ޚަބަރު

ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފްތަރުގައި ރަޖިސްޓްރީވާން ހުޅުވާލައިފި


  • މިއީ ރައީސްގެ ހަފްތާ 14 މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެއް

  • މި ދަފުތަރު އެކުލަވާލަނީ ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގައި

  • ރަސްމީކޮށް އާމްދަނީ ހޯދަން މަސައްކަތް ކުރާ ބަޔަކަށް ޓެކްސީ ޑްރައިވަރުން ވާނެ

ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރާއްޖޭގައި ޓެކްސީގެ ޚިދުމަތް ފޯރުކޮށްދެމުން އަންނަ ޑްރައިވަރުން، ރަޖިސްޓްރީވުމުގެ ފުރުސަތު ސަރުކާރުން ހުޅުވާލައިފިއެވެ.

މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަފުތާ 14ގެ މަގުޗާޓުގައި ހިމަނުއްވާފައިވާ ކަމެކެވެ. މި ދަފުތަރުގައި ރަޖިސްޓްރީވުމުގެ ފުރުސަތު ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ހުޅުވާލީ އިއްޔެއެވެ.

އެ ވުޒާރާއިން ނެރުނު އިއުލާނެއްގައި ވިދާޅުވީ ޓެކްސީ ޑްރައިވަރުންގެ ޤައުމީ ދަފުތަރުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކަށް އެ ވުޒާރާގެ ސިމްސް ޕޯޓަލް މެދުވެރިކޮށް ރަޖިސްޓްރި ކުރެވޭނެ ކަމަށެވެ.

ސަރުކާރުން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި މި ދަފުތަރު އެކުލަވާލަނީ ދާއިމީ ގޮތެއްގައި ޓެކްސީ ދުއްވައިގެން އާމްދަނީ ހޯދުމަށް ރަސްމީ މަސައްކަތެއްގެ ސިފަ މިހާތަނަށް ލިބިފައިނުވާތީ އޭގެ ސަބަބުން ޓެކްސީ ޑްރައިވަރުންނަށް ލޯނަށް އެދުމާއި މުއައްސަސާތަކަށް އާމްދަނީގެ މައުލޫމާތު ފޯރުކޮށްދިނުން ފަދަ ޒަރޫރީ ބޭނުންތައް ނުފުއްދޭތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށެވެ. އެގޮތުން، މި ދަފުތަރާއެކު ޓެކްސީ ޑްރައިވަރުންނަކީވެސް ރަސްމީ ސިފައެއްގައި އާމްދަނީ ހޯދަން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް ސަރުކާރުން ވިދާޅުވިއެވެ.

ރާއްޖޭގެ ޓެކްސީ ނިޒާމު، ދުނިޔޭގެ ތަރައްގީވެފައިވާ ޤައުމުތަކާއެއްގޮތަށް ތަރައްގީ ކުރުމަށް މަސައްކަތް ކުރެއްވުމަށް ވެސް ވަޒީރުންގެ މަޖިލީހުގައި މިދިޔަ މަހުގެ ތެރޭގައި ވަނީ މަޝްވަރާ ކުރައްވާފައެވެ. އެގޮތުން ތަހުޒީބު މުޖުތަމައެއްގައި އެޚިދުމަތް އޮންނަ ގޮތަށް ޚިދުމަތް ދިނުމަށް ބޭނުންވާ މަސައްކަތް ކުރުމަށް ތަފްސީލީ ކަރުދާހެއް ހުށަހެޅުމަށް އަންގަވާފައިވާ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.