ޚަބަރު

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ފަށައިފި


  • މި މަޝްރޫޢުގެ ދަށުން 15 މަގު ހަދާނެ

  • މަގުތައް ހަދާނީ ޒަމާނީ ފެން ހިންދުމުގެ ނިޒާމާއެކު

  • އަމާޒަކީ ތާރު އެޅުމުގެ މަސައްކަތް 6 މަސް ތެރޭ ނިންމާލުން

ހއ. އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މިމަޝްރޫޢު ފައްޓަވާދެއްވީ ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް ރިޓަޔަރޑް ޢަލީ ޒުހައިރުއެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތް އާރުޑީސީއާ 2022 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.

އިހަވަންދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، މަސައްކަތް ފެށުމުގެ ކުރިން ކުރަންޖެހޭ ސާވޭތަކާއި ޑިޒައިންކުރުމުގެ މަސައްކަތް ނިންމުމަށްފަހު ކަމަށެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން 15 މަގު ތާރުއަޅައިގެން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރާނެއެވެ. އަދި މި މަގުތައް ހަދާނީ ޒަމާނީ ފެން ހިންދުމުގެ ނިޒާމާއިއެކު ކަމަށްވެސް އާރްޑީސީން މަޢުލޫމާތުދެއެވެ. އަދި މަގު ހަދާއިރު، މަގުގެ އަޑީގައި ވަޅުލާފައިވާ ހޮޅިތަކާއި ކޭބަލްތައް ރަނގަޅުކޮށް ވަކި އިންތިޒާމެއްގެ ދަށުން ވަޅުލުމުގެ މަސައްކަތްވެސް ކުރެވޭނެ ކަމަށް އާރުޑީސީން ބުންޏެވެ. މަގުހަދާ ނިމޭއިރު މަގުތަކުގައި ނިޝާންތައް ކުރަހާ މަގުބައްތިވެސް ހަރުކުރާނެ ކަމަށް އާރްޑީސީން ބުނެއެވެ.
އަމާޒަކީ ހުރިހާ މަގެއްގައި ތާރު އެޅުމުގެ މަސައްކަތް 6 މަސް ދުވަހުތެރޭ ނިންމާލުން ކަމަށް އާރްޑީސީން ހާމަކުރެއެވެ.

އިހަވަންދޫ މަގު ހެދުމުގެ މަޝްރޫޢު އާރުޑީސީއަށް ޙަވާލުކޮށްފައިވަނީ 102 މިލިޔަން ރުފިޔާއަށެވެ.

އިހަވަންދޫއަކީ ވެރިކަންކުރާ ދިއްދޫ ފިޔަވައި މުޅި އަތޮޅުގައިވެސް އާބާދީގެ ގޮތުން އެންމެ ބޮޑު ރަށެވެ. ހަތަރުހާހާއި ގާތްކުރާ އާބާދީއެއް އޮންނަ އިހަވަންދޫއަކީ ވިޔަފާރީގެ އެކި ބޭނުންތަކަށްވެސް ގިނަ ޢަދަދެއްގެ މީހުން އަރާފައިބާ ރަށެކެވެ. ރަށުގެ މަގުތަކުގައި ވަޅުގަނޑު ހެދި ވިއްސާރަ މޫސުމުގައި ވާރޭވެހި ފެންބޮޑުވާ ދުވަސްތަކުގައި ހިނގާ އުޅުމާއި އެއްގަމު އުޅަނދު ދުއްވާ ފަރާތްތަކަށް ދަތިތައް ދިމާވާތީ ރަށަށް އަރާފައިބާ މީހުންނާއި ރަށުގެ ރައްޔިތުންވެސް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އެހެންކަމުން މަގު ހެދުމުގެ މަޝްރޫޢު ނިމިގެންދާއިރު، އިހަވަންދޫއަށް ކުރިމަތިވެފައިވާ މިމައްސަލަތަކަށް ބޮޑު ހައްލެއް ލިބޭނެއެވެ.