ކުޅިވަރު

ހަމަނުޖެހުން ހިންގި ވިކްޓަރީ އާއި ކުޑަ ހެންވޭރުގެ މެޗު ހުއްޓާލައިފި


އެމްޕީއެލް ދެވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި ވިކްޓަރީ ސްޕޯޓްސް ކުލަބާއި ކުޑަ ހެންވޭރު ބައްދަލުކުރި މެޗުގައި ހަމަނުޖެހުން ހިންގުމާ ގުޅިގެން މެޗު ހުއްޓާލަން ޖެހިއްޖެއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ބާކީ ނުވަ މިނެޓު އޮއްވައި މެޗު ހުއްޓާލިއިރު، 3-1 ގެ ނަތީޖާއަކުން ވިކްޓަރީ އޮތީ ކުރީގައެވެ.

މި މެޗުގެ ކުޅުން ހުއްޓާލީ ފަހު ވަގުތުގައި ވިކްޓަރީގެ އަނަޓޯލީ ވްލަޝީޗޭފް އާއި ކުޑަ ހެންވޭރުގެ ކުޅުންތެރިއަކާ ދެމެދު މައްސަލައެއް ޖެހުމާ ގުޅިގެން، ދެ ޓީމުގެ ކުޅުންތެރިންނާއި، އޮފިޝަލުން އަދި ސަޕޯޓަރުން ދަނޑަށް އަރައި ހިންގި ހަމަނުޖެހުމެއްގެ ސަބަބުންނެވެ. މި ހަމަނުޖެހުމުގައި ވިކްޓަރީގެ ކޯޗު ސޮބާހު މުޙައްމަދުގެ އިތުރުން ދެ ޓީމުގެ ބައެއް ކުޅުންތެރިންނަށް ވަނީ އެކިވަރުގެ އަނިޔާވެފައެވެ. އެ މައްސަލަ ހައްލުކުރުމަށްފަހު މެޗު ފަށަން ނިންމި ނަމަވެސް، އިރުއޮއްސި ދަނޑު އަނދިރިވެފައި އޮތުމުން އިތުރަން ކުރިއަށް ދެވޭނެ ހާލަތެއް ނެތް ކަމަށް ބަލައި މެޗު ވަނީ ހުއްޓާލާފައެވެ. އެހެންކަމުން މެޗާ ގުޅޭ ގޮތުން ދެން ނިންމުމެއް ނިންމާނީ މުބާރާތުގެ ކޮމިޓީން ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ބުނެފައެވެ.

މިއަދު ކުޅުނު މެޗުގެ 12 ވަނަ މިނެޓުގައި ބެލަރޫސްގެ ފޯވާޑް އިވާން ވެރާސް ދިން ބޯޅައަކުން މުޙައްމަދު އުމައިރު ވަނީ ވިކްޓަރީއަށް ލީޑު ނަގައިދީފައެވެ. އަދި އޭގެ ދެ މިނެޓު ފަހުން ކުޒްބެކިސްތާން މިޑްފީލްޑަރު ފާރޫގް ޚައިދަރޯފް ވަނީ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މި މެޗުގައި ކުޑަ ހެންވޭރުން ފަރަގު ކުޑަކުރީ މެޗުގެ 37 ވަނަ މިނިޓުގައި އަލީ ޝަމާލް އަބްދުﷲ ޖަހައިދިން ލަނޑުންނެވެ. އެކަމަކު ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ލިބުނު ޕެނެލްޓީއަކުން އަނަޓޯލީ ވަނީ ވިކްޓަރީއަށް އަލުން ލީޑު ފުޅާކޮށްދީފައެވެ. މިއީ އޭރިއާ ތެރެއިން ވިކްޓަރީގެ އުމެއިރަށް ކުރި ފައުލަކާ ގުޅިގެން ރެފުރީ ދިން ޕެނަލްޓީއެކެވެ.

ހާލަތު ތަން ނުދިނުމާ ގުޅިގެން މެޗު ހުއްޓާލިއިރު، މި މެޗުން މޮޅުވާ ޓީމެއް ސެމީ ފައިނަލުގައި އަންނަ ހޯމަ ދުވަހު ކުޅޭނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާ ދެކޮޅަށެވެ.