ޚަބަރު

ދުނިޔޭގެ ފެންވަރުގެ މެރިން ހަބަކަށް ރާއްޖެ ހެދުމަކީ އަމާޒެއް: ބޯޓިން އެސޯސިއޭޝަން


  • އެކްސްޕޯ ކުރިއަށްދާނީ މިމަހުގެ 8 އިން 11 އަށް ސެންޓްރަލް ޕާކުގައި

  • އެއްފުރާޅެއްގެ ދަށުން މެރިން އިންޑަސްޓްރީގެ އުފެއްދުންތައް ބަލާލެވޭނެ

  • އުފެއްދުންތަކާއި ބެހޭ މަޢުލޫމާތު ސާފުކޮށްދިނުމުގެ ކަންކަން ކުރިއަށްދާނެ

ދިވެހިރާއްޖެއަކީ މެރިން އިންޑަސްޓްރީގައި ސަރަޙައްދީ ގޮތުންނާއި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ހަބަކަށް ހެދުމަކީ އަމާޒެއްކަމަށް ނޭޝަނަލް ބޯޓިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

"މޯލްޑިވްސް މެރިން އެކްސްޕޯ 2024"ގެ ތެރެއިން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މޯލްޑިވްސް މެރިން އެކްސްޕޯގެ އިވެންޓް މެނޭޖަރ ޝާމް މުޙައްމަދު ވިދާޅުވީ، މިހާރުވެސް ރާއްޖޭގެ މެރިން އިންޑަސްޓްރީއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ނަން މަޝްހޫރު ޤައުމުތައް ކަމަށްވާ ސިންގަޕޫރް އަދި ދުބާއީ ފަދަ ޤައުމުތައް ބަލައިގަންނަ އިންޑަސްޓްރީއެއް ކަމަށެވެ.

މިފަހަރުގެ އެކްސްޕޯގައި އެހެން އަހަރުތަކާއި ޚިލާފަށް މެރިން އިންޑަސްޓްރީގެ ތަފާތު ގިނަ އުފެއްދުންތަކާއި ސްޓޯލްތައް ހިމެނޭ ކަމަށް ޝާމް ވިދާޅުވިއެވެ.

"މި އެކްސްޕޯގެ ތެރޭގައި އެބައުޅޭ އިލެކްޓްރިކް އައުޓްބޯޑު އިންޖީނު، ސްޓަރލިންކު ފޯ މެރިން ބޯޓްސް. އޭގެ އިތުރުން ގަލްފު ކްރާފްޓުގެ އައު ބޯޓުގެ ލައިނަޕް، އަލްޝާލީގެ އައު ބޯޓު ލައިނަޕެއް، އިލެކްޓްރިކް އިންޖީނު އަދި އެހެނިހެން ބައިވަރު އުފެއްދުންތައް." ޝާމް ވިދާޅުވިއެވެ.

2020 ވަނަ އަހަރުގެ ކޮވިޑް-19ގެ ފަހުންވެސް މިހާތަނަށް މޯލްޑިިވްސް މެރިން އެކްސްޕޯއަށް ކުރިއެރުންތަކަށް ލިބެމުން އަންނަކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި 2023 ވަނަ އަހަރު ބޭއްވި މޯލްޑިވްސް މެރިން އެކްސްޕޯއަށް ބޮޑު ތަރުޚީބެއް ލިބުނުކަމަށް ޝާމް ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް ލިބޭ ކުރިއެރުންތަކުގެ ސަބަބުން ދުނިޔޭގެ ނަން މަޝްހޫރު މެރިން އިންޑަސްޓްރީއަކަށް ދިވެހިރާއްޖެވުމުގެ ފުރުޞަތު އޮތްކަމަށް ޝާމް ވިދާޅުވިއެވެ.

ޝާމް ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ބޯޓިން އިންޑަސްޓްރީން މަސައްކަތްކުރަމުންދާނީ ރާއްޖޭގެ މެރިން އިންޑަސްޓްރީއަށް އިތުރު ކުރިއެރުން ހޯދައިދިނުމަށް ކަމަށެވެ. މިފަހަރުގެ އެކްސްޕޯގައިވެސް ގިނަ އަދަދެއްގެ ފަރާތްތަކުން ބައިވެރިވި ކަމަށާއި 2025 ވަނަ އަހަރު ބާއްވާ އެކްސްޕޯއަށްވެސް އާންމުންގެ ބޮޑު ޝައުގުވެރިކަމެއް ފެނިގެން ގޮސްފައިވާކަމަށް ޝާމް ވިދާޅުވިއެވެ.

މެރިން އެކްސްޕޯގެ މައިގަނޑު މަޤްޞަދަކީ އެއްފުރާޅެއްގެ ދަށުން މެރިން އިންޑަސްޓްރީގެ އުފެއްދުންތައް ބަލާލުމަށާއި، އެ އުފެއްދުންތަކާއި ބެހޭ މަޢުލޫމާތު އެނގެން ބޭނުންވާ ފަރާތްތަކަށް އެ މަޢުލޫމާތު ސާފުކޮށްދިނުން ކަމަށް މޯލްޑިވްސް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.

މި އެކްސްޕޯއަކީ ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ކުރިއަށްގެންދާ އެގްޒިބިޝަނެކެވެ. މި އެގްޒިބިޝަން ވަނީ ވޭތުވެދިޔަ 8 އަހަރުވެސް އެ އެސޯސިއޭޝަނުން ކުރިއަށް ގެންގޮސްފައެވެ. މިފަހަރުގެ އެބްޒިބިޝަނަކީ އެ އެސޯސިއޭޝަނުން ކުރިއަށް ގެންދާ 9 ވަނަ އެޑިޝަނެވެ. އެކްސްޕޯ ކުރިއަށް ދާނީ ފެބްރުއަރީ މަހުގެ 8 އިން 11 އަށް ކޮންމެ ދުވަހެއްގެ ހަވީރު 16:00 ރޭގަނޑު 22:00 އަށް ހުޅުމާލޭގެ ސެންޓްރަލް ޕާކުގައެވެ.