ޚަބަރު

ޤައުމީ ބޭސްވެރިކަމުގެ ސިޔާސަތާއެކު ކޮލިޓީ ބޭސް ރައްޔިތުންނަށް ލިބޭނެ: ވަޒީރު


  • ކޮލިޓީ ބޭސް ރާއްޖެއަށް އެތެރެކުރުމަށް މަގުފަހިވާނެ

  • ޑޮކިއުމަންޓް ރިވިއުކުރުމަށް ހޭދަވާނީ އެންމެ ގިނަވެގެން 10 ނުވަތަ 15 ދުވަސް

ނޭޝަނަލް މެޑިސިން ޕޮލިސީ ނުވަތަ ޤައުމީ ބޭސްވެރިކަމުގެ ސިޔާސަތާއެކު ފެންވަރު ރަނގަޅު ބޭސް ރައްޔިތުންނަށް ލިބޭނެކަން ކަށަވަރުވާނެ ކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލު މިހެން ވިދާޅުވީ ނޭޝަނަލް މެޑިސިން ޕޮލިސީ އިފްތިތާހުކޮށްދެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިސިޔާސަތަކީ 2018 އިން 2023 އަށް ތަންފީޒްކުރަމުން ދިޔަ ސިޔާސަތު މުރާޖައާކުރުމަށްފަހު އެކުލަވާލާފައިވާ އައު ޤައުމީ ސިޔާސަތެކެވެ. ސިޔާސަތު މުރާޖައާ ކުރިއިރު މިހާރުގެ ހާލަތައް ފެތޭތޯ ބަލައި ބަދަލު ގެންނަންޖެހޭ ކަންކަން ދެނެގަތުމަށްފަހު ތަންފީޒްކުރުން ހަރުދަނާކުރެވިފައިވާ ކަމަށް ޞިއްޙަތާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސިއްހަތާއި ބެހޭ ވަޒީރު އަބްދުﷲ ޚަލީލް ވިދާޅުވީ، ރާއްޖެއިން ކޮލިޓީ ރަނގަޅު ބޭސް ނުލިބުމުގެ ޝަކުވާ ބަލިމީހުން އަބަދުވެސް ކުރާކަމަށެވެ. އަދި މިޕޮލިސީއާއެކު ރަނގަޅު ކޮލިޓީގެ ބޭސް ރާއްޖެއަށް ގެނައުމަށް މަގުފަހިވެގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މި ސިޔާސަތާއެކު ބޭސް އެތެރެކުރަން ހުށައަޅަންޖެހޭނީ 2 ޑޮކިއުމަންޓަކާއި ބޭހުގެ ސާންޕަލްކަމަށެވެ. އަދި ހުށައަޅާ ޑޮކިއުމަންޓް ރިވިއުކުރަން ކުރިން 3 މަހެއްހާ ދުވަސް ހޭދަވާކަމަށާއި ނަމަވެސް މި ގެނެވުނު ބަދަލާއިއެކު ޑޮކިއުމަންޓްތައް ރިވިއުކުރުމަށް ގިނަވެގެންވެސް ހޭދަވާނީ 10 ނުވަތަ 15 ދުވަސްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖެއަށް މިއަދު މިތަޢާރަފްކުރެވިގެންދާ މެޑިސިން ޕޮލިސީގެ ތެރެއިން ވަރަށް ގިނަ ކަންތައްތަކެއް އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހާސިލްކުރެވިގެންދާނެ. އޭގެތެރެއިން އެއްކަމަކީ ފެންވަރު ރަނގަޅު ބޭސް ދިވެހި ރައްޔިތުންނަށް ލިބޭނެކަމުގެ ޔަޤީންކަން މި ޕޮލިސީގެ ތެރެއިން އަޅުގަނޑުމެންނަށް ކަށަވަރުވެގެންދިއުން. ރާއްޖޭގެ ބާޒާރުގައި ލިބެންހުރި ބައެއް ބޭސްތަކުން އެ ލިބޭ ފަރުވާ ދަށްކަމަށް ވަރަށް ގިނަ ފަހަރަށް ހުރީ ފާހަގަކުރެވިފައި." ވަޒީރު ވިދާޅުވިއެވެ.

މި ސިޔާސަތު ބާރުއަޅާފައިވާނީ ފެންވަރު ރަނގަޅު ރައްކާތެރި ބޭސް އެކަށޭނަ އަގެއްގައި ފަސޭހައިން ރައްޔިތުންނަށް ފޯރުކޮށްދިނުމަށެވެ. މި ސިޔާސަތާއެކު ބޭހުގެ ފެންވަރާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ޞިއްޙީ ވުޒާރާއާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ކުރަމުންދާ މަސައްކަތްތައް އިތުރަށް ހަރުދަނާވެގެންދާނެއެވެ.