ޚަބަރު

ސަރުކާރުގެ ރާޑަރުން ތ.އަތޮޅު ކައްސާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، ތަރައްޤީކުރާނަން: ރައީސް


  • ތަރައްޤީގެ ރޮނގުން ކުރިއަރާފައިވާ އަތޮޅަކަށް ހައްދަވާނެކަމަށް ވިދާޅުވި

  • ރަށްރަށުގައި އިޤްތިޞާދީ ހަރަކާތްތައް އިތުރުކުރުމަށް މަސައްކަތްތަކެއް ފަށާނެ

  • އުމްރާނީ ތަރައްޤީއާއި އިޤްތިޞާދީ ތަރައްޤީއަށް ހާއްސަ މަސައްކަތްތަކެއް ފަށާނެ

ވޭތުވެދިޔަ ދިގު މާޒީގައި ސަރުކާރުގެ ރާޑަރުން ތ.އަތޮޅު ކައްސާލާފައި އޮތްއޮތުން ނިމުމަކަށް ގެނެސް، އަތޮޅުގެ ތަރައްޤީއަށް މަސައްކަތްކޮށްދެއްވާނެކަމަށް ރައީސް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކަނޑޫދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ ކޮޅުމަޑުލަކީ ތަރައްޤީގެ ރޮނގުން އެންމެ ކުރީ ސަފުން ފުރުޞަތު ލިބޭ އަދި ތަރައްޤީވެފައި ހުރި ރަށްތަކެއް ހިމެނޭ އަތޮޅަކަށް ބަދަލުކޮށްދެއްވާނެކަަމަށެވެ. އަދި ޢުމްރާނީ ތަރައްޤީ ހޯދައިދިނުމުގެ އިތުރުން، އަތޮޅުގެ އިޤްތިޞާދު ފުޅާކުރުމަށްވެސް ސަރުކާރުން މަސައްކަތްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އަޅުގަނޑު ދޭ ޔަގީންކަމަކީ މިދިޔަ ދިގު މާޒީގައި މި އަތޮޅު ރާޑަރުން ކައްސާލާ ފަހަތަށް ދިޔަ ދިނުން ނިމުމަކަށް ގެންނާނެކަން. އަތޮޅަކީ ތަރައްޤީގެ ރޮނގުގައި އެންމެ ކުރީ ސަފުގައި ފުރުޞަތު ލިބޭ އަތޮޅަކަށް ހަދާނަން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރާއްޖޭގެ ދެކުނުގެ އަތޮޅުތަކުގެ ތެރެއިން ތ.އަތޮޅަކީ މީހުން ދިރިއުޅޭ 13 ރަށް ހިމެނޭ އަތޮޅެކެވެ. އަތޮޅުގެ އާބާދީ 10 ހާހާއި ގާތްކުރެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި އަތޮޅުގެ 10 ރަށަށް ވަޑައިގަންނަވައެވެ. އަދި ރައްޔިތުންނާއި، ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި ދަނީ ބައްދަލުކުރައްވަމުންނެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ އެ އަތޮޅުގެ ރަށްރަށަށް ކުރިމަތިވާ ދަތިތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް އޮޅުންފިލުއްވަމުންނެވެ. އަދި ކުރިމަތިވާ ދަތިތަކާއި ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް އެމަނިކުފާނު ވަނީ މި ދަތުރުފުޅުގެ ތެރެއިން ދެއްވާފައެވެ، އެގޮތުން ލަފާފުރުމުގެ ދަތިކަން ޙައްލުކޮށްދެއްވުމާއި، ސްކޫލްތަކުގެ ޖާގައިތުރުކުރުމާއި، ޒުވާނުންނަށް ބޭނުންވާ ކުޅިވަރު ފެސިލިޓީތައް ޤާއިމުކުރުމުގެ އިތުރުން ސިއްޙީ ޚިދުމަތްތައް ހެލްތު ސެންޓަރުތައް އިތުރަށް ތަރައްޤީކޮށްދެއްވާނެކަމުގެ ޔަގީންކަންވެސް ވަނީ ރައްޔިތުންނަށް ދެއްވާފައެވެ.

މި ދަތުރުފުޅުގެ ތެރެއިން ރައީސް ވަނީ ތ.ގުރައިދޫގައި އެއަރޕޯޓް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް މިއަހަރު ފައްޓަވާނޭކަންވެސް އިއުލާންކޮށްފައެވެ. މީގެއިތުރުން އަތޮޅުގައި އިޤްތިޞާދީ ފުރުޞަތުތައް އިތުރުކުރުމަށް އަމިއްލަ ރަށްތަކުގައި ތިބެގެން ދަނޑުވެރިކަންފަދަ ވިޔަފާރިތައް ކުރެވޭނެ ގޮތް ފަހިކޮށްދިނުމާއި، ރަށްރަށުގެ އިޙުތިޞާސުގައި ހުރި ފަޅު ރަށްތަށް މެދުވެރިކޮށް މަންފާހޯދޭނެ ގޮތްތައް ހޯއްދަވައިދެއްވާނެކަމުގެ ޔަގީންކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތ.އަތޮޅުގެ ރައްޔިތުންނަށް ދެއްވާފައެވެ.