ޚަބަރު

ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ގެންގޮސްދޭނަން: ރައީސް


  • ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު ބެލެހެއްޓުމުގެ ގާބިލުކަން އިތުރުކުރާނެ

  • މެއި 10 ގެ ކުރިން އިންޑިއާ ސިފައިން ފޮނުވާލަން ވަނީ ނިންމަވާފައި

ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ޤައުމު ގެންގޮސްދެއްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެމަނިކުފާނު މި ޔަގީންކަން ދެއްވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް މިހާރު ކުރިއަށްގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި އާންމު ރައްޔިތަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުންނެވެ. ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ރައީސާ ސުވާލު ކޮށްފައިވަނީ ހުޅުމާލެ ފްލެޓް ނަންބަރު 21308 އަހުމަދު ޝަރީފެވެ.

އަހުމަދު ޝަރީފުގެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުމަކީ މި ސަރުކާރުން އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ހުރިހާ މަސައްކަތެއް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ރަސްމީކޮށް ފައްޓަވާފައިވާ ކަމަށެވެ.

އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްގެންދަވަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން ކަމަށާއި މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"މިހާރު ގޮސްފައިވާ ހިސާބުން އިރާދަކުރެއްވިއްޔާ މި ފެށޭ މާޗު މަހުގެ 10 ވަނަ ދުވަހާ ހަމައަށްދާއިރު އެއް ޕްލެޓްފޯމުގެ ސިފައިން ގެންދާނަން. ދެން މެއި މަސް އަންނަންވާއިރަށް، މެއި މަހުގެ 10 ގެ ކުރިން ދެން ހުރި ޕްލެޓްފޯމުތަކުގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނަން. މިހިސާބަށް މިގެންދެވެނީ އިރާދަކުރެއްވިއްޔާ ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން،" ރައީސް ވިދާޅުވިއެވެ.


ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް މިދިޔަ ޖެނުއަރީމަހު އިންޑިއާ ސަރުކާރަށް އަންގަވާފައެވެ.

ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދިޔަ ހައި ލެވެލް ކޯ ގްރޫޕްގެ ބައްދަލުވުމަށްފަހު ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ 3 ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އެއްބަސްވެފައިވާ ކަމަށެވެ.

ރައީސް ވަނީ ރާއްޖޭގެ އަމިއްލަ ޤާބިލުކަން އިތުރު ކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވެސް ވިދާޅުވެފައެވެ. އެގޮތުން، މާޗު މަހުން ފެށިގެން މެޑިކަލް އިވެކުއޭޝަންތައް ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި ރާއްޖޭގެ ޚާއްސަ އިޤްތިޞާދީ ސަރަހައްދު އަމިއްލައަށް ބެލެހެއްޓޭނެ ގާބިލުކަން އިތުރު ކުރައްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.