ޚަބަރު

10 ޔޮޓާއެކު ސަވާދިއްތައިގެ 3 ވަނަ ދަތުރު ފަށައިފި


  • ދަތުރު ފެށީ ކުޑަގިރިން، ފުރަތަމަ މަޑުކުރާނީ ވ.ފުލިދޫއަށް

  • މިއީ ދިވެހީންގެ ދިރިއުޅުން ފަތުރުވެރިންނަށް ދައްކާލުމަށް ހިންގާ ހަރަކާތެއް

  • މިދަތުރުގައި ފުރަތަމަ ފަހަރަށް ޔޮޓްތައް އީކުއޭޓަރ ހުރަސްކުރާނެ

ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރުމާއެކު ބާއްވާ ބައިނަލްއަޤުވާމީ ޔޮޓްރެލީ، ސަވާދީއްތައިގެ 3 ވަނަ ދަތުރުފަށައިފިއެވެ.

ސަވާދީއްތަ ދަތުރަކީ ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީން އަހަރަކު އެއްފަހަރު، ސިލްސިލާ ގޮތެއްގައި ކުރިއަށްގެންދާ ބައިނަލްއަޤްވާމީ ޔޮޓްރެލީއެކެވެ.

ސަވާދީއްތަ ދަތުރު 2024 ކުރިއަށް ގެންދިޔުމަށް ނިންމާފައިވަނީ "މޯލްޑިވްސް - އަ ސްމޯލް ކަންޓްރީ ވިތް އަ ބިގް ހާރޓް" މި ތީމް ގެ ދަށުންނެވެ. މިދަތުރު ފެށީ މާލެ އަތޮޅު ކުޑަގިރިންނެވެ. މިޔޮޓްރެލީ ދަތުރުކުރުމަށް ހަމަޖެހިފައިވަނީ ވ.ފުލިދޫ، މ.މުލި، ލ.ގަން، ލ.ފޮނަދޫ، ގއ.ކޮލަމާފުށި، ގދ.ހޯނޑެއްދޫ، ސ.ހިތަދޫ އަދި ސ.ގަމަށެވެ. މިއަހަރު ކުރިއަށްދާ މިދަތުރުގައި ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރަން ހަމަޖެހިފައިވާކަން އެމްއައިޓީޑީސީން ހާމަކުރެއެވެ.

ސަވާދީއްތަ ދަތުރު ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވަޒީރު އިބްރާހީމް ފައިސަލް އާއި ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުގެ އިތުރުން ސަރުކާރުގެ އިސްވެރިންނާއި ފަތުރުވެރިކަމުގެ ސިނާޢަތުގައި ޙަރަކާތްތެރިވާ ގިނަ ފަރާތްތަކުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ފާތުމަތު ތައުފީޤު ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން މާކެޓްކުރުމުގައި އެންމެބޮޑު އިސްކަމެއް ދެނީ ވެށީގެ ރައްކާތެރިކަމަށެވެ. އަދި ދެމެހެއްޓެނިވި ފަތުރުވެރިކަމަށް އަބަދުވެސް ބާރުއަޅުއްވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"ތިމާވެއްޓަކީ އަބަދުވެސް އެންމެ އިސްކަން ދޭކަމެއްކަމުގައި ބަލައިގެން ރާއްޖޭގެ ވިޒިޓް މޯލްޑިވްސްއިން ޕްރޮމޯޝަންތައް ކުރިއަށްގެންދަނީ." ފާތުމަތު ތައުފީޤު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިންޓަގްރޭޑެޓް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެމްއައިޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ޝިއުނާ ޚާލިދުވަނީ މި ދަތުރުގެ ޚާއްސަކަން ބައިވެރިންނާ ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖޭގެ ތާރީޚާއި ދިވެހިންގެ ދިރިއުޅުމުގެ އަސްލު މިދަތުރުގެ ތެރެއިން ބައިވެރިންނަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

"މި ރެލީ ކުރިއަށްގެންދިޔުމުގެ އެންމެ މުހިއްމު އެއް ބޭނުމަކީ ފަތުވެރިކަން ފުޅާކުރުމުގެ އިތުރުން ރާއްޖޭގައި ކުރެވޭ ފަތުރުވެރިކަމުގެ ތަޖުރިބާވެސް ތަފާތުކުރުން." ޝިއުނާ ވިދާޅުވިއެވެ.

ސަވާދިއްތަ ދަތުރު ކުރިއަށްދާނީ މިމަހުގެ 10 ވަނަ ދުވަހުން ފެށިގެން މިމަހުގެ 29ގެ ނިޔަލަށެވެ. މިދަތުރުގައި މިފަހަރު 10 ޔޮޓަކުން 55 މީހުންވަނީ ބައިވެރިވެފައެވެ. މީގެތެރޭގައި އޮސްޓްރޭލިއާ، ޔޫކޭ، ޔޫއޭއީ، ފްރާންސް އަދި ފިންލޭންޑް ހިމެނެއެވެ. މިފަހަރުގެ ދަތުރަކީ، ރާއްޖޭގެ ބޮޑު 2 ކަނޑެއް ހުރަސްކުރުމުގެ އިތުރުން ފުރަތަމަ ފަހަރަށް އީކުއޭޓަރ ހުރަސްކުރާ ރެލީއެވެ.

"ސަވާދީއްތަ ދަތުރު 2024" ނިންމުމުގެ ރަސްމިއްޔާތުގެ ގާލާ ނައިޓް ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީގައެވެ.

2022 ވަނަ އަހަރު ބޭއްވި ސަވާދީއްތައި ފުރަތަމަ ދަތުރުގައި 7 ޔޮޓު އަދި މިދިޔަ އަހަރު ބޭއްވި ދެވަނަ ދަތުރުގައި 14 ޔޮޓެއް ބައިވެރިވިއެވެ.

ދިވެހިންނަކީ ޒަމާނުއްސުރެ ރިޔަލު ދޯނީގައި މާސިންގާ ކަނޑުތައް ހުރަސްކޮށް، ރާއްޖެ އާއި ބޭރުގެ ކަރަތަކަށް ދަތުރުކުރި ކުޅަދާނަ ބައެކެވެ. 'ސަވާދީއްތަ ދަތުރު'ގެ އެންމެ ބޮޑު އެއް މަޤްޞަދަކީވެސް، ދިވެހިންގެ ޤަދީމީ މި ހުނަރު ދިރުވާ އާލާކޮށް، ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތައް، މުޅިން ތަފާތު ނަޒަރަކުން ދުނިޔެއަށް އިޝްތިހާރުކޮށް ޕްރޮމޯޓްކުރުމުގައި އެހީތެރިކަން ފޯރުކޮށްދިނުންކަމަށް އެމްއައިިޓީޑީސީން ބުނެއެވެ.