން ގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ވިދާޅުވީ، އިމާމުންނާއި ޚަތީބުން ތަމްރީން ކުރުމަށް ކުރިއަށްގެންދާ ޕްރޮގްރާމްގެ އިތުރަށް މަތީ ތަޢުލީމަށް ކިޔެވުމުގެ ފުރުޞަތު އަންނަ މަހު ހުޅުވާލާނެކަމަށެވެ.

އިމާމުން ތަމްރީންކުރުމުގެ ޤައުމީ މަޝްރޫޢަކީ އިމާމުކަމުގެ ދާއިރާއިން އިތުރު ތަމްރީނު ދިނުމަށްޓަކައި 11 ސަރަހައްދަކަށް ބަހާލައިގެން ދާއިމީ އިމާމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ފުރަތަމަ ބުރުގައި ދެކުނުގެ ރަށްރަށުން 77 އިމާމުން ބައިވެރިވެއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭ ހުރިހާ އިމާމުން ތަމްރީންކޮށް ނިންމާލުންކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.